މިނިވަން 60: ކަމެއް ވާން އުޅޭކަން އިހުސާސްވޭތަ؟
އޭރު އުޅުނީ ޒުވާންކަމުގެ ޖޯޝުގައި ތުއްތު ކުދިން ކޮނޑަށް ލައިގެން މާލޭގައި ދިދަފަތި ދަމާށެވެ. ކުލަ ބޮކިތައް ދަމައި، ރަށްރަށަށް ވެސް ދިދަފަތި ފޮނުވިއެވެ. ސްކޫލުގެ ހަރަކާތްތަކަށް ދަރިންވަރުން ތައްޔާރުކޮށްދިނެވެ. މިއީ 1990ވަނަ އަހަރު ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުން ފާހަގަކުރުމާ ގުޅޭ ގޮތުން އޭނާގެ ހުރި ހަނދާންތަކެވެ. މާލޭ މަގުތަކުގައި ޕެރޭޑެއް ބޭއްވި އިރު، އެދުވަހު ފުޅަނދު ބުރު ބަލައިލަން ކުދިބޮޑު އެންމެން މަގުތަކަށް އެއްވިއެވެ. ޓީވީއާއި ރެޑިއޯތަކުން ދުވަހުގެ ލަވަތަކާއި ސަނާތަކުގެ އަޑު އިވުނު އިރު، މިއީ އީދެއްފަދަ ދުވަހެކެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި މިނިވަން 50 ފާހަގަކުރިއިރު އޭނާ އުޅުނީ އެ މަންޒަރު ބަލާށެވެ. އެ އަހަރުގެ ޖަނަވަރީ އެކެއްގައި ފެށި ކައުންޓްޑައުނާ އެކު މާލޭގައި ދެމި ބޮކިފަތިތަކުން ހިތަށް އުފާވެރިކަން ހޯދިއެވެ. ދަރިންގެ ނެށުން ބަލައި ސަރުކާރުން ހިންގި ހަރަކާތްތައް ބެލިއެވެ. ދަރިން ގޮވައިގެން ފުޅަނދު ބުރު ބަލަން ދިޔައެވެ. މިއީ ހަމައެކަނި މިނިވަންކަން ފާހަގަކުރުމެކޭ އޭރު ހިތަކަށް ނާރައެވެ. މިއީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭ ފުރުސަތެވެ. ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު އުމުރުން މިހާރު 70 އަހަރުވެފައިވާ ފުރަ މާލެއަށް އުފަން އިބްރާހީމްފުޅުގެ ހަނދާން ކޮށިވި ނަމަވެސް، މި ހަންދާންތައް އޭނާގެ ހިތުން ނުދަނީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް ހުރުމުންނެވެ. މިއީ އޭނާގެ އެންމެ އުފާވެރި ހަނދާންތަކެވެ. ދަރިންނާ އެކު ހޭދަކުރެވުނު އެންމެ އުފާވެރި ވަގުތުތަކެވެ. "ބޮޑުބެރު ޝޯތަކާއި މާލި ޕެރޭޑު ބޭއްވި. މިއީ މިނިވަން ދުވަހަކާ ގުޅިގެން ހުރި އެންމެ އުފާވެރި ހަނދާންތައް،" އިބްރާހީމްފުޅު ކިޔައިދިނެވެ. މި ދުވަހަށް ތައްޔާރުވުމަށް އޭރު މަހެއް ކުރިން މަސައްކަތް ފަށައެވެ. ނުވަތަ އެއަށް ވުރެ ވެސް އަވަހަށެވެ. މިއީ ރަހުމަތްތެރިންނާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު މިއަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު، އިބްރާހީމްފުޅަށް މިއަދު މި އިހުސާސް ނުކުރެވޭތީ އޭނާ ހިތާމަކުރެއެވެ. އެންމެ 19 ދުވަހަށްވީއެވެ. މިނިވަން ދުވަސް އަންނަ ކަމުގެ އިހުސާސް އޭރު މަހެއް ކުރިން ކުރެވެއެވެ. "ދުވަހެއް އަންނަން އުޅޭކަމެއް ނޭންގޭ. ކަމެއް ކުރާކަމެއް ނޭންގޭ. މިއީ ހާދަ ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކޭ. އެކަމަކު ކާފަ ދަރިން ވެސް މި ހަނދާންތަކެއް ނުހުރޭ މިހާރަކު. އަމުދުން މި އަހަރު މިނިވަން 60 ފާހަގަކުރަން އުޅޭކަމުގެ އިޝާރާތެއް ރަށުތެރެއިން ވެސް ނުވޭ،" މި ނޫހާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. މީގެ ކުރިން ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރީ މުޅި ސަރުކާރު ގުޅިގެންނެވެ. މިއީ އަތޮޅުތެރެއަށް ވެސް އަންނަ އީދެކެވެ. ނަމަވެސް، މިއަހަރު މިނިވަން 60 ނުވަތަ "ޑައިމަންޑް ޖުބިލީ" ކުލަގަދަ ނުވުމުގައި އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ. މިނިވަން 50 ރަންޔޫބީލް މުނާސަބަތުގައި މޯލްޑިވް ގޭސްއިން ހުޅުވި ޕާކު-- މި ސަރުކާރުން ވަނީ ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތު ދިރުވުމަށް، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނަމުގައި ވުޒާރާއެއް އުފައްދައިފައެވެ. ރާއްޖޭގެ ސަގާފަތާ ތާރީޚާ ގުޅުންހުރި މިފަދަ މުހިންމު ދުވަހެއް ބޯމަތިވެފައި ވާއިރު، މި މިނިސްޓްރީގެ ވެބްސައިޓުތަކާއި ސޯޝަލްމީޑިއާގެ މަންސަތަކުން ވެސް ދުވަހެއްގެ އިޝާރާތެއް ނުވެއެވެ. އެންމެ ފަހުން ކޮށްފައިވާ ޕޯސްޓުގައި ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނު ގޮތާއި މިނިވަންކަން ހޯދަން ދިވެހިން ކުރި މަސައްކަތްތަކާ ބެހޭގޮތުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ވުޒާރާގެ މުޝީރު އޮނޮރަބްލް އައްބާސް އިބްރާހީމް ބޭއްވެވި މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ވާހަކައެވެ. މި ސެޝަން ބާއްވާފައި ވަނީ ވުޒާރާގެ މުވައްޒަފުންނަށް ޚާއްސަކޮށެވެ. މި ދުވަސް ފާހަގަކުރުމަށް އެ ވުޒާރާއިން ވަނީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބާއްވާފައެވެ. މި ދުވަސް ފާހަގަކުރުމަށް މިއަހަރު ސަރުކާރުން ރާވާފައިވާ އެންމެ ބޮޑު އެއް ކަމަކީ ވެލާނާ އިންޓަނޭޝަނަލް އޭއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމެވެ. އަދި ވަކިވަކިން ދެ ޖަލްސާއެއް ބާއްވާއިރު މި ދުވަހާ ގުޅިގެން ހަތަރު ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މިނިވަންދުވަހާ ގުޅިގެން ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހޯދުމަށް އެ ވުޒާރާއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ. ޖުލައި 26، 2015: މިނިވަން 50 ފާހަގަ ކުރުމަށް، އެމްއެންޑީއެފް އާއި ސްކޫލުތަށް ގުޅިގެން މާލޭގައި ބޭއްވި ޕެރޭޑުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު މިނިވަން ދުވަސް ބޯމަތިވެފައި ވާއިރު، މަގުތަކުން ފެންނަ ފަޅުކަމާއި ގެއްލިފައިވާ ޖޯޝު ފާހަގަކުރެވުނު އިބްރާހީމްފުޅު ފަދަ އެތައް ދިވެހީންނެއް އެބައުޅެއެވެ. އޭގެތެރޭގައި ޒުވާނުން ވެސް ހިމެނެއެވެ. ސްކޫލު ބޭންޑެއްގެ ކަންކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ، މީގެ ކުރިން މިނިވަން ދުވަސްތަކަކީ ސްކޫލު ކުދިންނަށް އަންނަ އީދެއް ކަމަށެވެ. މި ދުވަހަށް އެ ކުދިން އިންތިޒާރު ކުރާކަމަށް އޭނާ ބުންޏެވެ. "މިފަހަރު މި ހަރަކާތްތައް ރާވައިފައި ވަނީ ސްކޫލު ކުދިންގެ ބައިވެރިވުން ވަރަށް ކުޑަވާ ގޮތަށް،" މި ފަޅުކަން މުޅި ރާއްޖެއިން ވެސް މި އަހަރު އެބަ ފާހަގަވެއެވެ. ބޮޑުކަމެއް ވާންއުޅޭކަމުގެ އިހުސާސެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ