މީޑިއާތައް ކޮންޓްރޯލްކުރާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް އުފައްދަވައިފި

މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.މީޑިއާ ކޮންޓްރޯލް ގާނޫނު ރައީސް އިއްޔެ ތަސްދީގު ކުރެއްވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރަމުން އައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ވަނީ އުވިފަ އެވެ. ރައީސް އޮފީހުން ރޭ ބުނީ، މީޑިއާ ކޮންޓްރޯލް ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ ރައީސް މިރޭ އުފައްދަވާފައިވާ ކަމަށެވެ. މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ.ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލްގައި ފުރަތަމަ އޮތީ ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު، ފަހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފަ އެވެ. އެކަމަކު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަން އަދި އިންޓަނެޓުގައި ފާޅު ކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. އެ ގާނޫނު އުވާލަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ