ގޫގުލް 314 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެންޑްރޮއިޑް ސްމާޓްފޯނުތައް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު، އެމީހުންގެ އެނގުމަކާ ނުލައި އެއްކޮށްފައިވާތީ، ޓެކްނޮލޮޖީގެ އެންމެބޮޑު އެއް ކުންފުނި ގޫގުލް 314 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޖޫރީއަކުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ އަންގާރަ ދުވަހު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ހޯސޭގައެވެ. މި ދައުވާގައި ބުނެފައިވާ ގޮތުގައި، ގޫގުލްއިން ޑޭޓާ އެއްކޮށްފައިވަނީ ފޯނު ބޭނުންނުކުރާ ވަގުތުތަކުގައި، 'ބެކްގްރައުންޑް'ގައެވެ. މިކަން ކޮށްފައިވަނީ ފޯނުގެ ވެރިފަރާތުގެ އެއްވެސް ހުއްދައެއް ނުވަތަ އެނގުމެއް ނެތި ސިއްރުންނެވެ. މިއީ 2019 ވަނަ އަހަރު ފެށި "ކްލާސް އެކްޝަން" ދައުވާއެކެވެ. މި ދައުވާގައި ކެލިފޯނިއާގައި ދިރިއުޅޭ އެންޑްރޮއިޑް ބޭނުންކުރާ ގާތްގަނޑަކަށް 14 މިލިއަން މީހުން ވަނީ ބައިވެރިވެފައެވެ. އެމީހުން ތުހުމަތުކުރި ގޮތުގައި، ގޫގުލްއިން ވަނީ މަކަރުވެރިކަމާއެކު އެމީހުންގެ ޕްރައިވެސީއަށް އަރައިގެންފައެވެ. މި ތުހުމަތުތަކަށް ރައްދު ދެމުން ގޫގުލްއިން ބުނީ، ޔޫޒަރުން ޚިދުމަތް ބޭނުންކުރަން ފެށުމުގެ ކުރިން އެއްބަސްވާ "ޕްރައިވެސީ ސްޓޭޓްމަންޓް" އަދި "ޓާމްސް އޮފް ސާވިސް" ގައި ޑޭޓާ ޕްރޮސެސް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޔޫޒަރުންނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ޖޫރީން އެ ވާހަކަ ގަބޫލެއްނުކުރިއެވެ. އަދި ޖޫރީން ނިންމީ ގޫގުލްއިން މިކަމުގައި"ހައްދު ފަހަނައަޅާފައިވާ" ކަމަށެވެ. މި 314 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ އެމެރިކާގައި ޕްރައިވެސީއާ ގުޅޭގޮތުން ގޫގުލްއަށް ކުރި އެންމެ ބޮޑު އެއް ޖޫރިމަނާއެވެ. މިއީ ޑޭޓާ އެއްކުރުމުގެ ހައްދުތައް ވަޒަންކުރަމުންދާ އެހެން ޓެކް ކުންފުނިތަކަށް ފޮނުވުނު މެސެޖެކެވެ. ޤާނޫނީ ވަކީލުން ދެކޭ ގޮތުގައި މި ހުކުމުގެ ސަބަބުން، ޒާތީ މައުލޫމާތު އެއްކޮށް، އެއިން ފައިސާ ހޯދާ ގޮތާ ގުޅޭ އިތުރު ދައުވާތަކެއް ކުރުމަށް މަގުފަހިވާނެއެވެ. މި ހުކުމް އިސްތިއުނާފު ކުރާނެ ކަމެއް އަދި ގޫގުލްއިން ބުނެފައެއް ނުވެއެވެ. ނަމަވެސް، ކުރިމަގުގައި ޑޭޓާ އެއްކުރާ ގޮތް ބަދަލުކުރުމަށް އެ ކުންފުންޏަށް އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބެލެވެއެވެ. މި އަދު މިއޮތް ޑިޖިޓަލް ޒަމާނުގައި ޕްރައިވެސީއާ މެދު ކަންބޮޑުވުންތައް އިތުރުވަމުން އަންނައިރު، މި ހުކުމަކީ ޓެކް ކުންފުނިތަކުގެ ޒިންމާތަކާ މެދު ކޯޓުތަކުން ދެކޭގޮތް ބަދަލުވަމުން އަންނަކަމުގެ ސާފު އިޝާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ