ސަރުކާރުން އަންނަ އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަން ސަރުކާރުން އަންނަ އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަން

އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރަން ޖެހޭ ފަތުރުވެރިންގެ އަދަދު ނުވަތަ ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަން ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން، އަންނަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރާ އަދަދަކީ 2.4 މިލިއަން އެވެ. މިއީ މި އަހަރަށް ސަރުކާރުން ފުރަތަމަ ކަނޑައެޅި ޓާގެޓަށްވުރެ ލައްކައެއް އިތުރު އަދަދެކެވެ.
މި އަހަރުގެ ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.3 މިލިއަން ނަމަވެސް، ސަރުކާރުން މިހާރު ލަފާކުރާ ގޮތުގައި އެ އަމާޒަށް ވާސިލެއް ނުވެވޭނެ އެވެ. މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވަނީ 2.2 މިލިއަން އެވެ.
އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ 6.8 ޕަސެންޓު ކުރި އަރާނެ ސަރުކާރުން އަންދާޒާ ކުރެ އެވެ. މިއީ މި އަހަރު އެ ދާއިރާ ކުރި އަރާނެ ކަމަށް ލަފާކުރި 8.8 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ.
އަންނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސްގެ ކުރިއެރުން ދަށްވާނެ ކަމަށް ވެސް ބަޖެޓުގައި ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ބެޑް ނައިޓްސްގެ ކުރިއެރުން ހުރީ 7.7 ޕަސެންޓުގަ އެވެ. އެ ޕަސެންޓު އަންނަ އަހަރަށް 7.2 ޕަސެންޓަށް ދައްވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
ބެޑް ނައިޓްސް ދަށްވުމަކީ ޓޫރިޒަމް ދާއިރާގެ އަދި ސަރުކާރަށް ލިބޭ ޓެކްސްގެ އާމްދަނީއަށް ސީދާ އަސަރުކުރާނެ ކަމެކެވެ.
މި އަހަރު ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނީ 10.7 ބިލިއަން ރުފިޔާ އެވެ. އެ އަދަދު އަންނަ އަހަރު 11.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ސަރުކާރުން މިހާރު ލަފާކުރާ ގޮތުން މި އަހަރު ވެގެންދާނީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި އަހަރު ފިޔަވާ މި ފަހުގެ ތާރީހެއްގައި ސަރުކާރުން އަންދާޒާކުރި އަދަދަށް ޓޫރިސްޓުން ނާންނާނެ ފުރަތަމަ އަހަރަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށިގެން ނޮވެމްބަރު 4، ގެ ނިޔަލަށް 1.85 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.8 ޕަސެންޓުގެ އިތުރުވުމެއް ނަމަވެސް ސަރުކާރުން އަންދާޒާކުރި ވަރަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމަކުން ނުދެ އެވެ.
ޓޫރިސްޓުންގެ ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސުން ލަފާކޮށްފައިވާއިރު، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ ޓާގެޓަށްވުރެ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށް އެޕްރީލް މަހުގެ ކުރީކޮޅު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ޖުލައި 26، ގައި ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއެކު ރާއްޖެ ދަތުރުކުރާ ފްލައިޓުތައް އިތުރުވެ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް، އެ މަންޒަރު ނަމްބަރުތަކުން ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ