ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އެގައުމަށް ވަޑައިގެންފި އެވެ.ރައީސް ސިންގަޕޫރަށް ވަޑައިގަތުމުން، އެއާޕޯޓުން އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ޓީމަށް މަރުހަބާ ދެންނެވީ މިނިސްޓަރ އިން އެޓެންޑެންސް އަދި މިނިސްޓަރު އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ހިޒް އެކްސެލެންސީ ޓަން ކިއާޓް ހާއުއެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ސޯ ކޮކް ލެންގް އާއި އޭނާގެ އަނބިކަނބަލުން މިސިޒް ސޯ ކޮކް ލެންގްގެ އިތުރުން ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.މި ދަތުރުފުޅުގައި ރައީސް މުއިއްޒު ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެ އެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އެ މަނިކުފާނު މަޝްވަރާ ކުރައްވާނެ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.ރައީސްގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެއިތުރުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ އެވެ.މި އަހަރަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ