ހަލާލު ޓޫރިޒަމް ކުރިއެރުވުމަށް ހާއްސަ ރަށްތަކެއް ކަނޑައަޅުއްވައިފި

ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ ރަށްތަކެއް ސަރުކާރުން ކަނޑައަޅުއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓަކުންނެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މި މަސައްކަތުގައި ވުނޭރުންނަށް ހިތްވަރު ދިނުމަށްޓަކައި ބޮޑެތި އިންސެންޓިވްތައް ނުވަތަ އިނާޔަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ދިވެހިރާއްޖެ ވުނަކުރުމަށް ހުޅުވާލާފައިކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވުނޭރުންނަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގައްޔާއި އަދި ހާއްސަކޮށް މެހުމާންދާރީ އަދާކުރުމުގައި، އެހެން ގައުމުތަކަށް ނަމޫނާ ގައުމެއް ކަމުގައެވެ.
އަދި ދިވެހިރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ، ހަލާލު ޓޫރިޒަމްގައި ބައިނަލްއަގްވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ގައުމަކީ ރާއްޖެ ކަމުގައި ހެދުމަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ