މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ 20 އަހަރުވަންދެން ދެމި އޮތް އެންމެ ބޮޑު ސަބަބަކީ ވަކިވި އެއްވެސް މީހަކަށް ޕާޓީ ހިފައިގެން ނުދެވުމުން ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އާއި އެހެން ޕާޓީތަކާއި އޮތް ތަފާތަކީ ޕާޓީ ދޫކުރައްވައި ދިޔަ އެއްވެސް ބޭފުޅަކަށް މިހާތަނަށް ޕާޓީ ހިފައިގެން ނުދެވި، އެމީހަކު އަމިއްލައަށް ދާން ޖެހުން ކަމަށެވެ.
"އެމްޑީޕީގައި އެހެން ޕާޓީތަކާއި އޮތް ތަފާތަކީ، މިއަދު އެވާހަކަ ދެއްކުން އެހާ ރަނގަޅެއް ވެސް ނޫން ކަންނޭގޭ. އެހެންނަމަވެސް އެއްވެސް ބޭފުޅަކަށް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވިއިރުގައި ޕާޓީ ހިފައިގެންނެއް ނުދެވުނު. އެ ބޭފުޅަކު ވަޑައިގަންނަވަން ޖެހުނީ. އަޅުގަނޑު މިދަންނަވަނީ މާކުރީއްސުރެ ފަށައިގެން،" ސޯލިހު ވިދާޅުވި އެވެ.
މިގޮތުން ސޯލިހު ވިދާޅުވީ އެމްޑީޕީގައި ކުރީގެ ރައީސްކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރާއި އިބްރާހިމް އިސްމާއިލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވައި ޕާޓީއެއް ހެއްދެވި ނަމަވެސް، އެ ބޭފުޅުންނަށް އެމްޑީޕީ ނުގެންދެވޭ ކަމަށެވެ.
ނަމަވެސް އެއާ ހިލާފަށް ޑީއާރްޕީފަދަ ޕާޓީތަކުގެ ބޭފުޅުން ނިކުމެގެން ވަޑައިގަންނަވާއިރު ދަނީ ޕާޓީ ހިފައިގެން ކަމަށާއި ވަކި މީހެއްގެ ޕާޓީއެއް ގޮތުގައި ނެތް އެމްޑީޕީގައި އެ މަގުން ކަން ހިނގައިގެން ގޮސްފައި ނުވަނީ ޕާޓީގެ މެންބަރުންގެ ސަބަބުން ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.
ސޯލިހު ވިދާޅުވީ ގާތްގަނޑަކަށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި ހުރިހާ ބޭފުންހެން މިވަގުތު ޕާޓީއާ އަނބުރާ ގުޅިފައިވާކަމީ ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ އެންމެން އެކީގައި މަސައްކަތް ކުރަން ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ނަޝީދު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އުފައްދަވައިގެން ދެ އަހަރު ވަންދެން އުޅުއްވުމަށްފަހު، އެ ޕާޓީއާ އަލުން ވަނީ ގުޅިވަޑައިގެންފަ އެވެ. ނަޝީދުއާއެކު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ގުޅުނު ގިނަ ބަޔަކު ވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިފަ އެވެ.
އެމްޑީޕީ ދޫކުރައްވައި ނަޝީދު ވަޑައިގެންނެވީ ސޯލިހުއާ ދެމެދު މައްސަލަ ޖެހިގެންނެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިފައިވާއިރު، އެ ދެ ބޭފުޅުން ދެމެދުގައި ޖެހިފައި އޮތް މައްސަލަ ހައްލުވި ކަމެއް މިހާތަނަކަށް ސާފެއް ނުވެ އެވެ.
ނަޝީދުއާ ޖެހިފައި އޮތް މައްސަލައަށް އިޝާރާތް ކުރައްވައި ސޯލިހު މިރޭ ވިދާޅުވީ ނަޝީދު ކިބައިން ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ނެތް ކަމަށާއި އެކަން ނަޝީދަށް ވެސް އެނގޭނެ ކަމަށެވެ.
އެމްޑީޕީ ދެމި މިއޮތީ ވަކިވި އެކަކަށްވެސް ޕާޓީ ހިފައިގެން ނުދެވުނީމަ: ސޯލިހު އެމްޑީޕީ ދެމި މިއޮތީ ވަކިވި އެކަކަށްވެސް ޕާޓީ ހިފައިގެން ނުދެވުނީމަ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ