މައިލޯ ސްވޭމް ޖޫނިއާސް ގަދަ 16 ގައި ފޯރިގަދަ މެޗުތަކެއް މައިލޯ ސްވޭމް ޖޫނިއާސް ގަދަ 16 ގައި ފޯރިގަދަ މެޗުތަކެއް

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން، އަލްމަރްހޫމް، އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އަށް އަހަރުން ދަށަށް ހާއްސަކޮށް ކުރިއަށްގެންދާ "މައިލޯ ސްވޭމް ޖޫނިއާސް" ގެ ގަދަ 16 ޓީމު ޔަގީންވެއްޖެ އެވެ.
ހެންވޭރު ދަނޑުގައި މިހާރު ކުރިއަށްދާ މުބާރާތުގައި މާދަމާ އޮތީ ގަދަ 16 ބުރުން ފެށިގެން ބާކީ މެޗުތަކެވެ.
މައިލޯ ސްވޭމް ޖޫނިއާސް" މުބާރާތުގައި، 18 އެކަޑަމީ އަކުން 28 ޓީމު، ކޮންމެ ޓީމެއްގައި، 18 ކުދިން ހިމެނޭ ގޮތަށް ބައިވެރިވެފައިވެ އެެވެ. ސޮކަ ވެޓަރަންސް އިން ބުނީ، މިއީ، ގާތްގަނޑަަކަށް 500 އެއްހާ ކުދިން ކަމަށާއި މި މުބާރާތް ރާވާފައިވަނީ އެ ހުރިހާ ކުދިންނަށް ވެސް ކުޅެވޭނެ ގޮތަށް މޮޑިފައި ކޮށްގެން، ކޮންމެ ޓީމަކަށް ވެސް، މަދުވެގެން ހަ މެޗު، ތިން ދުވަސް ތެރޭ ކުޅެން ލިބޭނެ ގޮތަކަށް ކަމަށެވެ.
އެ ގޮތުން، މާދަމާ ކުޅޭ ގަދަ 16 ބުރުގެ މެޗުތަކަށް ބަލާއިރު، މާޒިޔާ އެކަޑަމީ އޭ ކުޅޭނީ ސަސް އެކަޑަމީއާ އެވެ. އޮޑި އެވަންޖާސް އިން ހުޅުމާލޭ ސްޕޯޓްސް ސްކޫލްއާ އެވެ. އެޑްވެންޗާސް އިން ވިލިމާލެ އެކަޑަމީއާ ބައްދަލުކުރާއިރު، ބިސްބުރު ސްޕޯޓްސް އޭ ކުޅޭނީ އެސްޕަޔާ އެކަޑަމީއާ އެވެ. ބީޖީ އެކަޑަމީ އޭ އިން އާޖީލަކަށް އޭދަފުށިއާ ކުޅޭއިރު، ފްރެންޑް ފުޓްބޯލް ފެމިލީ އެކަޑަމީ - ރަތަފަ އިން ނުކުންނާނީ ވެލެންސިއާ ގޯލްޑްއާ ދެކޮޅަށެވެ. އެމްއެސް މޭޓްސް އިން އައުއާ ދަނގެތި ފުޓްބޯލް އެކަޑަމީއާ ދެކޮޅަށް ނުކުންނައިރު، އަޝްފާގު އެކަޑަމީން ބައްދަލުކުރާނީ ފޭސް ޓޫ ސޮކަ އެކަޑަމީއާ އެވެ.
ސޮކަ ވެޓަަރަންސްގެ ރައީސް، އަލީ ޝަމީމް (ކޮޔަރު އައްޔަ) ވިދާޅުވީ، މައިލޯ ސްވޭމް ޖޫނިއާސްގެ އެންމެ ބޮޑު އެއް އަމާޒަކީ ތުއްތު ކުދިންނަށް، އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމާއި އެ ކުދިންގެ ހިތްތަކުގައި ފުޓްބޯޅަ އަށް ލޯބި ޖައްސައި، ފުޓްބޯޅަ އަށް ގިނަ ކުދިން ނެރެދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ