އަޖޭގެ އެކްޝަން އެޑްވެންޗާ އަންނަ އަހަރު

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ އެކްޝަން އެޑްވެންޗަ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު އިއުލާނުކޮށްފިއެވެ. އަޖޭގެ އިތުރުން ސަންޖޭ ދަތު އަދި ބަތަލާ ތަމަންނާ ބާޓިއާ މުހިއްމު ރޯލް ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހަށެވެ. ވަގުތީ ނަމެއްގެ ގޮތުގައި "ރޭންޖާ"ގެ ނަން ދީފައިވާ މި ފިލްމަކީ މިދިޔަ އަހަރުން ފެށިގެން މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ފިލްމެކެވެ. މިހާތަނަށް މި ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އިއުލާނުކޮށްފައިނުވާއިރު މިއީ އަޖޭގެ އެކްޝަން ފިލްމުތަކަށް ލޯބިކުރާ މީހުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އަޖޭ ދޭވްގަން ޑައިރެކްޓަރު ލަވް ރަންޖަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" ގެނެސްދިން ޖަގަން ޝަކްތީއެވެ. އަންނަ އަހަރު އަޖޭގެ ފިލްމު "ދަމާލް 4" ވެސް ރިލީޒްކުރަން ތާވަލުކޮށްފައި އޮތްއިރު އެ ފިލްމުގެ މަސައްކަތް އަދި ވެސް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. ފިލްމު "ރޭންޖާ"އަކީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު އަޖޭ އެކްޝަން ފިލްމަކުން ފެންނާނެ ފިލްމަކަށްވާތީ މި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހަކަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ އިންތިޒާރުކުރަމުންނެވެ. އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ލަވް ރަންޖަން، އަންކުރް ގާގް އަދި އާނަންދު ޕަންޑިތު ހިމެނެއެވެ. އަޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ލަވް ރަންޖަން ސްކްރީންޕްލޭ ތައްޔާރުކޮށް އަންޝުލް ޝަރުމާ ޑައިރެކްޓްކޮށް މި މަހުގެ 14ގައި ގެނެސްދިން ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ