ސަރަނގު ޖަރީއާއި ނޮޅިވަރަމް ޑަބްލިއުޑީސީ ގުޅިގެން ފަހާފޮށިން މާޖަހާ ކޯހެއް އެރަށުގައި ކުރިއަށްގެންގޮސްފި
ސަރަނގު ޖަރީއާއި ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ފަހާފޮށިން މާ ޖަހާ ކޯހެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ސަރަނގު ޖަރީއަކީ އަލްމަރުހޫމާ ސަރަނގު ޝަމީމާ ހިންގަވަމުން ގެންދެވި އިންސްޓިޓުއުޓްއެކެވެ. މިހާރު މި އިންސްޓްޓިއުޓްގެ މަސައްކަތް ކުރައްވަނީ ޝަމީމާގެ ދަރިފުޅު އާމިލާ އާދަމްއެވެ. މި ކޯހުގައި ކިޔަވައިދެއްވީ ވެސް އާމިލާއެވެ. މި ކޯސް ކުރިއަށް ގެންދިޔައީ މިމަހުގެ 14ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި 22 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މި ކޯހާ ގުޅިގެން އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހައްވާ ޒާހިރާ ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އަންހެނުން ބާރުވެރި ކުރުވައި، އަންހެނުންނަށް އާމްދަނީ ހޯދަން ކުރެވޭނެ މަސައްކަތަކާ ގުޅޭ ކޯހެއް އެ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މިއަހަރު ކުރިއަށްގެންދިޔައީ ފަހާފޮށިން މާޖެހުމުގެ ކޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރަނގު ޖަރީއާއި ނޮޅިވަރަމް ޑަބްލިއުޑީސީ ގުޅިގެން ކުރިއަށްގެންދިޔަ ފަހާފޮށިން މާޖަހާ ކޯހުގެ ތެރެއިން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ބައިވެރިންގެ ކޯހުގެ ފީގެ އެއްބައި ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދައްކައިދޭ ގޮތަށެވެ. މި ޕްރޮގްރާމުގެ ބައިވެރިން ވެސް ވަނީ ޕްރޮގްރާމާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ފަހަން ނޭންގުނުކަމުގައި ވީނަމަވެސް، މިއީ ދަސްކުރަން ފަސޭހަ، ޝައުގުވެރި މަސައްކަތެއްގެ ގޮތުގައި ބައިވެރިން ވަނީ ސިފަކޮށްފައެވެ. "އަޅުގަނޑު ފުރަތަމަ ރޭ ހިތަށްއެރީ ހާދަ އާދަޔާ ޚިލާފު ކަމެކޭ މީ. އާދައިގެ ފަހާފޮއްޓަކުން ރީތި ގޮތްގޮތަށް މާހެދެއޭ. އާ ދިމަލާކުން އާ މައުލޫމާތެއް ދަސްވިކަމުގެ ހިތްހަމަޖެހުން ފުރަތަމަ އެރޭ ވެސް ލިބުނު،" ކޯހުގެ ބައިވެރިއަކު ބުންޏެވެ. ސަރަނގު ޖަރީއާއި ނޮޅިވަރަމް ޑަބްލިއުޑީސީ ގުޅިގެން ކުރިއަށްގެންދިޔަ ފަހާފޮށިން މާޖަހާ ކޯހުގެ ތެރެއިން އާމިލާ ވިދާޅުވީ، މި ކޯސް ނިމުނުއިރު ހުރިހާ ބައިވެރިންނަށް ވެސް މާ ޖަހަން ދަސްވި ކަމަށެވެ. އަދި އިތުރު ހުނަރެއް ދަސްކުރުމުގެ ޝައުގުވެރިކަން ބައިވެރިންގެ ކިބައިގައި ހުރި މިންވަރު ފެނުނު ކަމަށް އާމިލާ ވިދާޅުވިއެވެ. "އަޅުގަނޑުގެ އެދުމަކީ ހުރިހާ ބައިވެރިން ވެސް މާޖެހުމުގެ ރޮނގުން ކުރިއަށް ދިއުން،" އޭނާ ވިދާޅުވިއެވެ. ހުޅުމާލެ އާއި ރަށްރަށުގައި ފަހާފޮށިން މާޖެހުމުގެ ކޯސްތައް އާމިލާ ހިންގައެވެ. މީގެ އިތުރުން އޮންލައިންކޮށް ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފަހާފޮށިން މާޖަހަން އޭނާ ދަސްކޮށްދެއެވެ. މިފަދަ ކޯސްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރަނގު ޖަރީން ވަނީ ހުޅުވައިލައިފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ނުވަތަ ކައުންސިލްތަކާ ގުޅިގެން މިފަދަ ކޯސްތައް ކުރިއަށް ގެންދިއުމަކީ ލިބޭ އުފަލެއްކަމަށް އާމިލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ