ކިޑްނީ ފޭލްވިޔަސް ކެންސަރުޖެހުނަސް އަދި ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖެހުނަސް ޝިފާއަށް އެދި ކުރަން ރަނގަޅު ދުޢާއެއް!

ޢާންމުކޮށް ފަސޭހަނުކުރެވޭ ބޮޑެތި ބަލިތައް ޖެހުމުން ކުރާނެ ދުޢާއަކަށް ބައެއް ކިޔުންތެރިން އެދިލައްވައެވެ.  
ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ކޮންމ ކަމަކަށް ބޭނުންވި ނަމަވެސް އެމީހަކު އެންމެ ފަރިތަ ބަހަކުން އެމީހަކު ދުޢާކުރަމުން ގެންދަންވީއެވެ. އަމިއްލައަށް ޢިބާރާތްކުރަން އުނދަގޫނަމަ ތިރީގައި އެވާ ދުޢާއަކީވެސް ކުރެވިދާނެ ދުޢާއެކެވެ. އެއަށްވުރެ ކުރުކޮށްލައި ބޭނުން ބައެއް ނަގައިގެންވެސް ކުރެވިދާނެ ދުޢާއެކެވެ.  
ޔާ ﷲ! އިނބަ ﷲ އީ އުޑުތަކާއި މުޅި ކާއިނާތުގެވެރި ރަސްކަލާނގެއެވެ. ދީލަތިވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. ވާގިއެދެނީވެސް އިނބަ ﷲ ގެ ޙަޟްރަތުންނެވެ. އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ!  
ޔާ ﷲ! މިއަޅާއަށް ޖެހިފައިވާ ބަލިމަޑުކަން މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ. އިނބަ ﷲ ގެ ޙަޟްރަތުން މެނުވީ މިއަޅާއަށް ޝިފާ ލިބުމެއްނުވެއެވެ. އަދި އެއްވެސް ބަޔަކަށް، އެއްވެސް މީހަކަށްވެސްމެއެވެ.  
ޔާ ﷲ! މިއަޅާގެ ލޭގައިވާ ބަލިން މިއަޅާއަށް ޝިފާ ދެއްވަވާނދޭވެ! ކަށީގައިވާބަލިންވެސްމެއެވެ. ގުނަވަންތަކުގައިވާ ބަލިންވެސްމެއެވެ. މުޅި ހަށިގަނޑުގައިވާ ހުރިހާ ބަލިތަކުންވެސްމެއެވެ.  
މިއަޅާގެ ލެއަކީ ޠޯހިރު އައު ލެޔެއްކަމުގައި ލައްވަވާނދޭވެ! މިއަޅާގެ ކަށިތައްވެސްމެއެވެ. އެންމެހައި ގުނަވަންތައްވެސްމެއެވެ. ހަށިގަނޑުގެ އެންމެހައިބައތައްވެސްމެއެވެ.  
ޔާ ﷲ! އިނބަ ﷲ އަސް ޝިފާ ނުދެއްވެވޭނޭ އެއްވެސް ބައްޔެއް ނުވެއެވެ. އިނބަ ﷲގެ އަމުރުފުޅަސް ނުވާނެ އެއްވެސް ކަމެއް ނެތެވެ. 
ޔާ ﷲ! މިއަޅާއަށް ރަޙުމް ކުރައްވަވާނދޭވެ! އުޑުތަކުގައި އިނބަ ﷲ ރަޙްމަތް ލެއްވެވިފަދައިން ބިމުގައިވެސް ރަޙްމަތް ލައްވަވާނދޭވެ! އެންމެހައި މީސްތަކުންނަށް ރަޙްމަތް ލައްވަވާނދޭވެ! މިއަޅާ ފަދައިން ބަލިޙާލުގައި ތިބި އެންމެންނަށް ރަހްމަތް ލައްވަވައި ޝިފާ ދެއްވަވާނދޭވެ! ފުރިހަމަ ޞިއްހަތުގައި ތިބި މީހުން ހެޔޮ ޙާލުގައި ލަހައްޓަވައި ދެއްވަވާނދޭވެ!  
ޔާ ﷲ! އަޅަމެންނަށް ދެއްވަވާފައިވާ އިވުމާއި ފެނުމާއި އެންމެހައި ނިޢްމަތްތައް އަޅަމެންނާއިއެކު ލަހައްޓަވައިދެއްވަވާނދޭވެ! އަޅަމެންނަސް ދެއްވަވާފައިވާ އެންމެހައި ނިޢްމަތްތަކުގެ މިލްކްވެރި ފަރާތަކީ ވެސް ހަމަ އިނބަ ﷲ އެވެ.  
ޔާ ﷲ! އަޅަމެންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ ކުޅަދާނަކަން ދެއްވަވާނދޭވެ! އަދި ޤުރްއާނަކީ ނޫރެއްކަމުގައި ލައްވަވައި ޤުރްއާނުގެ ބަރަކާތުން ޝިފާ ދެއްވަވާނދޭވެ! އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ