‎ލިލީ މަލުގެ ޓްރެންޑް؛ އެއީ ފިލްމެއްގެ ޕްރޮމޯޝަން

"ލިލީ ބޭނުން"، "ލިލީ ނުލިބޭ" " ލިލީ ލިބިއްޖެ" މިއީ އިއްޔެ މުޅި ސޯޝަލް މީޑިއާ ހިސޯރުކޮށްލި ވާހަކަތަކެކެވެ. އެއްބަޔަކަށް މިކަންވީ އުދަނގުލަކަށެވެ. އަނެއްބަޔަކަށް ވަރަށް ސަޅި ޓްރެންޑަކަށެވެ. އެންމެން ވެސް އިންތިޒާރު ކުރީ އެއް ކަމަކަށެވެ. އެއީ މި ޓްރެންޑްގެ ހަގީގަތް ބަލާލުމެވެ.
‎މިއީ އަލަށް އުފައްދައިގެން އުޅޭ ޕްރަޑަކްޝަން ހައުސް، ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު "ލިލީ" ގެ ނަން އިއުލާން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ. ކެމްޕެއިންގައި ވާނީ މާލެ ސަރަހައްދަށް 400 އާއި ގާތް ކުރާ އަދަދަކަށް ލިލީ މާ ވަނީ ބަހައިފަ އެވެ.
‎މި ޖޫން މަހުގެ 24 އިން ޖޫން 28 މެންދުރު ފަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިނާ އެކު ކްރިއޭޓިވް ނެޓްވޯކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވަނީ 2.3 މިލިއަން ވިއުވާޒްއަށް ރީޗް ވެފަ އެވެ. އެއީ އިންސްޓަގްރާމުގައި 1.3 މިލިއަން އަދި ފޭސްބުކްގައި 1 މިލިއަނެވެ.
‎ލިލީ ފިލްމް ފުރަތަމަ އިއުލާން ކޮށްފައިވާނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެެސް އޭރު ދޫކޮށްލި ވީޑިއޯގައި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ފިލްމުގެ ނަން ވެސް އޭރު ނޭނގެ އެވެ. 28 ޖޫންގައި ފިލްމުގެ ނަން، "ލިލީ" އިއުލާން ކޮށްފައިވާނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާ ވެސް އެކު އެވެ.
‎ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.
‎ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.
‎މިއީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.
‎ފިލްމުގެ މަންޒަރުތައް ނަގާފައިވާނީ މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު އެވެ. ގާތްގަނޑަކަށް 90 އިންސައްތަ މަންޒަރުތައް ނެގީ ޅ. ހިންނަވަރުގަ އެވެ. އަނެއް 10 އިންސައްތަ ނަގާފައިވާނީ ލާމު އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގަ އެވެ.
‎މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައިވާނެ އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިވެފައިވާ ފިލްމުގެ ވާހަކައިގެ އެހެން ބައެއް ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ އެވެ.
‎ފިލްމު އޮލިމްޕަސް ސިނަމާއަށް މިއަހަރު އަންނާނެ އެވެ. ސީދާ ތާރީހެއް އަޅުގަނޑުމެން އިއުލާން ކުރާނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ