ކުލަބު ވޯލްޑްކަޕް: ކުއަޓާ ފައިނަލުގެ ފުރަތަމަ ޖާގަ ޕަލްމެއިރަސް އިން ހޯދައިފި

އެމެެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބްރެޒިލްގެ ބޮޓަފޯގޯ އާއި އެގައުމުގެ ޕަލްމެއިރަސް ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕަލްމެއިރަސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕަލްމެއިރަސް މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ބޮޓަފޯގޯ ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވި ނަމަވެސް ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި އިތުރު ވަގުތު 15 މިނެޓެގެ ދެހާފު ކުޅެފައިވާއިރު، މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕަލްމެއިރަސް އިން ކާމިޔާބުކުރީ އިތުރު ވަގުތު 15 މިނެޓްގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޕައުލީނިއޯ އެވެ.
މީގެ އިތުރުން އިތުރު ވަގުތުގެ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ޕަލްމެއިރަސްގެ ޑިފެންޑަރު ގުސްޓާވޯ ގޮމޭޒް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އަދި މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕަލްމެއިރަސް ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ