ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

28 ވަނަ ބަޔާ ގުޅޭ
އިވާން ލަސް ހިނގުމެއްގައިގޮސް އަލަމާރިއާ އިންވެގެންހުރި ރީތިވާ މޭޒުދޮށުގައި ހުއްޓިލި އެވެ. ލޯގަނޑަށް ބަލަންހުރެ، ބޯވެފައިވާ ތުނބުޅިއާއި، ކަނދުރާއާ ހަމައަށް ދިގުވެފައި އޮތް އިސްތަށިގަނޑުގައި އަތްފުނާ އަޅައިލީ އޭނާގެ އާ ސޫރައަށް އާދަވާން މަސައްކަތްކުރާ ފަދައަކުންނެވެ. އެހެނީ އެ ލޯގަނޑުން އޭނާއަށް ފެންނަމުންދިޔައީ މުޅީން ބީރައްޓެހި މީހެކޭ ނުބުނެވުނަސް އެ ސިފައާއި، ރޫފައާއި. އަންނައުނުގައި އޭނާއަށް ފެންނަމުންދިޔައީ އޭނާއެއް ނޫނެވެ. އެވަގުތު އެ ލޯގަނޑުން އޭނާއަށް ބަލަހައްޓައިގެން ހުރީ އޭނާއާ އެއްމާބަނޑު ފިރިހެން ކޮއްކޮގެ ތަސްވީރެކެވެ.
"ލަކްޝްމީ.. އިވާން އައިސްފިތަ؟ އިވާން؟" އިވާންއަށް ލޯގަނޑާ ދުރަށް ޖެހިލެވުނީ މީހަކު އޭނާއަށް ގޮވަން ފެށުމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލީ ކުރުތާ ހެދުމެއްގައިހުރި މެދުއުމުރުގެ އަންހެނެކެވެ. ނަމަވެސް އޭނާގެ ޒުވާންކަން ދެމެހެއްޓުމަށްޓަކައި ހޭދަކޮށްފައިވާ ފައިސާއާއި، ކުރާ މަސައްކަތް އޭނާއަށް ބަލައިލި ކޮންމެ މީހަކަށްވެސް ފެންނާނެ އެވެ. ޒަމާނީ ގޮތަކަށް ކޮށައި، ފަންކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑާއި، ހަށިގަނޑުގެ ލޫޅާފަތިކަމާއި މޫނުގައިވާ ތާޒާކަމުން އަދިވެސް އޭނާ ހީވަނީ ޒުވާން ޖިންސުއްލަތީފެއް ހެނެވެ.
"މަންމަ ހީކުރީ ހަމަ އިދާން ކަމަށް. މިހާރު އެންމެ ތަފާތެއްވެސް ނެތް" ނިސްރީން އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ލަސްފިޔަވަޅު ތަކެއްގައި އައިސް އިވާންގެ ކޮނޑުގައި ފިރުމައިލި އެވެ. އިވާންގެ އަނގައިން ބަހެއް ނުބުނިތާނގައި މަންމައަށް ހިނިތުން ވެލާކަށްވެސް ނޫޅުނެވެ. އެހެންކަމުން ދެންވެސް ވާހަކަދައްކަން ޖެހުނީ ނިސްރީނަށެވެ. "އަދި ކިރިޔާ ބާޒާރުކޮށްގެން މި އާދެވުނީ. މިހާރު ލަކްޝްމީއާ ދެމީހުންވެގެން ރަނގަޅު އެއްޗެއް ކައްކާލަން މި އުޅެނީ. ވަރަށް ބަނޑުހައިތަ؟ ކެކުނީމަ ދޯ ކާނީ؟" އޭނާ ބުންޏެވެ.
އިވާން އެންމެ ރަނގަޅޭބުނެ ބޯޖަހައިލި އެވެ. ކުރިން ހަށިގަނޑަށް ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވިޔަސް ދުވަހެއްގެ ބޮޑުބައި ހައިބަނޑާ ވޭތުކޮށްލުމަކީ މިހާރު އޭނާއަކަށް މާ އުނދަގޫ ކަމެއް ނޫނެވެ. ނިސްރީން ކޮޓަރިން ނުކުތުމުން އޭނާ އެނދުގައި އޮށޯވެލީ އިރުކޮޅަކު އަރާމުކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް ފާއިތުވެދިޔަ ހަ މަސްދުވަހު ކުނަލެއްފަދަ ދެފުށްޖެހިފައިވާ ގޮދަޑިއެއްމަތީގައި ނިދަމުންދިޔަ އިވާންއަކަށް އެ އެނދުގެ މަޑު ތަންމަތި ކަމަކުނުދިޔަ އެވެ. އޭނާގެ ހަށިގަނޑުގައި އަޅަން ފެށީ އިތުރު ވޭނެކެވެ. ހީވީ ބުރަކަށި ބިންދައިގެން ހިނގައިދާނެ ހެނެވެ. އެންމެފަހުން އޭނާ އެނދުން ތެދުވެ ގައިމަތީގައި އަޅަން އޮތް ރަޖާ ބިންމަތީގައި ފަތުރައިލުމަށްފަހު އޭގެ މަތީގައި އޮށޯވެލި އެވެ. ގަޑިއެއްހާއިރު ފަހުން ދެން އަނެއްކާވެސް ދެލޯ ހުޅުވައިލެވުނީ ނިސްރީންގެ އަޑަށެވެ. އޭރު ނިސްރީން ހިނިތުންވުމަކާއެކު އޭނާގެ އަތުގައި ހިފަހައްޓައިލައިގެން އިނެވެ.
"އާދެ ކާން" ނިސްރީންގެ ބަހަށް ބޯ ޖަހައިލުމަށްފަހު އިވާން އޮތްތަނުން ތެދުވެ ހަމަ އިސްކޮޅަށް ދެމިލި އެވެ. ކާއެއްޗެހީގެ މީރުވަހުން އެއްވަސްވެފައިވާ ތަނަވަސް ސިޓިންގްރޫމަށް ނުކުމެ މޭޒުދޮށުގައި އިށީނެވެ. އޭނާއާ ޖެހިގެން އިން ގޮނޑީގައި އީވީ އައިޕެޑެއް ހިފައިގެން އިނެވެ. ނިސްރީން އިށީނދެލީ މޭޒުގެ އަނެއް ފަރާތުގަ އެވެ.
"ބޭބެ ކޮބާ؟" އެދުވަހުގެ ފުރަތަމަ ފަހަރަށް އިވާން ނިސްރީނާ ވާހަކަދެއްކި އެވެ. ނިސްރީން ވަކި ޖަވާބެއް ނުދިނެވެ. އޭނާގެ އުޖާލާ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. އެއާއެކު އިވާންއަށް ވީގޮތް ނަގައިގަނެވުނެވެ. "މަންމައަށްވެސް ނޭނގޭ ދޯ އޭނަ ވީ ތަނެއް؟" އިވާން ދެފަރާތަށް ބޯ ހޫރައިލަމުން ތައްޓަށް ކާން އެޅި އެވެ.
އިވާން ކައި ނިންމައިލުމަށްފަހު ނިސްރީނާ ވަކިން ވާހަކަ ދައްކައިލަން ބޭނުން ކަމަށް ބުނުމުން ނިސްރީން އިވާން ގޮވައިގެން ނުކުތީ ހިޔާކޮށްފައިވާ ތަނަވަސް ބެލަކަންޏަށެވެ. މަސްނޫއީ ވިނަ ކާޕެޓެއް އަޅާފައިވާ އެ ބެލްކަނީގެ އެއްފަރާތުގައި އުނދޯއްޔަކާއި އައުޓްޑޯރ ސޯފާތަކެއްގެ އިތުރުން ތިރި ކޮފީމޭޒެއް ބަހައްޓާފައިވެ އެވެ. އެމީހުންގެ މިސްރާބުހުރީ އެ ދިމާލަށެވެ.
"އީވީ ކިހިނެއް؟" އިވާން އިށީނދެލީ އުނދޯލީގަ އެވެ.
"އީވީވެސް.. މަންމަވެސް ރަނގަޅު" ނިސްރީން ޖަވާބު ދިނެވެ. "ދަރިފުޅު ކިހިނެއްތަ؟ މަންމައަށް ވަރަށްބޮޑު ޝޮކެއް ލިބުނީ ހަބަރުން އިވާންގެ ވާހަކަ ފެނުނީމަ. އެކަމަކު މަންމައަށް އެނގޭ އެއީ ދޮގެއްކަން. އެއީ އިވާން ދުވަހަކުވެސް ހަމަހޭގަ ހުރެގެން ކުރާނެވަރު ކަމެއް ނޫން"
"އެ ހަބަރު ރަނގަޅަށް ކީނަމަ މަންމައަށް އެނގޭނެ އަހަރެން ހުރީ ހަމަހޭގަ ނޫންކަން" އިވާން ހިތިގޮތަކަށް ހިނިތުންވެލި އެވެ.
"މަންމަ އުޅުނިން ބޭބެގާތު އިވާންގެ ވާހަކަދައްކަން. އިވާން އެތަނުން ނެރެން. އެކަމަކު އިވާން އެ ގޮތް ބޭނުން ނުވާނެތީ އަޅާނުލީ" ނިސްރީން ބުންޏެވެ.
"މަންމަ ތި ކަންތައްކުރީ ރަނގަޅަށް. އަހަރެން ހަމަ ހަގީގަތުގަވެސް އެގޮތް ބޭނުން ނުވީސް" އިވާން ބޯ ޖަހައިލި އެވެ. "އަހަރެންގެ ދިރިއުޅުމުގެ ކުޑަވެސް ކަމެއްގަ އޭނަ ބައިވެރި ކުރާކަށް އަހަރެން ބޭނުމެއްނޫން. ސްކޫލު ނިމުނު ގޮތަށް އަހަރެން މިތަނުން ސަލާމަތްވީ ވެސް އެހެންވެކަން މަންމައަށް އެނގޭނެ. މިއަދު ގޮތެއް ނެތިގެން މިގެއަށް އަޔަސް އަހަރެން ބޭނުމެއްނޫން މިތާ މާ ގިނަދުވަހު ހުންނާކަށް" އޭނާ އިތުރުކޮށްލި އެވެ.
"އެއީ ކީއްވެ؟ އިވާން ބޭނުން ދުވަހެއްވަންދެން މި ގޭގަ ހުރެވޭނެ" ނިސްރީންގެ ދެބުމަ ގޮށްޖެހުނެވެ.
"މަންމަ ނިކަން ތެދަށް ބުނެބަލަ. މަންމައަށް ތި ދިރިއުޅުން ކަމުދޭތަ؟ އޭނަ ދާތަނެއް.. އުޅޭ ތަނެއް.. ކުރާކަމެއް މަންމައަށް ގިނަފަހަރު ނޭނގޭ. މަންމަ ކީއްވެ ހުރިހާކަމެއް އެނގިހުރެ އޭނައާ ކައިވެނިކުރީ؟" އެއީ އިވާން ވިސްނައި ވިސްނައިވެސް ޖަވާބު ނުލިބުނު ސުވާލު ތަކެކެވެ.
"ލޯބިވާތީ. އަހަރެން އަބަދުވެސް ލޯބިވީ ފަރުހާންދެކެ. ސްކޫލުގަ އުޅުނު އިރުވެސް. އެއަށްފަހުވެސް. ފަރުހާންގެ އުޅުން ހުރިގޮތް އަހަރެންގެ މައިންބަފައިންނަށް ކަމުނުދާތީ އަހަރެން އާޒިމާމަންމަ ގާތަށް ފޮނުވާލީ އާޒިމާމަންމަގެ ފިރިހެން ދަރިފުޅާ ކައިވެނި ކުރުވަން ހުރިހާކަމެއް ނިންމާފަ. ހުސައިންއާ އަހަރެން ކައިވެނިކުރީ އުމުރުން އެންމެ އަށާރަ އަހަރުގަ. ވިހި އަހަރު ނުވަނީސް އަހަރެންނަށް ތި ދެބެއިން ލިބިއްޖެ. އަހަރެންގެ ޒުވާން އުމުރު އަހަރެންނަށް ގެއްލުނީ.. ހުސައިންގެ މަރު ދުވަހާ ޖެހެންދެންވެސް އަހަރެން އިނީ ލޯތްބެއް ނެތް ކައިވެންޏެއްގަ ހައްޔަރުވެފަ. އަހަރެން މާލެ އައިމަ ފަރުހާން އަނެއްކާވެސް އަހަރެން ގަބޫލުކުރީ.. މިހާރު ބޭނުންވަނީ އުމުރުގެ ބާކީ ދުވަސްތައް ފަރުހާނާއެކު ހޭދަކުރަން" ނިސްރީންގެ ޖަވާބު ސާފެވެ. އިވާން އިނީ ބަސްހުއްޓިފަ އެވެ. "އެކަމަކު މަންމަ އީވީއާ ދޭތެރޭ ނުވިސްނަންތަ؟ އީވީގެ ދިރިއުޅުން ތި ހަލާކު ކޮށްލަނީ ކީއްވެ؟" އޭނާއަށް އަހައިލެވުނެވެ.
"އީވީގެ ދިރިއުޅުން ހަލާކެއް ނުވޭ.. އީވީ އުޅެނީ ވަރަށް އުފަލުގަ" ނިސްރީންގެ މޫނު އަނބުރައިލީ އިވާންއާ ދުރަށެވެ.
"އެހެންތަ؟ މިއަދު އީވީއަށް ތިހެން ހީވެދާނެ. މިއަދު އީވީއަށް ނޭނގިދާނެ އީވީ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެނީ ހަރާމް ފައިސާއިން ކަން. މިއަދު އީވީއަށް ނޭނގިދާނެ އީވީ ދިރިއުޅެނީ ވިޔަފާރީގެ އުސޫލުން ހިންގޭ މާރާމާރީތަކުން ލިބޭ ފައިސާއިން ކަން. މިއަދު އީވީއަށް ނޭނގިދާނެ އީވީގެ ބައްޕައަކީ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ކޮރަޕްޓް ލާރިން ފަންޑުކޮށްގެން ހިންގާ ގަތުލު އާންމުތަކުން ފައިސާ ހޯދާ މީހެއްކަން. މިއަދު އީވީއަށް ނޭނގިދާނެ އީވީގެ ބައްޕަގެ މުއްސަނދި ކަމަކީ މަސްތުވާތަކެތި ގެނެސް އޭގެ ވިޔަފާރިން އެތައް ޒުވާނުންގެ ދިރިއުޅުން ހަލާކުކޮށްގެން ހޯދާފައިވާ މުއްސަނދި ކަމެއްކަން. އެކަމަކު އެނގޭ ދުވަހަކުންނޯ؟" އިވާން ވިސްނައިދޭން މަސައްކަތްކުރި އެވެ. "މާތް ރަސްކަލާނގެ ރަޙްމަތްފުޅާއެކު އީވީ ހެޔޮގޮތުގައި ބޮޑުވެ، އީވީގެ ބައްޕައަކީ ގޭންގު އޮޕެރޭޓްކުރާ ޑޮންއެއް ކަން އެނގޭ ދުވަހަކުން އީވީ އެ ބައްޕައަށް އިހުތިރާމް ކުރާނެތަ؟ މަންމަ އެކަމަށް ހިތްވަރުދޭކަން އެނގޭ ދުވަހަކުން މަންމައަށް އިހުތިރާމް ކުރާނެތަ؟" އިވާން ސުވާލުކުރި އެވެ.
"ތަނަވަސް ދިރިއުޅުމެއް ބޭނުމިއްޔާ އީވީވެސް ޖެހޭނީ ހުރިހާކަމެއް ގަބޫލުކުރަން.. އީވީގެ މަންމަވެސް ބައްޕަވެސް އީވީއަކަށް ދެރަގޮތެއް ނޭދޭނެ. އެހެންނޫނަސް އަހަރެން ހެޔޮގޮތުގަ ބޮޑުކުރި ދަރިއެއް އިވާންއަކީވެސް. އިވާންގެ ދިރިއުޅުން އައިސްފަ އޮތް ހިސާބު އިވާން ވިސްނާލަބަލަ. އިވާންއަށް އެބައޮތްތަ އަހަރެންގެ ފިރިމީހާއާ ދިމާލަށް އެއްޗެކޭ ބުނެވެން؟" ނިސްރީންގެ ތޫނު ބަސްތަކުން އިވާންއަށް ހަމަލާ ދިނެވެ.
"ވައި އޭމް އައި އިވަން ޓޯކިންގް ޓު ޔޫ؟ އިޓްސް ޔޫސްލެސް!" އިވާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އިތުރަށް ނިސްރީންއާ ވާހަކަވެސް ދައްކާކަށް ބޭނުމެއްނުވި އެވެ. ނަމަވެސް އޭނާއަށް މި ވަނީ ނިސްރީންގެ އެހީއަށް އެދެން މަޖުބޫރުވެފަ އެވެ.
"މަންމައަށް އަހަރެން ބުނާ ކަމެއް ކޮށްދެވިދާނެތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އިވާން އަހައިލި އެވެ. ނިސްރީން ކޮންކަމެއްހޭ އަހައިލާ ފަދައަކުން އިވާންއަށް ބަލައިލި އެވެ. "އޭނައަށް ނާންގާ އަހަރެން ރަށަށްދާން ޓިކެޓެއް ނަގާދެވިދާނެތަ؟ އޭނަ ހޯދާ ފައިސާގަ ޖެހޭކަށް އަހަރެން ބޭނުމެއްވެސް ނޫން އެކަމަކު އަހަރެންނަކަށް އެންމެ ދުވަހަކުވެސް މިތާ މަޑެއް ނުކުރެވޭނެ. ބޭންކާ ގުޅައިގެން އެކައުންޓް އަލުން ލިބުނުހާ އަވަހަކަށް އަހަރެން ފައިސާ ރައްދު ކޮށްދޭނަން" އިވާން ބުންޏެވެ.
************
ރަށުގެ ހިމޭން ބަނދަރަށް ލާންޗު ލެފުމާއެކު އިވާން އެއްކޮނޑުގައި ދަބަސް އަޅުވާލައިގެންހުރެ ލާންޗުން ފޭބި އެވެ. މާ ދުރުނޫން ހިސާބެއްގައި ހުންނަ ގެއަށް ދިޔުމަށް ފައި މަގުގައި މިސްރާބުޖެހިއިރު ލިބިފައިވާ ހާސްކަމުން އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔަ އެވެ. ވާނީވެސް އެހެންތާ އެވެ. މެންދުރުގެ ހޫނުގަދަ އަތްވަށްވުރެ ހޫނު ކަމެއް އޭނާއަށް އިހުސާސްވަމުން ދިޔައީ މަގުގައި ހިނގައި ބިނގައިވެ އުޅޭ މީހުން އޭނާއާ ބަދަލުކޮށްލާ ނަޒަރުންނެވެ. އެ ނަފްރަތުގެ ލޯތަކުން ހީވަނީ އޭނާ ފިއްސައިލައިފާނެ ހެނެވެ. ކުރިން އޭނާ ފެންނައިރަށް ހިތްހެޔޮކަމާއެކު ހިނިތުންވެލާ ތުންފަތްތަކުގައި މިހާރުވަނީ މަލާމާތާއި ފުރައްސާރަ އެވެ.
އިވާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ގެއަށްވަދެ މައި ދޮރާށި ލައްޕައިލުމަށްފަހުގަ އެވެ. ކުރިއަށް ހިނގައިގަތުމުގެ ކުރިން އޭނާ ގޭގެ އެތަން މިތަނަށް ނަޒަރު ހިންގައިލި އެވެ. ވިނަވެފައިވާ ގޯތި ތެރޭގައި އެއްވެސް ދިރުމެއް ނެތެވެ. ކުރިން ގެއަށް ވަނުމާއެކު އިވޭ މާމައާއި އައިލީންގެ ކޯޅުމުގެ އަޑެއް މިހާރަކު ނީވެ އެވެ. ކުރިން އެ އަޑަކާއިހުރެ ތުރާލަކަށްވެފައި ހުންނަ މާމަގެ ރޭޑިޔޯގެ އަޑުފަށްގަނޑެއްވެސް މިހާރަކު ނެތެވެ. އެ ހަނދާންތަކުން އިވާންގެ ހިތުގައި ބަޔާންކުރަންދަތި ރިހުމެއް އުފެދުނެވެ. ލޯބިވާ މާމަ ދުނިޔެ ދޫކޮށްފިކަން ގަބޫލުކުރަން އަދިވެސް އޭނާއަށް ދައްޗެވެ. މޭ ފިތޭހެން ހިވާން ފެށުމާއެކު އިވާން ތަންކޮޅެއް ބޮޑަށް އިސް އުފުލައިލަމުން ހަށިގަނޑު ސީދާކޮށްލި އެވެ. ގޭގެ ދެވަނަ ފަންގިފިލާގައިހުރި ބެލްކަނިތައް އޭނާގެ ލޮލުގައި އަޅައިގަތީ އެހިސާބުންނެވެ. އިސާހިތަކު މައިރާގެ ހަނދާންތަކުން ހިތަށް އުނދަގޫވެ އިހުނަށްވުރެވެސް ގިލަންހުރި ވޭނެއް އޭނާގެ މޭގައި އުފެދުނެވެ. އެ ވޭނަށް ކެތްކުރާހާލު އިވާން އިސްޖަހައިލަމުން ކުރިއަށް ހިނގައިގަތެވެ. ގޭގެ ސިޓިންގްރޫމަށް ވަދެވެންހުރި ދޮރު ތަޅުލާފައި ހުރުމުން އޭނާ ފުރަތަމަ ގޮސް ވަނީ އެ ގޯތި ތެރޭގައިހުރި ޓިނު ގަރާޖަށެވެ. އެ ގަރާޖުގައި އޭނާ ބަހައްޓާފައިހުރި ގިނަ ގިނަ ތަކެތި މަދުވެފައިވާކަން އިވާންއަށް ވަގުތުން އެނގުނެވެ. އޭނާ އެކަމަކާ ހައިރާނެއް ނުވި އެވެ. ގެއެއްގައި މީހުން ނޫޅެ އެހާ ގިނަދުވަސް ވާއިރު އެގެއަކުން ވައްކަންވެސް ކުރާނެކަން އޭނާ ދަނެ އެވެ. ގަރާޖުގެ ތެރެއިން އޭނާ ހޯދަމުންދިޔަ އެ ގޭގެ 'ސްޕެއަރ' ތަޅުދަނޑި ފެނުނު ކަމަށްޓަކައިވެސް އޭނާ މާތްރަސްކަލާނގެއަށް ހަމްދުކޮށް އެތަނަށް ވަތް ވަގުންނަށްވެސް ހިތާހިތުން ޝުކުރުކުރި އެވެ. އެއަށްފަހު ގެއަށް ވަނުމަށް އަވަސްވެގަތެވެ.
ހިރަފުސްވެފައިވާ ގޭގައި ކަރަންޓެއް ނެތެވެ. އެހެންކަމުން ދެވަނަ ފަންގިފިލާއަށް ގޮސް ކޮޓަރީގައި ދަބަސް ބަހައްޓައިލުމަށްފަހު އިވާން އޭގެއިން ނެގި ތުވާލި ހިފައިގެން ފޭބީ ތިރިއަށެވެ. ފާހަނަތަކަށް ފެންވެސް ނުލިބޭނެކަން އެނގޭތީއާއެކު އާޒިމާ އުޅުނު ކޮޓަރީގެ ފާހަނައިގައި ހުންނަ ވަޅުދޮށުގައި އޭނާ މަޑުކޮށްލި އެވެ. އަނދިރީގެ ތެރޭގައިހުރެ ވަޅުން ފެންވަރައި ތައްޔާރު ވެލައިގެން ނުކުތުމަށްފަހު އޭނާގެ ފުރަތަމަ މަންޒިލަކަށްވީ އެ ކޮޓަރިއަކުން އޭނާ ހައްޔަރު ކުރެވުނު ކޮޓަރި ކަމަށްވާ އޭނާގެ 'ސްޓަޑީ' އެވެ. އެތަނުގައިހުރެ އެތައް އިރަކު އެރޭގެ ހާދިސާ ހަނދާން ކުރެވޭތޯ އޭނާ މަސައްކަތްކުރި އެވެ. އެހެނަސް މައިރާއާއެކު ހޭދަވި ގާތްގޯޅި ވަގުތުތަކާ ހިސާބުން ކޮންމެ ފަހަރަކުވެސް އޭނާގެ ސިކުނޑި ހަމަ މަސައްކަތް ކުރުން ހުއްޓައިލަނީ އެވެ. އެރޭގެ މަންޒަރުތައް އަދިވެސް އޭނާއަށް ސިފަވަމުންދިޔައީ ފުސްކޮށެވެ. ފުން ވިސްނުމެއްގައި ހުރުމަށްފަހު އޭނާ އަނެއްކާވެސް ގޮސް ވަނީ ގަރާޖަށެވެ. އެތަނުގައި އޮތް ބައު ބީ.އެމް.އެކްސް ބައިސްކަލެއްގައި މާލެއިން ގެނައި ޗޭނެއް އަޅުވައިލުމަށްފަހު އެޔަށް އަރައިގެން ހަލުވި ދުވެއްޔެއްގައި ރަށުގެ ކައުންސިލް އިދާރާއާ ދިމާލަށް ދުއްވައިލި އެވެ.
**************
ކޮމްޕިއުޓަރުގެ ސްކްރީނުން ފެންނަމުންދިޔަ ބަޖެޓުގެ ނަންބަރުތަކަށް ގެއްލިފައި އިން ޝާވިން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ކެބިންގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އިސް އުފުލައިލިއިރު އެ އިދާރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފަކު ކެބިންގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.
"މިއީ... މީހަކު އައިސް އެބަހުރި. ބައްދަލުކޮށްލަން" އެ މުވައްޒަފަކު ބުންޏެވެ.
"ވަރުގަދަ ބައެކޭ މިއީވެސް. މިރޭ އޮންނަ ޓައުން-ހޯލް ބައްދަލުވުމާ ހަމައަށްވެސް ހަމަ މަޑުކޮށް ނުލެވުނު ދޯ. ބުނޭ މިގަޑީގަ އަހަރެން ބިޒީއޭ" ޝާވިން ހިތްހަމަ ނުޖެހުނެވެ. އަތޮޅު ކައުންސިލްގެ ރައީސަކަށް އޭނާ އިންތިހާބުވި ފަހުން ކޫސަނި ކަންކަމުގައި އޭނާގެ ވަގުތު ބޭކާރު ކުރަން އަންނަ މީހުން މަދެއް ނޫނެވެ. ގިނަފަހަރު އޭނާ ޝަކުވާއަކާ ނުލައި އެމީހުންނާ ބައްދަލު ކުރިޔަސް މިއަދަކީ އެކަހަލަ ދުވަހެއް ނޫނެވެ.
"ޝޯން.. އައި ތިންކް ޔޫ މައިޓް ވޯންޓް ޓު މީޓް ހިމް" އެ މުވައްޒަފުގެ މޫނުގައިވާ ކުލަވަރު ދެނެގަންނާކަށް ޝާވިންއަކަށް ނޭނގުނެވެ.
"އަޅާނުލާ.. އައި ވިލް އިންޓްރޮޑިއުސް މައިސެލްފް" އިވުނު އަޑާއެކު ޝާވިންއަށް ބުމަ ގޮށްޖަހައިލަމުން އިންތަނުން ތެދުވެވުނެވެ. އޭރު އިވާން ދޮރު ލައްޕައިލުމަށްފަހު އައިސް މޭޒުގެ އަނެއްފަރާތުގައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލަނީ އެވެ. "އޭ ކިހިނެއް ވެފަ ތި ހުންނަނީ؟ އޭ އިށީނދެބަލަ!" ޝާވިންއަށް ލިބުނު ޝޮކުގައި އަދިވެސް ހުއްޓުން އަރާފައި ހުރުމުން އިވާން ހިނި އައިސްފައި އިނދެ މޭޒުމަތިން ނެގި ގަލަމެއް ޝާވިންއާ ދިމާލަށް ހޫރައިލި އެވެ. ޝާވިން އެ ޝޮކުން އަރައިގަންނަމުން ހުށިޔާރުކަމާއެކު ގަލަން މަތަކޮށްލި އެވެ.
"މަ.. ހާދަ ތަފާތޭ! މަ ހީކުރީ ހަމަ އަސްލުވެސް ދާނު ކަމަށް. ދޫކޮށްލިކަން އެނގޭ. އެކަމަކު ހިއެއް ނުކުރަން މިހާ އަވަހަށް ރަށަށް އަންނާނެ ކަމަށް. މާ ކުއްލިއަކަށް ކިހިނެއް ކިހިނެއްތަ މި ހެދީ؟" ގޮނޑީގައި ހަމަޖެހިލަމުން ޝާވިން ސުވާލުކުރި އެވެ.
"އަހަރެންނަކަށްވެސް ނޭނގެ މާ ރަނގަޅަކަށް ވީ ގޮތެއް. އެއްރޭ ފަތިހު ބުނީ މާދަމާ ކޯޓަށް ދާން އެބައޮތޭ. ދެން އެނގެއެއްނު ފަހު އަޑުއެހުންކަން ބާކީ އޮތީ. ދިޔައިމަ ސާބިތު ނުވާކަމަށް ހުކުމް ކޮށްފަ ދޫކޮށްލައިފި" އިވާން ކުރު ގޮތަކަށް ހިނގައިދިޔަ ކަންތަކުގެ ހުލާސާއެއް ދިނެވެ.
"ސޯ ޔޫ އަރ އަ ފްރީ މޭން ނައު؟" ޝާވިން އޮޅުން ފިލުވި އެވެ.
"ޔެޕް. އައި އޭމް އަ ފްރީ މޭން" އިވާން ބޯ ޖަހައިލި އެވެ.
"އަހަހަހަ ކޮންގްރެޓްސް. އޭ ކޮބާ ކޮފީއަކަށް ދާންވާނެ އެއްނު؟" ޝާވިންގެ ވާހަކަ އިވި އިވާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އެންމެ ގާތް އެކުވެރިޔާ އަދިވެސް އޭނާ ބާކީ ނުކުރާކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. "ފުރަތަމަ ދާންވީ އިންޖީނުގެއަށް. ގެއިން ކަރަންޓު ކަނޑާލާފަވިއްޔަ އޮތީ" އޭނާ ސަމާސާ ރާގެއްގައި ބުންޏެވެ.
"ތިކަންތައް ދޯ. އާން އަހަރެން ތިކަންތަކާ އުޅެދޭނަން. އެކަމަކު ކޮފީއަކަށް ދާންވާނެ. އިވާންގެ ސައިކު އިންނާނެ އަހަރުމެން ގޭގަ" ޝާވިން ފޯނު ނަގައި މީހަކަށް މެސެޖުކޮށްލި އެވެ. ހީވާގޮތުން އިވާން އައިސްގެން އުޅޭ ހަބަރު އެކުވެރިންނަށް ފޯރުކޮށްދިނީ އެވެ. "އެއްކަލަ ނާއިލްވެސް ބުނެފި ކެފޭއާ ދިމާލަށް މި އަންނަނީ އޯ. ހިނގާ ނުކުންނަމާ ދޯ. މަޑުކުރޭ މީގަ ސޮއި ކޮށްލަންދެން" ފޯނު މޭޒުމަތީގައި ބާއްވައިލުމަށްފަހު ޑެސްކްޓޮޕްގައި އަޅުވާފައިހުރި ޝީޓު ޕްރިންޓަށް ދިނުމަށް ޝާވިން އަވަސްވެގަތެވެ.
"ހްމްމް. މިހާރު ދެން ޒިންމާވެސް ބޮޑުވާނެތާ. ރައީސްވިއްޔަ. މަރުހަބާ މަރުހަބާ" އިވާން ދިމާކުރުމުގެ ރާގެއްގައި ބުނެލީ ޝާވިންގެ ކާމިޔާބީއާމެދު އުފާކުރާ ހާލުގަ އެވެ. ހައިރާންވީ އޭނާ އުއްމީދުކުރިފަދަ އުފާވެރިކަމެއް ޝާވިންގެ މޫނުން ނުފެނުނީތީ އެވެ. އެއާއެކު އޭނާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ފުން ނޭވާއެއް ދޫކޮށްލި އެވެ. "ޝޯން. އައިމް ސޮރީ އަބައުޓް ލީން" ބަންދުގައި ހުރިއިރު ފޯނުގެ ޒަރީއްޔާއިން ވާހަކަދައްކަން ލިބުނު ފުރުސަތެއްގައި ޝާވިން ވަނީ އިވާންއަށް އައިލީންގެ ވާހަކަ ކިޔައިދީފަ އެވެ.
"އަޅާނުލާ. އެކަމުގަ އިވާންއަށް ކުރެވޭނީ ކީއް؟ ލީންގެ މައްޗަށް އިވާންގެ ބަސް ހިނގާކަހަލަ ހާލަތެއްގައެއް ނޫނެއްނު ކަންކަން އޮތީ. ކުޑަމިނުން އިވާންއާ ބައްދަލު ކޮށްލާކަށްވެސް ލީން ނުދެއެއްނު" ޝާވިންގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލި އެވެ. ޕްރިންޓަރުން ނެގި ޝީޓުގެ ކަނެއްގައި ސޮއި ކޮށްލުމަށްފަހު އޭނާ އިވާން ގޮވައިގެން އެތަނުން ނުކުތެވެ. އަދި ބޭރުގައި އިން މުވައްޒަފާ އެ ޝީޓު ހަވާލު ކޮށްލުމަށްފަހު ކައުންސިލްގެ އިދާރާއިން ނުކުތެވެ. އެމީހުންގެ މިސްރާބުހުރީ އެތަނާ ކައިރީގައި ހުންނަ ކެފޭއަށެވެ.
"ބަސް ހިނގިޔަސް އަހަރެންނަކީ ދުވަހަކުވެސް ލީންއަށް ކަމެއްގަ މަޖުބޫރު ކުރާނެ މީހެއް ނޫން. ލީން ބޭނުން މީހަކާ ލީން އިންނަންވީ. ދެން އޮތީ އަހަރެންނާ ބައްދަލު ކުރަން ނުދިޔަކަން. އެކަންތަކުގަވެސް އަހަރެން ލީން ކުށްވެރިއެއް ނުކުރަމޭ. އަހަރެންނަށް އެނގޭ ހިނގައިދިޔަ އެއްވެސް ކަމެއް ލީންއަކަށްވެސް ފަސޭހައެއް ނުވާނެކަން. އެކަމަކު ލީން ހަމަ އަސްލުވެސް މައިގެ ދޮންބެއާތަ ކައިވެނި ކުރީ؟" ވަގުތުގެ ގޮތުން ހުސްކޮށް އޮތް އެ ކެފޭގެ މޭޒެއް ދޮށުގައި އިށީނދެވުނު އިރުވެސް އިވާން ދިޔައީ ހުއްޓުމެއްނެތި ވާހަކަ ދައްކަމުންނެވެ.
"އެމީހުން ކޯއްޗެއްތަ އެތަނުގަ އިވާންއަށް ކާންދިނީ؟ ހާދަ އަނގަގަދަ ވެއްޖެއޭ ދޯ" ޝާވިންގެ ޖަވާބު އައި ގޮތުން އޭނާ އެ މައުޟޫއަށް ވާހަކަދައްކަން ބޭނުން ނުވަނީކަން އިވާން ނަގައިގަތެވެ. "ދެ ކޮފީ ގެނެސްދީ.. ދެންމެ ކީކޭތަ އެހީ؟ ހްމްމް.. މައިގެ ދޮންބެއާ އޭ ކައިވެނި ކުރީ. އަހަރެން ދުށިން ކާޑުވެސް. އިވާންއަށް ދެއްކީމުސް އެކަމަކު ފޯނުގަ އެ ނުބައިންދަން ވެގެން ޑިލީޓް ކޮށްލައިފިން." އެތަނުގައި އުޅޭ ބިދޭސީ ވެއިޓަރު އޯޑަރާއެކު ދުރަށް ފޮނުވައިލަމުން ޝާވިން ބުންޏެވެ. "ދެން އެކަމާ އަޅާނުލަމާ. މުއްސަނދި އާއިލާއެއްނު. އަނެއްކާ ލީންގެ ވެޑިންގްއިން އައިސްފަ ހަމް ބުނި އެ އާއިލާގެ އެންމެންވެސް.. މައިޝާންވެސް.. ލީންދެކެ ވަރަށް ލޯބިވެޔޭ" އޭނާ ގަދަކަމުންކަހަލަ ގޮތަކަށް ހިންދިރުވައިލި އެވެ.
"ދެން އެހެންނޫނަސް މައި ހުންނާނެއެއްނު. މައި ހުއްޓާ ލީންއަށް ދެރަގޮތެއް ވިޔަކަ ނުދޭނެ" އިވާންގެ ޖުމްލައައާއެކު މިފަހަރު ޝާވިންގެ ސަމާލުކަން އެނބުރުނީ މުޅިން އެހެން މައުލޫއަކަށެވެ.
"އިވާން އަދިވެސް މައިރާއަށް ހަމަ އެހާ އިތުބާރު ކުރަންތަ؟" ޝާވިން ސުވާލުކުރި އެވެ.
"އަހަރެން ކީއްވެ މައިއަށް އިތުބާރު ނުކުރަންވީ؟" އިވާންވެސް ރައްދުގައި ކޮށްލީ ސުވާލެކެވެ.
"އަހަރެން ހީކުރީ އިވާންގެ ވިސްނުން ތިއަށްވުރެން ތޫނުވާނެ ކަމަށް. ނޫނޭވާ މީހުން ބުނަނީ ތެދެއް. ލޯބިވީމަ މީހުން ކަނުވެ، ބީރުވެ، މަންމަންވެސް ވާނެ" ޝާވިން ގަބޫލުނުކުރެވިފައި އިނދެ ބޯ ހޫރައިލި އެވެ.
"ކީކޭ ކިޔަން ތި އުޅެނީ؟" އިވާންގެ ބުމަ ގޮށްޖެހުނެވެ.
"އަހަރެން އެއްޗެކޭ ކިޔާކަށް ނޫޅެން. އެ އަންނަނީ އެއްޗެކޭ ކިޔަން އުޅޭ މީހާ" ޝާވިން ބޮލުގެ އިޝާރާތުން ދައްކައިލީ އެވަގުތު އެ ރެސްޓޯރަންޓަށް ވަތް ނާއިލެވެ.
އިވާން ފަސްއެނބުރި ބަލައިލި އެވެ. އެހާ ދުވަހަށްފަހު ނާއިލް ފެނުމުން އުފަލާއެކު މަރުހަބާ ކިޔުމަށްޓަކައި ގޮނޑިން ތެދުވެލި އެވެ. އެހެނަސް ނާއިލްގެ މޫނުމަތިން އެއާ އެއްފަދަ އުފާވެރިކަމެއް ނުފެނުނެވެ. އެ މޫނު ހުރީ ރުޅިން ރަތްވެފައޭ ބުނެވިދާނެ އެވެ. ދުރު ފިޔަވަޅުތަކެއްގައި އައިސް އިވާންގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލި އެވެ. އިވާން މޫނުގައި އަތް އަޅައިލަމުން ގޮނޑި މައްޗަށް ވެއްޓުނެވެ.
"އޭތް އޭތް ނާއިލް. ހަމަ ޖެހިބަލަ. ކިހިނެއްތަ ތި އުޅެނީ؟" ނާއިލް ދެވަނަ ފަހަރަކަށް އިވާންގެ ގައިގައި ޖަހަން އަތް މަޅައިލިހިނދު އެކަމަށް ހުރަސްއެޅީ ޝާވިނެވެ.
"މިކަހަލަ އަމިއްލަ ހަލާކު ހޯދަން އުޅޭ މީހުން ހަމަ ތަޅާ ތިރިކުރަންވީ!" ނާއިލް އައިސްފައިހުރީ އަމަށަކު ރުޅިއެއް ނޫނެވެ.
"އޭ ހަމަޖެހިބަލަ. ފުލުހެކޭ ތިއީ.. މީހެއް ގައިގަ ޖަހަނިކޮށް ފެނިގެން ރިޕޯޓު ކުރީމަ މާ ރީއްޗެއް ނުވާނެ" ޝާވިން ގަދަކަމުން ކަހަލަ ގޮތަކަށް ނާއިލް ގޮނޑީގައި ބޭންދި އެވެ.
"އޭނަ ގާތު އަހާބަލަ ހޭބަލިވެގެންހޭ ބަޔާނުގަ މައިރާގެ ވާހަކަ ނުގެނައީ. އެރޭގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭނަގާތު ހުރީ މައިރާ. އެކަން އަހަރުމެން އެންމެނަށްވެސް އެނގޭ. އެންމެން ކުރިމަތީގައެއް ނޫންތަ މީނަ މައިރާއާއެކު ގެއަށް ދިޔައީ؟ އޭގެ ހަ ގަޑިއިރު ފަހުން ގެއިން ނެރެން ޖެހުނީ ދެ އަތުގަ ބިޑި އަޅުވައިގެން. މައިރާ ކުޑަމިނުން މި ރަށުގަވެސް ނެތް. މިއީ އިއްތިފާގަކަށް ވާނެތަ؟" ނާއިލް ދިޔައީ އިވާންއާ ދިމާލަށް ހަޅޭއް ލަވަމުންނެވެ.
"ދެން އިހަށް ތި ހަޅޭއްނުލަވާ ހަމަޖެހިބަލަ. އިވާން ދައްކަން އޮތް ވާހަކައެއްވެސް އަޑު އަހާބަލަ" ޝާވިން އަނެއްކާވެސް ނަސޭހަތްތެރިވި އެވެ.
"ހަމައެއް ނުޖެހެވޭނޭ ޝޯން. އެރޭގެ ކަންތައް ހިނގައިދިޔައީ ކޮންމެ ގޮތަކަށްވިޔަސް.. މައިރާއަށް އެ ހުރިހާކަމެއް އެނގޭނެ! އޭނައަށްވެސް އެނގޭނެ މައިރާއަށް އެ ހުރިހާކަމެއް އެނގޭނެކަން. އެނގިހުރެވެސް މައިރާ ޕްރޮޓެކްޓް ކުރަންވެގެން ސީ.ޕީ ކުރިމަތީގަ މައިރާގެ ނަންވެސް ނުގަތީ! އޭނައަށް އެނގޭނެ އޭނަ ދިން ބަޔާނަކީ ދޮގު ބަޔާނެކޭ ބުނެ އިތުރު ކުށެއްގަ އޭނަ ބައްދާލާނެ ވަރުގެ ހަރާންކޯރު މީހެއް ސްޓޭޝަން ތެރޭ ނުހުންނާނެކަން" ނާއިލް ބުންޏެވެ.
"ތި އޭނަ މީނަ ނުކިޔަކަސް ވެދާނެ ދޯ. އަހަރެން އެބަ އިނީމޭ ކުރިމަތީގަ" އެންމެފަހުން އިވާންއަށް ނީނދެވިގެން ބުންޏެވެ.
"އެހެންވިއްޔާ މި ބުނަނީ ދިމާލަށް! އަމިއްލަ ދިރިއުޅުމާއި، ރެޕިއުޓޭޝަނާއި މުޅި ކެރިއަރ ރިސްކެއްގަ އޮއްވާ ތަހުގީގީ މަރުހަލާގެ މުހިއްމުކަން ރަނގަޅަށް އެނގިހުރެ އިވާން ނުޖެހޭނެ ބަޔާނުން މައިރާގެ ނަން އުނި ކުރާކަށް!" ނާއިލް ބުންޏެވެ.
"މައިރާ މި ކަންތަކުގެ ތެރެއަށް ވައްދަންވީ ސަބަބެއް އަހަރެންނަށް ނުފެނުނީ" ވެއިޓަރު ގެނައި ކޮފީ ތަށިން ކަރު ތެންމައިލަމުން އިވާން ބުންޏެވެ.
"ހައް! އަދިވެސް! އަދިވެސް އަޅެ މީނައަކަށް ނުވިސްނެއޭ! ޝޯން އަޅެ ބުނެބަލަ މީނަ މިހާ ގަމާރުވީ ކޮން އިރަކުތަ؟ އެ ހުރިހާކަމެއް ހިނގިރޭ މައިރާ ކުއްލިއަކަށް ރަށުން ފުރައިގެން ދިޔައީމަވެސް އަދިވެސް މީނައަސް ހަމަ ޝައްކެއް ނުވަނީތަ؟" ނާއިލްގެ އަޑުން ނުރުހުން ފާޅުވާން ހުއްޓެވެ.
"އިވާން.. މިކަމުގަ އަހަރެންވެސް ޖެހޭނީ ނާއިލް ދައްކާ ވާހަކައާ އެއްބަސްވާން. މިކަމުގަ މައިރާގެ އަތެއް އެބަ އޮތް!" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝާވިން ބުނެލި އެވެ.
"ޝޯން އަޅެ-"
"އަޑު އަހާ.. އަހަރެން މިހެން މި ބުނަނީކީ ނާއިލް ކޮންމެހެން އެހެން ބުނީތީ ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށެއް ނޫނޭ! ހެކި ހޯދާފަ މިހެން މި ބުނަނީ!" ޝާވިންގެ ޖުމްލައާއެކު އިވާންގެ އިތުރުން ނާއިލްއަށްވެސް ލިބުނީ ސިހުމެކެވެ. އެދެމީހުން އޭނާގެ މޫނަށް ބަލަހައްޓައިގެން ތިބީ އިތުރު ތަފްސީލުގެ އިންތިޒާރުގަ އެވެ. އެހެންކަމުން ޝާވިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ފޯނުން ޑޮކިއުމެންޓެއް ހުޅުވައިލި އެވެ.
"ސޮރީ ނާއިލް. އަހަރެން މިވާހަކަ ނާއިލްގާތު ނުބުނީ ފުރަތަމަ އިވާންއަށް އަންގަން ބޭނުންވީތީ.. އަހަރެން އިވާންއާ ބައްދަލުކުރަން މާލެދާން އުޅެނިކޮށް އިވާން މިނިވަންވެގެން އެ އައީވެސް. އަހަރެންވެސް ދޮންބެގާތު ކިޔައިގެން ތި ލިޔުންތައް ހޯދަން އުޅޭތާ ވަރަށް ދުވަސްފަހުން ތި ލިބުނީ އިހަކަށްދުވަހު. ދެން ދޮންބެ ތި ހޯދިގޮތް އަހާނެ ކަމެއް ނެތް. އެމީހުން މެންބަރުންނަށް ނުވާނެ ކަމެއް ނޯންނާނެތާ؟" އިވާންގެ އަތަށް ފޯނު ދެމުން ޝާވިން ބުންޏެވެ.
"މި.. މިއީ ކޯއްޗެއް؟" އިވާންއަށް އެއީ ކޯއްޗެއްކަން ހަމަ ރަނގަޅަށް އެނގެއެވެ. މީގެ ކުރިން އެކި މައްސަލަތަކާ ގުޅޭ ތަހުގީގުތަކުގައި އޭނާ ވަނީ އެފަދަ ލިޔުންތަކުގެ ބޭނުން ހިފައިފަ އެވެ.
"ތިއީ އިމިގްރޭޝަން ތެރޭގެ އިންޓާރނަލް ޑޮކިއުމަންޓް ތަކެއް. ރޫމީގެ ޑީޕޯރޓޭޝަނާ ގުޅޭ ލިޔުންތައް. ބަލާބަ ތީގަ ސަބަބަކަށް ޖަހާފަ ތި އޮތް އެތި. އައި.އައި.އެމް އެންޓަރޕްރައިސަސްގެ މުވައްޒަފެއް ގޮތުގައި މަސައްކަތްކުރަމުން އެ ކުންފުނީގެ ގުދަނުން ވައްކަންކުރީތީ އޯ" ޝާވިން ކިޔައިދިނެވެ.
"އައި.އައި.އެމް އޭ؟ އެ ކޮންތަނެއް؟ ރޫމީ ކޮން އިރަކު ކުންފުންޏެއްގަ މަސައްކަތްކުރީ؟" ނާއިލްގެ ސުވާލުތައް ފުލުފުލުގައި އަމުނައިލި އެވެ.
"އެ ތެދެއް އިވާން. އައި.އައި.އެމް އަކީ ކޮންބައެއްގެ ކުންފުންޏެއްތަ؟" ޝާވިން އަހައިލީ އިވާންގެ އަނގައިން އެ ސުވާލުގެ ޖަވާބު ކޮންމެހެންވެސް ބުނުއްވަން އުޅޭ ފަދައަކުންނެވެ.
"މައި.. މައިގެ ފެމިލީ" އިވާންގެ އަތުން ޝާވިންގެ ފޯނު ދޫވާން އުޅޭހެން ހީވުމުން އެ ފޯނު މޭޒުމަތީގައި ބާއްވައިލި އެވެ. "އެކަ.. އެކަމަކު ކިހިނެއް؟ ރޫމީ ރާއްޖެ ގެނައީވެސް އަހަރެންގެ ނަމުގަ. ދެން ކިހިނެއް އައި.އައި.އެމް؟ އިމިގްރޭޝަނުން ކިހިނެއް މިކަން މިގޮތަށް؟" އިވާން ކުރަމުން ދިޔައީ އޭނާއަށް ޖަވާބު އެނގޭ ސުވާލު ތަކެކެވެ. އެހެން މީހެއްގެ ދުލުން ތަފާތު ޖަވާބުތަކެއް ލިބިދާނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް...
"ދައުލަތުގެ ގިނަ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުން ތިބީ މިހާރު ތިހެން ސުވާލުވެސް އުފައްދަން ނުޖެހޭހާ ކޮރަޕްޓްވެފަ. އެކަމުގެ ހެއްކެއް ދޯ އަހަރެންނަށް ތި މައުލޫމާތުތައް ލިބުމަކީވެސް. ދެން އަދި އައި.އައި.އެމްގެ ވާހަކަ ނުދައްކާ. އެމީހުންނަކީ ގޮތަކަށް ބުނަންޏާ މަހުޖަނުން. އަހަރުމެންނަށް ތިވަރުގެ ކަމެއް ވަންޏާ އެމީހުންނަށް ނުވާނީ ކޮންކަމެއް؟ ރޫމީ ރާއްޖެ ގެނައީ ކޮންމެ މީހެއްގެ ނަމުގަ ކަމަށްވިޔަސް އެކަމަށް ނުބަލާ ޑީޕޯޓޭޝަން ހަމަޖެއްސޭނެ ފެންވަރުގެ ބައެއްގެ ވާހަކަ ތި ދައްކަނީ" ޝާވިންގެ ދުލުންވެސް ނުކުތީ އިވާންގެ ހިތުގައި އޮތް ޖަވާބުތަކެވެ.
"މަޑުކޮށްބަލަ.. މީގަ ރޫމީއަށް މިއޮތީ ބޮޑު ވައްކަމެއްގެ ތުހުމަތު ކޮށްފައެއްނު. އެއީ އަދި ދޮގަކަށްވިޔަސް އިވާންގެ ކޭސްއަށް މި މައުލޫމާތު މުހިއްމެއް ނުވާނެތަ؟ މިވަރުގެ މީހެއް ވިކްޓިމް ހެދިގަނެގެން ދޭ ސްޓޭޓްމެންޓެއް ކޯޓުން ގަބޫލެއް ނުކުރާނެތާ؟" ނާއިލް އެއްސެވެ.
"ތިކަން އޮތީ ތިހެން. އެކަމަކު އިވާންގެ ކޭސްއާ މި އޮތީ ކޯޓު ތެރެއިންވެސް ކުޅެފަކަން ވަރަށް ސާފު. ކޯޓުން ހޯދަން އުޅުނު ނަމަ ރޫމީ ޑީޕޯޓުކުރި ސަބަބުގެ ތެރެއަށް އިތުރަށް ފީނާފަ ވަރަށް ފަސޭހައިން ރޫމީގެ ސްޓޭޓްމެންޓް ރޫލް-އައުޓް ކޮށްލެވުނީސް. އެކަމަކު އެކަން އެގޮތަށް ނުކުރީތީއެއްނު ޑީޕޯޓްކުރި ފަހުންވެސް ފަސްމަސް ވަންދެން އިވާން ބަންދުގަ އެ ބެހެއްޓީ" ޝާވިން ބުންޏެވެ. "އަހަރެން މި ހިތަށް އަރަނީ މައިރާ ކޮން ކަމެއްގެ ހަސަދައެއްބާއޭ އިވާންއަށް އެ ފިލުވާލީ. ތި ލިޔުންތައް ލިބުނީއްސުރެން އަހަރެންނަށް ހަމަނިދި ނުނިދޭ. ހިތަށް އަރަނީ އިވާންއަށް އެވަރު ކޮށްލާއިރު އެ އާއިލާއިން ލީންއަށް ކިހިނެއްބާއޭ ހަދާލާނީ"
އިވާންއަކަށް ހަގީގަތް ގަބޫލުކުރަން ފަސޭހައެއް ނުވި އެވެ. ސިކުނޑިއަށް ބާރުކުރަން ފެށުމާއެކު ކުއްލިއަކަށް މޭޒު މައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމަށްފަހު ތުރުތުރު އަޅަމުންދިޔަ ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލި އެވެ. އޭނާގެ ހާލާމެދު ހަމްދަރުދީ އުފެދި، ނާއިލްވެސް ކުރިން ފާޅުކުރި ހިތްހަމަނުޖެހުން އެއްފަރާތް ކޮށްލުމަށްފަހު ހިތްވަރު ދިނުމުގެ ގޮތުން އިވާންގެ ކޮނޑުގައި އަތް ބާއްވައިލި އެވެ.
"އަހަރެން ބޭނުން ސަބަބު އެނގެން. މިހާރުން މިހާރަށްވެސް މާލެގޮސް މައިރާ އަހަރެންނަށް މިވަރުގެ ބޮޑު ދެރައެއް ދިނީ ކީއްވެތޯ އަހަން ބޭނުން. އެކަމަކު އަހަރެންނަށް އެކޮޅުގަ ހުރެވޭނެ ގޮތެއްވެސް ނެތް" ހިތުގައި އުފެދުނު ރިހުމާއެކުވެސް އިވާން ހިތްވަރުކޮށްފައި ވާހަކަދެއްކި އެވެ.
"ތިކަން ހަމަޖެހޭނެ. ހަނދާންވޭތަ އެއްކަލަ ޔައީޝްގެ ބޮޑުބޭބެ އައުޒަމް؟ އޭނަ މާލެ މީހަކާ އިނދެގެން އުޅެނިކޮށް އަނބިމީހާ ނިޔަވީމަ ލިބުނު ތަންކޮޅު ދެތިން ފްލޯއަށް ރާނާލައިގެން، ތިރީގަ ކުޑަ ކުޑަ ގަރާޖެއް ހުޅުވައިގެން މިހާރު އުޅެނީ. އެތަނުގަ އައުޒަމާއެކު މަސައްކަތްކުރާ ބޭރުމީހާ ޗުއްޓީއަށް ދާން ބޭނުންވެގެން އުޅޭތީ ޔައީޝް ކިޔޭ ދުވަސްކޮޅަކަށް އެތަނަށް މަސައްކަތު ފޮނުވަން މީހަކު ހޯދަ ދޭށޭ. ހުންނާނެ ތަނަކާއި މުސާރައެއްވެސް ދޭނެޔޯ ބުނީ. އިވާން ބޭނުމިއްޔާ އަހަރެން ޔައީޝްގާތު އަހާލާނަން" ނާއިލް ބުންޏެވެ.
"އަހަރެންގެ މައްސަލައެއް ނެތް. އަހަރެންގެ ފޮޓޯޖަހާފަ ހުރި އެކަމާގުޅޭ ހަބަރުތައް އަދިވެސް ހުރީ ފެންނަން. އެހެންވީމަ އެހާ ފަސޭހައިން ވަޒީފާއެއް ލިބޭނެ ކަހަލަ ހާލަތެއްގައެއް ނޫން އަހަރެން މިހުރީކީ. މިވަގުތަށް ތިއީވެސް ވަރަށް ބޮޑުވަރު" އިވާން އެއްބަސްވި އެވެ.
"އޯކޭ. އެހެންވިއްޔާ ބަނދެގެން ގެނައި ފޮށި ތަންމަތި އިހަށް ހުރިގޮތަކަށް ބަހައްޓާ. އަނެއްކާވެސް ފުރަން ތައްޔާރުވޭ" ނާއިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
************
މެންދުރުގެ ވަގުތެވެ. އާދައިގެމަތިން މައިރާ އޮފީހުގެ މަސައްކަތުން ހުސް ވަގުތުކޮޅެއް ނެގުމަށްފަހު ރެސްޓޯރަންޓަށް ވަދެލީ ފިނި ބުއިމަކަށް އިންސާފު ކޮށްލުމަށެވެ. އެކަހެރި ހިސާބެއްގައި އިށީނދެ ފޯނުން ސޯޝަލް މީޑިޔާގެ އެކި މަންސަތައް ބަލަމުން ދިޔައިރު އޭނާއަށް ނޭނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރި ވަމުންދިޔަ ފަރާތެއް އެ ރެސްޓޯރެންޓުގެ އެހެން މޭޒެއްދޮށުގައި އިން ކަމެވެ.
މައިރާ ފެނުމާއެކު އިވާން ބޮލުގައި އަޅާފައިވާ ތޮފި ތިރިކޮށްލަމުން އިތުރަށް މޫނު ފޮރުވައިލި އެވެ. މައިރާއާ ދިމާވާނެކަމުގެ ޔަގީންކަމުގައި އޭނާ އެ ރެސްޓޯރަންޓަށް އަންނަތާ މިހާރު ދެތިން ދުވަސް ވެއްޖެއެވެ. ހެނދުނާއި ރޭގަނޑުގެ އެތައް ވަގުތެއް އެތަނުގައި ހޭދަކުރެ އެވެ. އެންމެފަހުން އޭނާއަށް އާދެވޭ ވަގުތު ގޯހީކަމަށް ވިސްނައި މެންދުރު އައި ދުވަހު މިއޮތީ މައިރާއާ ދިމާވެފައިތާ އެވެ. އިވާން ސިއްރު ސިއްރުން އަނެއްކާވެސް މައިރާ އިން ދިމާލަށް ބަލައިލި އެވެ. އެހާ ދުވަހަށްފަހު ފެނުނުއިރުވެސް އެ ރީތިކަމަށް ކުޑަވެސް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ. މައިރާގެ ކޮންމެ ސިފައެއް، ކޮންމެ އަދާއެއްގައި އަދިވެސް ވަނީ ބަލާ ފޫހިނުވާނޭހާ ހިތްގައިމު ކަމެވެ. އާނއެކެވެ. މައިރާގެ އެންމެ ފެނިލުމަކުންވެސް އިވާންގެ ހިތަށް ފިނިކަމެއް ލިއްބައިދީފި އެވެ. ހީވީ މަރުވެފައިވި އޭނާގެ ހިތަށް އެތައް ދުވަހަކަށްފަހު ދިރުން ލިބިގެން ދިޔަހެނެވެ.
އާންމު ގޮތެއްގައި ފަސް މިނެޓެއްހާއިރުތެރޭ ގެނެސްދޭ އޯޑަރު މާބޮޑަށް ލަސްވެއްޖެހެން ހީވާން ފެށުމުން މައިރާ ރެސްޓޯރަންޓުގެ އެތަން މިތަނަށް ކަޅި ހިންގައިލި އެވެ. ކަމަކު ދާކަށް ނެތެވެ. މެންދުރުގެ ކެއުމަށް ހާއްސަކުރެވިފައިވާ ވަގުތު ކަމުން މުޅި ރެސްޓޯރަންޓް އޮތީ ފުރި ބާރުވެފަ އެވެ. މުވައްޒަފުން ހޭބޯނާރައި ކޮޅުކޮޅުމައްޗަށް ދުވަމުން ދިޔަ އެވެ. އެމީހުންގެ މޫނުމަތިން ހިނިތުންވުން ފެންނަންހުރި ކަމުގައިވިޔަސް އެމީހުންގެ ނުތަނަވަސްވަމުން ދާނޭ މިންވަރު މައިރާއަށް އަންދާޒާ ކޮށްލެވުނެވެ. އެއީ ޙުދު އޭނާއަކީވެސް އެއްޒަމާނެއްގައި އެ މުވައްޒަފުންނާއެކު އެތަނުގައި މަސައްކަތްކުރި މީހަކަށް ވާތީ އެވެ. މައިރާއަށް ކަމެއް ނުކޮށް ދެއަތް އުރާލައިގެން އިނުން ވީ ދަތި ކަމަކަށެވެ. ދުރު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ހުއްޓުނީ އެތަނުގެ ކައުންޓަރު ކައިރިއަށެވެ. އަދި ކަސްޓަމަރުންގެ އޯޑަރަށް ބުއިން ތައްޔާރު ކުރަމުންދިޔަ ބަރީސްޓަރަށް ގޮވައިލި އެވެ.
"ޑެނީ އެކަނިތަ މިއަދު؟ ކިތައް ޓޭބަލްސް؟" މައިރާ އަހައިލި އެވެ.
"ނައިން ޓޭބަލްސް ސިކްސްޓީން ޑްރިންކްސް މޭމް" މަސައްކަތުގެ މެދު ތެރެއިންވެސް ޑެނިއަލް ޖަވާބު ދިނެވެ. މައިރާ އެ ކައުންޓަރުގެ ވަށާލައިފައިގޮސް ޑެނިއަލްގެ ގާތަށް ހުއްޓި އެތަނުގެ ތެރޭގައިހުރި ކުދި ކަރުދާސްކޮޅުތަކަށް ބަލައިލި އެވެ.
"ދިސް އިޒް މައި ޑްރިންކް ދޯ. ކެންސަލް ދެޓް. ޔޫ ޓޭކް ދޯސް ފައިވް އައިލް ޓޭކް ދީސް ތްރީ ޓޭބަލްސް އޯކޭ؟" މައިރާ ލަސްތަކެއްނުވެ ބޮލުގައި ހުޅިއެއް ޖަހައިލުމަށްފަހު މަސައްކަތަށް ތައްޔާރުވެލި އެވެ.
"މޭމް ޔޫ ކާންޓް" ޑެނިއަލްއަށް ލިބުނު ހައިރާންކަމުގައި މަސައްކަތް ހުއްޓައިލެވުނެވެ.
"ޑެނީ.. ކަސްޓަމަރޒް އާރ ވެއިޓިންގް" މައިރާ ފަރުވާލެއްނެތި ބުންޏެވެ.
މައިރާ ކަންތައްކުރި ގޮތާމެދު އަންތަރީސްވެފައި އިން އިވާންގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. ކިތަންމެ ދުވަހަކަށްފަހު ދިމާވިޔަސް މައިރާ ވާނީ ހަމަ މައިރާއަށޭ އިވާންގެ ހިތަށްއެރި އެވެ. އޭނާ އަޖައިބުވެ ބަސްހުއްޓޭކަހަލަ ތަފާތު ކަންތައްތައް ކުރުމުގައި މައިރާއާ ވާދަ ކޮށްލެވޭ ކުއްޖަކު ނުހުންނާނެކަން ގައިމެވެ. އިވާންގެ ހިތް އެދުނީ މުޅި ދުވަސް ފާއިތުވަންދެން މައިރާގެ ހަރަކާތްތަކަށް ބަލަން އިންނާށެވެ. ނަމަވެސް މައިރާއާ ދައްކަންޖެހޭ މުހިއްމު ވާހަކައެއް އޮތްކަން އޭނާގެ ސިކުނޑިން ހަނދާން ކޮށްދިންހިނދު ދެފަރާތަށް ބޯ ހޫރައިލަމުން ތުންފަތް މަތީގައިވި ހިނިތުންވުން ފޮހެލި އެވެ. އަދި ހުސްކޮށްފައިހުރި ކޮފީތަށީގެ ދަށަށް ސަތޭކަ ރުފިޔާގެ ނޫޓެއް ލުމަށްފަހު މޭޒު ދޫކޮށް މައިރާއާ ދިމާލަށް ހިނގައިގަތެވެ. "އަ ޑަބަލް އެސްޕްރެސޯ ޓު ގޯ" އޭނާ ކައުންޓަރުގެ ކައިރިއަށް ހުއްޓިލަމުން މައިރާއަށް އިވޭނެހެން ގޮވައިލި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ