ފަނޑިޔާރުންގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. ބިލު ހުށަހަޅާފައިވަނީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެހެއްޓުމާއި، ފަނޑިޔާރުންނަކީ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމާއެކު އެ މީހުންގެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމަށެވެ. އަދި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުސޫލުތަކާއި ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމާއި، އެ މީހުންނަށް ވިޔަފާރި ކުރެވޭނެ އުސޫލުތަކާއި މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް މުރާޖައާ ކުރުމަކީ ވެސް މި ބިލުގެ އެއް ބޭނުމެވެ. އެ ބިލުގައިވަނީ ފަނޑިޔާރުން މަގާމުގައި ތިބެ ކޮށްގެންނުވާނޭ ކަންކަމުގެ ބައި ވެސް އިސްލާހުކޮށްފައެވެ. އޭގައިވާ ގޮތުން ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ނުވަތަ އެ މީހުންގެ މަސްއޫލިއްޔަތުތަކަށް ބުރޫނާރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކަނޑައަޅާ މަސައްކަތްތައް ކުރުން ތައާރުޟެއް ނުވާނެއެވެ. ފަނޑިޔާރުކަމުގައި ހުރެ ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް، ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރުން ހިމެނެއެވެ. އަދި ލީގަލް ޕްރެކްޓިްސްއެއް ނުވަތަ ލޯފާމެއް ހިންގައި، ނުވަތަ އެ ފަދަ ތަނެއްގައި މަސައްކަތްކޮށްގެން ވެސް ނުވާނެ ކަމަށް ބުނެފައިވެއެވެ. ބިލުގައިވާ ގޮތުން ފަނޑިޔާރުންނަށް އެއްވެސް ބާވަތެއް ވިޔަފާރިއެއް ހިންގައި، ނުވަތަ ވިޔަފާރީގެ އުސޫލުން ވެސް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ، ކުއްޔަށް ހިފައިގެން ވެސް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް ފަނޑިޔާރުންގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް އެ ބިލުގައި ބުނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ހިއްސާ ވިއްކާ ދައުލަތުގެ ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައިނުވެ، އެ ފަދަ ކުންފުންޏެއްގެ ހިއްސާ މިލްކު ކުރެވިދާނެއެވެ. އެހެން ނަމަވެސް އެ ފަދަ ކުންފުންޏެއްގެ ގިނަ ވެގެން ފަސް ޕަސަންޓަށްވުރެ ގިނަ އަދަދެއްގެ ހިއްސާއަށް ނުސީދާ ގޮތުން ވިޔަސް ބާރުފޯރުވޭނެ ހާލަތެއްގައި ނުހުރެވުމަކީ ވެސް އޭގެ ޝަރުތެކެވެ. ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ އެ ނޫން ވެސް އުފުލޭ، އަދި ނުއުފުލޭ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށްވުރެ ބޮޑު ނޫން އަގަކަށް ވިއްކާލުމާއި، އެ ފަދަ މުދަލެއް ބާޒާރުގައި އާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑު ނޫން އަގެއްގައި ކުއްޔަށް ދީގެން އާމްދަނީ ހޯދިދާނެ ކަމަށް ބިލުގައިވެއެވެ. އަދި ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގޯއްޗެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގަތުން މި ބިލުން މަނަލެއް ނުކުރެއެވެ. ބިލުގައިވަނީ ފަނޑިޔާރަކު މައްސަލައަކާ ހަވާލުވާތާ އަހަރެއް ތެރޭގައި، އެ މައްސަލައަކާމެދު ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެކަން ސަބަބާއެކު ކޯޓުން އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް ވެސް އަންގައި، ކޮންމެ މަހަކު އެ މައުލޫމާތު އިސް ފަނޑިޔާރަށް ދޭން ޖެހޭނެ ކަމަށެވެ. މިއީ މީގެ ކުރިން ދީފައި އޮންނަ މުއްދަތަށްވުރެ ހަ މަސް ދުވަސް އިތުރު މުއްދަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ