ސަން ސިޔާމް ގްރޫޕުގެ ލޭ ހަދިޔާކުރުން ކާމިޔާބުކަމާއެކު ނިންމާލައިފި، މިދިޔަ އަހަރަށްވުރެ މިއަހަރު ޑޯނަރުން އިތުރު!
ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތް، ކާމިޔާބުކަމާއެކު މިއަހަރު ވެސް ނިންމާލައިފިއެވެ. ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހަކީ މެއި އަށްވަނަ ދުވަހެވެ. އެއީ ދުނިޔޭގެ ތެލަސީމިއާ ދުވަސްވެސްމެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެ ދުވަހާ ގުޅުވައި ސަން ސިޔާމް ގުރޫޕުގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ކޭމްޕުތަކެއް އެ ކުންފުނީގެ ރިސޯޓުތަކުގައާއި، މާލޭގައި ކުރިއަށް ގެންދެއެވެ. މި އަހަރުގެ މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ ޖުމްލަ ހަ ކޭމްޕެއް ބޭއްވިއިރު، އެންމެ ފަހު ކޭމްޕު މިއަދު ބާއްވާފައި ވަނީ ހުޅުމާލެ، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގައެވެ. އެމްބީއެސްގައި ބޭއްވި ސަން ސިޔާމް ގްރޫޕު ހެޑް އޮފީސް މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން -- ސަން ފޮޓޯ އެމްބީއެސްއާ ގުޅިގެން ސަން ސިޔާމް ގްރޫޕުން މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ސަން ސިޔާމް ކުންފުނީގެ ހެޑް އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ވަނީ އިސްނަގައިގެން ލޭ ހަދިޔާކޮށްފައެވެ. އެއް އަހަރުން އަނެއް އަހަރަށް، މި ހަރަކާތުގައި އަމިއްލަ އިސްނެގުމުގެ މަތިން ލޭ ހަދިޔާކުރާ މުވައްޒަފުން އިތުރެވެ. ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު 'ސަން' އާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު މިއަހަރުގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ނިންމާލަމުން ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، މިއަދާ ހަމައަށް އައިއިރު ހުރިހާ ރިސޯޓެއްގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. އެ ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރައްވައި އައްޒަ ވިދާޅުވީ އެމްބީއެސްގެ އެހީތެރިކަމާއެކު، ރިސޯޓުތަކުން ވަރަށް ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ. އަޅުގަނޑުމެން އުންމީދުކުރި ގޮތަށް މިދިޔަ އަހަރަށްވުރެ މިއަހަރު މާ ގިނައިން ލޭ ހަދިޔާކޮށްފައިވޭ. މުވައްޒަފުން ހޭލުންތެރިކޮށް، ތެލަސީމިއާ ކުދިން ލޭ ބޭނުންވާކަމުގެ މުހިންމުކަން ރަނގަޅަށް މުވައްޒަފުންނަށް އަންގައިދިނުމުން، ހިލޭ ސާބަހަށް ވަރަށް ގިނަ މުވައްޒަފުން ލޭ ހަދިޔާކުރި. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ މިފަހަރު މިކަންތައް ދިޔަ ގޮތާމެދު، ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު އެމްބީއެސްގައި ބޭއްވި ސަން ސިޔާމް ގްރޫޕު ހެޑް އޮފީސް މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުހައްމަދު އައްޒަ ވިދާޅުވި ގޮތުގައި ސަން ސިޔާމް ރިސޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ސަން ސިޔާމް ގްރޫޕުގެ ހުރިހާ ރިސޯޓެއްގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުވެސް އެފަދަ ފުރިހަމަ ކޭމްޕުތަކެއް ކުރިއަށް ގެންދިޔުމަށް ގަސްތުކުރައްވާކަމަށް އައްޒަ ވިދާޅުވިއެވެ. އެމްބީއެސްގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ފާތިމަތު ނާދިޔާ 'ސަން' އާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު މި ހަރަކާތާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން އެމްބީއެސްގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ފާތިމަތު ނާދިޔާ ވިދާޅުވީ މިއީ ސަން ސިޔާމް ގްރޫޕުން ހަމައެކަނި މިއަހަރު ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށެވެ. އެހާ ކާމިޔާބުކަމާއެކު ކޮންމެ އަހަރަކު އެފަދަ އެހީތެރިކަމެއް ލޭ ހަދިޔާކޮށްގެން ފޯރުކޮށްދޭތީ ނާދިޔާ ވަނީ ސަން ސިޔާމް ގްރޫޕަށް ޝުކުރު އަދާކުރައްވާފައެވެ. އެއީ އިންސާނިއްޔަތުކަމަށްޓަކައި ދެވޭ ވަރަށް ބޮޑު ޚިދުމަތެއްގެ ގޮތުގައި ނާދިޔާ ވަނީ ސިފަކުރައްވައިފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ފުދޭވަރަކަށް ލޭގެ ނީޑް އެބައޮތް. އަދި އަމުދުން އަޅުގަނޑުމެންގެ ތެލަސީމިއާ ކުދިން ގިނަވީމާ އެމްބީއެސްއަށް އެކަނި ވެސް މަހަކަށް ގާތްގަނޑަކަށް 9،000 ބްލަޑް ޕޮއިންޓް ބޭނުންވޭ. ފުދޭވަރަކަށް ބޮޑު އެއްޗެއް އެއީ. އެހެންވީމަ މި ކުދިންނަށް އެ ނީޑް ފުރިހަމަކޮށްދޭން ސަން ސިޔާމް ރިޒޯޓްސްގެ ކޮންޓްރިބިއުޝަން ވަރަށް ބަލައިގަންނަން، އެމްބީއެސްގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ފާތިމަތު ނާދިޔާ އެމްބީއެސްގައި ބޭއްވި ސަން ސިޔާމް ގްރޫޕު ހެޑް އޮފީސް މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުހައްމަދު ޑރ. ނާދިޔާ ވިދާޅުވި ގޮތުގައި ލޭ ހަދިޔާކުރުމުން އެއީ ކޮންމެވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. އެގޮތުން އޭނާގެ އުންމީދަކީ ކޮންމެ މީހަކީ ވެސް 'ވަން ޓައިމް ޑޮނޭޝަން' އަކަށް ހެދުމުގެ ބަދަލުގައި ގަވާއިދުން ލޭ ހަދިޔާކުރާ މީހަކަށްވުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަން ސިޔާމް ގުރޫޕަށް 35 އަހަރުވެފައިވާއިރު، އެ ކުންފުންޏަކީ އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެމްބީއެސްގައި ބޭއްވި ސަން ސިޔާމް ގްރޫޕު ހެޑް އޮފީސް މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން: ލޭ ހަދިޔާކުރުން ކާމިޔާބުކަމާއެކު މިއަދު ވަނީ އެ ކުންފުނިން ނިންމާލާފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެގޮތުން މިއަހަރު ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ބާއްވާފައި ވަނީ: މިދިޔަ މަހުގެ 13 ވަނަ ދުވަހު ސަން ސިޔާމް އޮޅުވެލީގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ސަން ސިޔާމް އިރުވެލީގައި މިމަހުގެ އަށްވަނަ ދުވަހު ސަން ސިޔާމް އިރުފުށީގައި މިމަހުގެ 19 ވަނަ ދުވަހު ސަން ސިޔާމް ވިލުރީފްގައި މިމަހުގެ 26 ވަނަ ދުވަހު ސިޔާމް ވޯލްޑުގައި އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރުވެސް ކާމިޔާބުކަމާއެކު ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ