ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ހަވާލުކުރީ "ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އޮންނަ އިޖުރާތްތައް ފުރިހަމަކޮށްގެން" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައި ނެތް ތިން ކުންފުންޏަކަށް ޖުމުލަ 52 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަން ފަޅާއަރައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އިމާރާތް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ޕްރޮޖެކްޓުތައް ހަވާލުކުރި ތިން ކުންފުންޏެއް، ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތެވެ. އެއީ އެފްޖޭ ޑިޒައިން އާއި، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އަދި އެވޯކާ ޕްރައިވެޓް ލިމިޓެޑެވެ.
އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި ފަސް ކްލާސްރޫމާއި ހަ ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.
އެފްޖޭ ޑިޒައިންއާ ހަވާލުކޮށްފައި ވަނީ ހަތް ރަށެއްގައި ޕޮލިސްޓޭޝަން އިމާރާތް ކުރުމުވެ. އެއީ، ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ. މަޑުއްވަރި، ތ. ގާދިއްފުށި އަދި ދިޔަމިގިލީ ޕޮލިސް ސްޓޭޝަންގެ އިމާރާތެވެ. މި ހަތް މަޝްރޫއުގެ ޖުމުލަ އަގަކީ 17.5 މިލިއަން ރުފިޔާ އެވެ.
އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ ވެސް ހަވާލުކޮށްފައި ވަނީ ފަސް ރަށެއްގެ ޕޮލިސް ސްޓޭޝަންތަކެވެ. އެއީ ކ. ދިއްފުށި، ބ. ހިތާދޫ، ކިހާދޫ، ދޮންފަނު، އަދި ކުޑަރިކިލު އެވެ. މި މަޝްރޫއުތަކުގެ އަގަކީ 13 މިލިއަން ރުފިޔާ އެވެ.
ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީނުކޮށް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. އެ ފަދަ ހުއްދައަކަށް ހުށަހެޅޭނީ ވެސް ދަފުތަރުގައި ރަޖިސްޓްރީ ވެފައި އޮންނަ ކުންފުންނިތަކަށެވެ. ދަފުތަރުގައި ރަޖިސްޓްރީ ނުކުރާނަމަ 250،000ރ. އާ ހަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
"އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރާނަމަ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވާން ވާނެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުވެ ކޮންޓްރެކްޓަރެއް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް،" ގަވާއިދުގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން، މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ހުއްދަ ބާތިލުވެފައިވާތާ އެތައް އަހަރެއް ވެފައިވާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީން ދައްކަ އެވެ.
ނަމަވެސް، މަޝްރޫއުތައް ހަވާލުކުރަން ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސައްކަތްތައް ހަވާލު ކޮށްފައިވާނީ ގާނޫނާއި ގަވާއިދާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.
"މި ސޮއިކުރެވިގެންދިޔަ އެއްބަސްވުންތައް ސޮއިކުރެވިގެން މި ދިޔައީ، މި ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ، ވަރަށް ގިނަ ދިވެހި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުމާއި، އިތުބާރާއެކު، އެ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ގަސްދުކޮށް، އެކަމަށް ކުރިމަތިލައްވާ، އަދި އެކަމުގައި ގާނޫނުތަކުގައި، ގަވާއިދުތަކުގައި، އިޖުރާތްތަކުގައި ހުރި ކަންކަން ވަރަށް ފުރިހަމައަށް ތަރުތީބުކޮށް، ހުށަހަޅައި ކަންކަން ފުރިހަމަކުރުމުގެ ސަބަބުން،" މުއިއްޒު ވިދާޅުވި އެވެ.
ބީލަމަށް ނުލައި ޕްރޮޖެކްޓުތައް ބަހާލުން ރަނގަޅުކަން ދެއްކުމަށްޓަކައި އެ ޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
"ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލުވެގެންދާ ގޮތަށް ކަންކަން ކުރެވޭނެގޮތް ތަރުތީބުކޮށްގެން، މި ކުރަނީ. ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ގޮތަށް، ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް، ގާނޫނާއި ގަވާއިދާ އެއްގޮތަށް، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޒިންމާދާރުކަމާއެކީގައި އަދާކުރުމުގެ ފުރިހަމަ ނިޔަތުގައި، ފުރިހަމަ އަޒުމުގައި، މި މަސައްކަތްތައް މުޅި ސަރުކާރު ގުޅިގެން ކުރިއަށް މި ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނެތް ތިން ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓު ބަހާލި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނެތް ތިން ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓު ބަހާލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ