ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު މީހާ ހޯދުން ކުރިއަށް

މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައި ވާކަމަށާއި ނަމަވެސް، މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ "އެލްސީ 308" އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ.އެ އުޅަނދުން ހަ މީހުން ދަތުރުކުރި އިރު އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީންނެވެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ. އޭގެތެރެއިން އެކަކު ހޯދުނުއިރު އެމީހާ އޮތީ ނިޔާވެފަ އެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ތ. ހިރިލަންދޫ، ސީރީނުގެ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ހާމިދެވެ.ގެއްލިގެން ދެން ހޯދަމުން އަންނަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.އެމްއެންޑީއެފުން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، އަދި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައެއް ނުވެ އެވެ.އެ ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ