ލިޔޯން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލި ނިންމުން ބާތިލް ލިޔޯން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލި ނިންމުން ބާތިލް

ޕެރިސް (ޖުލައި 10) - ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން، އެ ގައުމުގެ މަޝްހޫރު ކްލަބް، ލިޔޯން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލަން ނިންމި ނިންމުން ބާތިލްކޮށްލައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު، ލިޔޯން، ހިންގަމުން އަންނަ، އީގަލް ފުޓްބޯލް ގްރޫޕުން ވަނީ 500 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ބުނެ، އެ ކުންފުނީގެ މާލީ ރިޕޯޓް އާންމުކޮށްފަ އެެވެ. ލިޔޯނުގެ 77 ޕަސެންޓް ހިއްސާ އޮތް އީގަލް ފުޓްބޯލް ގްރޫޕްގެ އަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯގައި ވެސް ހިއްސާ އޮވެ އެވެ.
ދަރަނީގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލާނެ ކަމަށް މިދިޔަ ނޮވެމްބަރު މަހު، ޑީއެންޖީސީން ވަނީ ލިޔޯނަށް އަންގައިފަ އެވެ. ލިޔޯނުގެ އޮފިޝަލުން ދާދި ފަހުން ވަނީ ޑީއެންޖީސީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގައި، އެ ކްލަބްގެ މާލީ ހާލަތު ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން ކުރިއަށްދާކަން ޔަގީންކޮށްދެވިފައިނުވެ އެވެ. އަދި، އެކަންކަން ރަނގަޅުކުރަން ދިން މުއްދަތުގައި ވެސް އަމަލުކޮށްފައިނުވާތީ، ޑީއެންޖީސީން ގޮތެއް ނިންމައި، ލިޔޯން ދެ ވަނަ ޑިވިޝަނަށް ޑީމޯޓްކޮށްލަން ކަނޑައެޅީ އެެވެ.
އެކަމަކު، އެ ނިންމުމާ ހިތްހަމަނުޖެހި، ލިޔޯނުން ވަނީ ކަންކަން ރަނގަޅުކުރަން މުއްދަތެއް ދޭން އެޕީލެއް ކޮށްފަ އެވެ. އަދި، އެ އެޕީލް މަރުހަލާ ތެރޭގައި، ލިޔޯން ހިމަަނައިގެން އަންނަ ސީޒަނުގެ ފްރެންޗް ލީގުގެ ޝެޑިއުލް ނެރުނެވެ.
މީގެ އެއް އަހަރު ކުރިން، ޕީއެސްޖީން ގެނައި، ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާގެ ޓްރާންސްފާ ފީ އެއް ފަހަރުން ލިޔޯނަށް ދީ އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކުން ލުޔެއް ހޯދައިދޭން ޕީއެސްޖީން ވެސް ނިންމި އެވެ. މީގެ ސަބަބުން ލިޔޯނަށް ލުޔެއް ލިބުނުއިރު، އެ ކްލަބްގެ ހިއްސާ ވިއްކައި، ކަންކަން ހަމަޖައްސައި، މި ވަނީ އެޕީލް ކާމިޔާބުކޮށްފަ އެވެ.
ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ލިޔޯނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑީއެންޖީސީގެ ނިންމުން ބަދަލުކުރަން އެކަށީގެންވާ ވަރަށް ކަންކަން ފުރިހަމަ ކޮށްފައިވާނެ ކަމަށާއި އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅެން ލިޔޯން ވަރުގަދަ ކުރުމުގެ ކަންކަން ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ