ދުންފަތުން ޖެހޭ ބަލިތަކުން ދުރުވުމަށްޓަކައި އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒިރު މިފަދައިން ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ގައިގައިން ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ޚާއްސަ އިސްކަމެއްދޭން ޖެހިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ރާއްޖެ އެކަނި ތަހައްމަލު ކުރަމުންދާ ކަމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ސިއްޙީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ގައިގައިން ނާރާ ބަލިތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތަޢާރަފް ކުރާއިރު މި ތިން ކަމަށް ރިއާޔަތްކުރައްވާނެ ކަމަށެވެ.
ދުންފަތުގެ ނުރައްކަލާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް އާންމުންނަށް މައުލޫމާތުދީ، މިކަން ހުއްޓަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިޒޭޝަން ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ދުންފަތާ ދުރަށްދާން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.
ދުންފަތުން ޖެހޭ ބަލިތަކުން ދުރުވުމަށްޓަކައި އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ