8 މަހުގެ ކުއްޖާގެ މަރުގެ މައްސަލަ ހެލްތުން ވެސް ބަލަން ފަށައިފި
އައިޖީއެމްއެޗު ހޮސްޕިޓަލްގެ އިހުމާލަކުން މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރާ އަށް މަހުގެ ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވީ, ގދ. ތިނަދޫ, އަލަމާވިލާ, އެންމެ އަށް މަހުގެ, ޔޫނުސް ހުސައިން އަބްދުﷲ އެވެ. އެއީ ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅެވެ. ޔޫނުސްގެ އާއިލާއިން ތުހުމަތު ކުރަނީ އެކަށީގެންވާ ފަރުވާ ނުދީ, އަދި ކުއްޖާގެ ހާލަތު އާއިލާއަށް ބުނެ ނުދީ އޮށްވައި އެ ކުއްޖާ މަރުވީ ކަމަށެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް, "ސަން" އަށް ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު އެކަން ބަލަން ފަށައިފާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ތެރޭގައި މިވަގުތު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކަން ހިނގި ގޮތާމެދު އެއްޗެއް ދެންނެވޭނީ މި މައްސަލަ ބަލައި ނިމުމުން," ހަލީމް ވިދާޅުވިއެވެ. ހެލްތުގެ މީޑިއާ އޮފިޝަލް ވެސް މިއަދު "ސަން" އަށް ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު އެހެން އެއްވެސް ތަފްސީލެއް ހެލްތުން ނުދެއެވެ. މިކަން ހިނގީ ކިހިނެއް? ޔޫނުސްގެ ދައްތަ އައިމިނަތު ޔުނާލް ހުސައިން އިއްޔެ "ސަން"އަށް ބުނިގޮތުގައި، ޔޫނުސް އައިޖީއެމްޗުގައި އެޑުމިޓް ކުރީ ނުކައި, ހޮޑުލާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ. އެޑްމިޓް ކޮށްފައި އޮއްވައި، މިމަހުގެ 21ވަނަ ދުވަހު ޔޫނުސްގެ ހަށިގަނޑު ދުޅަވާން ފެށި ކަމަށް އޭނާ ބުންޏެވެ. އައިޖީއެމްއެޗްގައި ނަރުހުންތަކެއް ބަލި މީހަކަށް ފަރުވާ ދެނީ: އައިޖީއެމްއެޗުގެ އިހުމަލާކުން މަރުވި ކަމަށް ތުހުމަތުވާ އަށްމަހުގެ ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ -- ފޮޓޯ/ އައިޖީއެމްއެޗް ޑޮކްޓަރުންނާ ހަވާލާދީ ޔުނާލް ބުނީ، ޔޫނުސް ދުޅަވަނީ ލިވާގައި ހުންނަންޖެހޭ އެންޒައިމެއް މަތިވެފައި ހުރުމުން ކަމަށެވެ. އެންޒައިމްގެ ސަބަބުން، ގައިގައި ފްލުއިޑް އިތުރުވެ ކުއްޖާގެ ބަނޑާ ހަށިގަނޑު ދުޅަވެ، ފުފެނީކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ބުންޏެވެ. https://sun.mv/207913 މި ދުޅައާއި ފުފުން މަޑުކުރުމަށްޓަކައި އައިޖީއެމްއެޗުން މިދިޔަ ހަފުތާގެ އާދިއްތަ އަދި ހޯމަ ދުވަހު އިންޖެކްޝަނެއް ދިނެވެ. އިންޖެކްޝަންގެ ސަބަބުން ތުއްތު ޔޫނުސްގެ ދުޅަ އަންގާރަ ދުވަހު މަޑުވި ނަމަވެސް ބަނޑު ހުރީ ފުއްޕާފައެވެ. އިންޖެކްޝަން ޖެހުމުން ކުއްޖާގެ މޫނާއި އަތާއި ފައިގައި ހުރި ދުޅަ ތިރިވުމުން، ހުރިހާކަމެއް ރަނގަޅުވަނީ ކަމަށް އާއިލާއިން ތިބީ އުންމީދުކޮށްގެންނެވެ. ނަމަވެސް، ކުއްޖާގެ ބަނޑު އޭރުވެސް ކުޑައެއް ނުވެއެވެ. ކުއްޖާގެ ހާލަތު ރަނގަޅު ނުވާތީއާއި ހޮސްޕިޓަލުގައި ފަސް ދުވަސް ވީއިރު ވެސް އެއްވެސް ބައްޔަކަށް ޑައިގްނޯސް ނުކުރާތީ އާއިލާއިން އެދުނީ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ކުއްޖާ ދައްކައިދިނުމަށެވެ. މި އެދުމުގެ މަތިން ބުރާސްފަތި ދުވަހުގެ ރޭ ކުއްޖާ ބެއްލެވީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ, ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށް އާއިލާއިން ބުނެއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމަތީ އެމްބިއުލާންސެއް މަޑުކޮށްލައިގެން: އައިޖީއެމްއެޗުގެ އިހުމަލާކުން މަރުވި ކަމަށް ތުހުމަތުވާ އަށްމަހުގެ ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ -- ފޮޓޯ/ މާނިއު މުހައްމަދު ކުއްޖާގެ ހާލު ބަލަން އަންނަ މެޑިކަލް އޮފިސަރުންގެ ޓީމަކުން ބުދަ އަދި ބުރާސްފަތި ދުވަހު ހަދަން އެދުނު ސްކޭނެއް ކުއްޖާ ވަކިވެދިޔައިރު ވެސް ހަދާފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ އެ ސްކޭން ނުހެދުނީ ބަންދު ދުވަހަކާ ދިމާވުމުން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ ހިޖުރީ އާ އަހަރު ފެށުނު ދުވަސް ވުމުން ސަރުކާރު ބަންދު ދުވަހެކެވެ. ޔުނާލް ބުނީ ކުޑަ ކުދިންނަށް ޚާއްސަ ޑޮކްޓަރު, ބެއްލެވުމަށްފަހު ހާލަތު ބުނެދިނުމުން، ބޭރަށް ފުރެންދެން ކޮއްކޮ އައިސީޔޫއަށް ލައިދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް، ޔޫނުސް އައިސީޔޫއަށް ލާންޖެހޭ ހާލަތެއް ނެތްކަމަށް ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރު ބުނިކަމަށް ޔުނާލް ބުންޏެވެ. އައިޖީއެމްއެޗުން އައިސީޔޫއަށް ނުލެވޭ ނަމަ، ކޮއްކޮ ދޫކޮށްދިނުމަށާއި އެހެން ހޮސްޕިޓަލަކުން ވެސް އައިސީޔޫގައި ފަރުވާ ދެވިދާނެ ކަމަށް ވެސް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފުރުސަތު ވެސް އާއިލާއަށް ހޮސްޕިޓަލުން ދީފައެއްނުވެއެވެ. ޔޫނުސް އައިސީޔޫއަށް ނުލެވުނީ އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައި ވުމުންކަން ނަރުހުންގެ ފަރާތުން އެނގުނީ މާ ލަހުން ކަމަށް އާއިލާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ