މަޖިލީހުގެ ޖަލްސާ ފެށިތަނާ އެ ދިޔައީ ކަރަންޓް!
ރައްޔިތުން މަޖިލީހުގެ ދައުރު ދިގުކޮށް, މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް މަޖިލިސް ކުރާ ގެއިން ކަރަންޓް ދިއުމުން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެއެވެ. ކުރިން އޮތްގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާނެއެވެ. ނަމަވެސް އެއް ހަފުތާއަށް ދައުރު ދިގު ކުރަން ނިންމީ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ. އެގޮތުން މިއަދު ހެނދުނު 9:00 ޖެހިއިރު މަޖިލީހުގެ ޖަލްސާ ފަށައި, 24 އަކަށް މިނެޓަށް ކުރިއަށް ގެންދެވުނު ތަނާ މުޅި ތަޅުމުން ވަނީ ކަރަންޓް ކެނޑިފައެވެ. އެއާއެކު ޖަލްސާ ޖެހުނީ މެދުކަނޑާލާށެވެ. މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައި ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމެޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ. އެއަށް ފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ދެން ފުރުސަތު ދެއްވީ އިންޝުއަރެންސް ބިލް, މާލިއްޔަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށެވެ. އެ ފުރުސަތުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވާހަކަ ދެއްކެވިއެވެ. އެއަށް ފަހު ބަހުސް ކުރެއްވުމުގެ ފުރުސަތު ދެއްވީ, ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމަށެވެ. އަނާރާ ވާހަކަ ދައްކަވަން ފެއްޓެވިތާ މާ ގިނައިރުތަކެއް ނުވެ, 9:24 ކަންހާއިރު ޖަލްސާ ކުރާ ތަޅުމުން ކަރަންޓް ދިޔައީއެވެ. އިރުކޮޅަކު ބެއްލެވުމަށް ފަހު މަޖިލީހުގެ ރައީސް ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލައިގެ "ވާނުނާ އަދި ނޭނގޭ" ކަމަށާއި އެކަން ސާފުކޮށްލެއްވުމަށް ޖަލްސާ މެދުކަނޑާލާ ކަމަށެވެ. މަޖިލީހުގެ މީޑިއާ އޮފިޝަލް ޖަވާބު ނުދެއްވާތީ ދިމާވި މައްސަލަ ސާފެއް ނުވެއެވެ. ނަމަވެސް ކަރަންޓް ޚިދުމަތް ފޯރުކޮށްދޭ, ސްޓެލްކޯއިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ސަބަބުން މިއަދު އަދި އެއްވެސް ސަރަހައްދަކުން ކަރަންޓް ކެނޑިފައި ނުވާނެ ކަމަށެވެ. މި ފަހަކަށް އައިސް މުޅި މާލެ ސަރަހައްދު ހިމެނޭ ގޮތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެއާއެކު އާއްމުންގެ ކަންބޮޑުވުން ބޮޑުވެ, ސްޓެލްކޯއަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ