މެންޗެސްޓާ (ނޮވެމްބަރު 7) - މެންޗެސްޓާ ޔުނައިޓެޑާ ބެހޭގޮތުން، އެ ކްލަބަށް ދެ ފަހަރެއްގެ މަތިން ކުޅެފައިވާ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވާހަކަ ދެއްކޭނެ ކަމަށާއި އެކަމަކު، އެ އަށް އެހާ ބޮޑަށް ނުބަލައި، ޔުނައިޓެޑުން ވިސްނަނީ ކުރިމަގަށް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވީ ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ކުޅެފަ އެވެ. މީގެ ކުރިން، ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ވެސް ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި ހުރި މައްސަަލަތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި މި ފަހަރު ވެސް ޔުނައިޓެޑާ ގުޅޭ ސުވާލުތަކަކަށް ރޮނާލްޑޯ ޖަވާބު ދިނެވެ.
ރޮނާލްޑޯ ބުނީ، ޔުނައިޓެޑަށް ލީގު ނުލިބޭނެކަން ޔަގީން ކަމަށާއި މައްސަލަ އޮތީ ކޯޗާއި ކުޅުންތެރިންނާ ހަމައިގައި ނޫން ކަމަށެވެ. ޔުނައިޓެޑްގައި ކްލަބް ރަނގަޅު މަގުން ހިނގާނެ "އޮނިގަނޑެއް ވެސް ނެތް" ކަމަށާއި މިހާރު ހުރި ކޯޗު، އަމޮރިމް އަންނަނީ އޭނާ އަށް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން، އަމޮރިމް ބުނީ، ރޮނާލްޑޯ އަށް ވާހަކަ ދެއްކޭނެ ކަމަށާއި އެ ވާހަކަތަކުގައި އަސަރު ވެސް ހުންނާނެ ކަމަށެވެ.
"އަހަރެމެން ފޯކަސް ބަހައްޓަންވީ ކުރިމަގަށް، އަހަރެެމެންނަށް އެނގެންޖެހޭ، ކްލަބެއްގެ ގޮތުގައި މާޒީގައި އަހަރެމެން ވަނީ ވަރަށް ގިނަ ގޯސްތަކެއް ހަދައިފައި. އެކަން ބަދަލުކުރަން މަސައްކަތް މި ކުރަނީ. ވަރަށް ގިނަ ކަންކަން އެބަ ބަދަލުކުރަން، ކްލަބްގެ އޮނިގަނޑު ވެސް. ކުޅުންތެރިންގެ އަމަލުތައް ހުންނަން ޖެހޭނެ ގޮތުގެ ވެސް، އެހެންވީމަ، މި ހުރިހާ ކަމެއްކުރާއިރު، ހިނގާ މާޒީ މަތިން ކުޑަކޮށް ހަނދާން ނައްތާލަން،" އަމޮރިމް ބުންޏެވެ.
ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާނެ ގާތް ޓީމެއް ކަމަށާއި އެ ކްލަބް އުނދަގޫ ފައްތަރެއްގައި އޮވެ، ކުރިއަށްދާތަން ބަލަން އުނދަގޫ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ އަށް ވާހަކަ ދެއްކޭނެ، ޔުނައިޓެޑުން ވިސްނަނީ ކުރިމަގަށް ރޮނާލްޑޯ އަށް ވާހަކަ ދެއްކޭނެ، ޔުނައިޓެޑުން ވިސްނަނީ ކުރިމަގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ