ލަންކާއާއެކު ޑިއުޓީ ފްރީ ވިޔަފާރި ޒޯނެއް ގާއިމްކުރުމުގެ ޚިޔާލެއް ނެތް، މަޝްވަރާއެއް ނުކުރަން: ސައީދު

ރާއްޖެއާއި، އަވައްޓެރި ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ވިޔަފާރި ޒޯނެއް ގާއިމްކުރުމުގެ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ލަންކާގެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން އުޅޭކަން ރިޕޯޓުކޮށްފައެވެ. އެ ޚަބަރާއެކު ބައެއް މީޑިއާތަކުން ވަނީ، މި ދަތުރުފުޅުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރާނީ ރާއްޖެއާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމްކުރުމާ ގުޅޭ ގޮތުން ކަމަށް ވެސް ރިޕޯޓުކޮށްފައެވެެ. އެ ރިޕޯޓުތައް ދޮގުކުރައްވައި، ސައީދު މިއަދު ވިދާޅުވީ އެއީ، ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، އެ ފަދަ ކަމެއް ކުރަން ޚިޔާލު ވެސް ކޮށްފައި ނުވާ ކަމަށެވެ. ރަސްމީކޮށް ސައީދު މިފަދައިން ވިދާޅުވިއިރު، މި ރިޕޯޓުތަކާ ގުޅިގެން ލަންކާ ސަރުކާރުން ވެސް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އިގްތިޞާދު ކުރިއަރުވަން، މި ސަރުކާރުން ވަނީ ޑިވެލޮޕްމަންޓް ބޭންކާއި، ބަންކަރިން ފަދަ މަސައްކަތްތަކެއް ފަށައިފައެވެ. ނަމަވެސް އަދި މާ ބޮޑު ނަތީޖާއެއް ނުފެނެއެވެ. މީގެ އިތުރުން ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ)އެއް ގާއިމްކޮށްފައި އޮތް ނަމަވެސް، އެ ކަމުގެ ވެސް މާ ބޮޑު ފައިދާތަކެއް އަދި ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ