ރާއްޖޭގެ ފުރަތަމަ ސްޕީކާސް ރިޓްރީޓް، ތަފާތު މާހައުލަކުން ލިބޭ ތަފާތު ތަޖުރިބާއަކަށް ވާނެ!
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ސްޕީކާސް ރިޓްރީޓް، މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަނާއި ބ. ދަރަވަންދޫ ކައުންސިލުން ގުޅިގެން ދަރަވަންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ރިޓްރީޓް ބާއްވަން ހަމަޖެހިފައި ވަނީ، އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ. މިފަދަ އެހެން ހަރަކާތްތަކާ މި ހަރަކާތް ތަފާތު ވަނީ، މި ހަރަކާތް ބާއްވަނީ ތިމާވެއްޓާއި ރާއްޖޭގެ ގުދުރަތީ މާހައުލާ ގާތުންކަމަށް ވާތީއެވެ. މި ރިޓްރީޓްއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގެ ކޯ ފައުންޑާ އަދި ނައިބު ރައީސް ހުސައިން އަފީފް ވިދާޅުވީ، މި ރިޓްރީޓްގައި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. މި ހަރަކާތުގައި 100ވަރަކަށް ބައިވެރިން ބައިވެރިވާނެކަމަށް އޭނާ ލަފާކުރައްވައެވެ. މި ރިޓްރީޓުގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނޯންނައިރު، ރަޖިސްޓާވުމަށް ރަސްމީކޮށް ހުޅުވައިލާނީ އަންނަ މަހުއެވެ. ނަމަވެސް، މި ރިޓްރީޓުން ޖާގައެއް ކަށަވަރުކުރަން ބޭނުންވާ ނަމަ، މިހާރު ވެސް، +960 7303617އަށް ވަޓްސްއެޕުން މެސެޖުކޮށްގެން ޖާގަ ކަށަވަރު ކުރެވޭނެއެވެ. ރަޖިސްޓްރީވުމަށް ފީއެއް ނަގާއިރު، އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އަފީފް ވިދާޅުވިއެވެ. ރިޓްރީޓުގައި ކިޔައިދޭނެ ކަންކަމުގެ ތެރޭގައި: ޕަބްލިކް ސްޕީޗު ލިޔެ، ހުށަހަޅާނެ ގޮތް ދަސްކޮށްދިނުން ފޮތް ލިޔަން ދަސްކޮށްދިނުން ޓެޑް ޓޯކްގެ ޓްރެއިނިން ދިނުން ސްޕީކިން ކެރިއާއެއް ބިނާކުރާނެ ގޮތް މީގެ އިތުރުން، މި ރިޓްރީޓުގައި ރާއްޖެއިން ބޭރުން ބައިވެރިވާ މީހުންނަށް ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ދައްކައިލުން ކުރިއަށް ދާނެކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ކުރިއަށްގެންދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައި: ރަށުތެރޭގެ ފާހަގަކުރެވޭ ތަންތަން ބަލައިލުން މަންތާ އާއި މޫދުގެ ދިރުންތައް ބަލައިލުން ދިވެހި ކެއުންތައް ރަހަބެލުން "ރާއްޖޭގައި މިފަދަ ކަންކަން ބާއްވަނީ ކްލާސްރޫމުތަކުގައި. އެކަން ބަދަލުކޮށްލައި، އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ރީތި ބީޗުތަކުގައި މިފަދަ ރިޓްރީޓުތައް ބާއްވަން. މޫސުން ތަންދޭނަމަ އަޅުގަނޑުމެން މި ރިޓްރީޓުގެ ހުރިހާ ސެޝަނެއް ވެސް ކުރިއަށް ގެންދާނީ ބޭރުގައި،" އަފީފް ވިދާޅުވިއެވެ. އެހެންކަމުން މިއީ ބައިވެރިންނަށް ތަފާތު ދަސްކުރުމުގެ ތަޖުރިބާއަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ