ދިވެހިންގެ އިސްތިގުލާލާއި މިނިވަންކަމަކީ ދިވެހިންގެ ހައްގެއް: އުމަރު

ދިވެހިންގެ އިސްތިގުލާލާއި އަމިއްލަ މިނިވަންކަމަކީ ދިވެހިންގެ ހައްގެއް ކަމަށާއި، އެ ހައްގާ ކުޅޭ ބަޔަކަށް ދިވެހިންގެ ހަރުދަނާކަން ދައްކުވައި ދޭނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދޮން ބަންޑާރައިން ނުކުންނަަވައި ރާއްޖެ އަރާ ތިބި ބައެއްގެ ކިބައިން މި ފަސްގަނޑު ސަލާމަތް ކުރުމަށް ނުކުތީ ބޭރުގެ ނުފޫޒުތަކުން ގައުމު މިނިވަން ކުރަން ކަމަށާއި ބޭރުގެ ބާރުތަކުގެ ކުރިމަތީގައި އަމިއްލަ ދިވެހި ޝަހުސިއްޔަތުގެ ވިންދު ހުރިކަން ހާމަކުރެއްވުމަށް ކަމުގަ އެވެ.
ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް ސަރުކާރުން ގޮވާލާފައިވާއިރު މިނިސްޓަރު އުމަރު ވިދާޅުވީ އިގްތިސާދީ ގޮތުން ދުނިޔެ ކިތަންމެ ބަވަނަ ވެފައިވީ ނަމަވެސް ސިޔާސީ ގޮތުން ކޮންމެ ގައުމެއްގައި ވެސް އެގައުމެއްގެ އަމިއްލަ ވަންތަކަން ދަމަހައްޓާ ކަމަށާއި އެކުވެރި ގައުމުތަކަށް ވެސް ނުވަދެވޭ ސިޔާސީ ދޮރުތަކެއް ހުންނާނެ ކަމަށެވެ.
ގައުމުގެ ދާހިލީ ކަންކަމަށް ބޭރު މީހުންނަށް ބެހުމުގެ ފުރުސަތު ދިނުމަކީ ޒިންމާދާރު ގައުމު ދެކެ ލޯބިވާ ސަރުކާރަކުން ކުރާނެ ނޫން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގައުމަށް ހެޔޮ އެދޭ އެއްވެސް ފަރާތަކުން ދާހިލީ ކަންކަމަށް ހައްލު ހޯދުމަށް ބޭރުގެ ފަރާތްތަކުގެ މަދަދާ އެހީތެރިކަމަށް ނޭދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދިވެހިންނަކީ އެއްވެސް އިރެއްގައި އަދާވަތްތެރި ބައެއް ނޫން ކަމަށާއި ދިވެހިންގެ މޫނުތަކަކީ ހިނިތުންވުމާއި މަރުހަބާގެ މޫނުތަކެއް ކަމަށެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ޤާއިމް ކުރުމަށް އަބަދުމެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިގޮތުން މަސްތުވާތަކެއްޗާއި މީހުން މެރުމާއި މާރާމާރީ ފަދަ ކުށްތަކުގައި ޤާނޫނުގައި ހުރި ފޫނުބެދުންތައް ބޭނުންކޮށްގެން ކުށްވެރިންނަށް ބޯދަމައި ނުގަނެވޭ ވަރަށް ޤާނޫނުތަކުގެ ހިއްމިތައް ހިމުން ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ގައުމު މިއަދުވެސް އޮތީ އަމާންކަމަށް އެދި އެދި ކަމަށާއި، އެކަމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާ ކަމުގަ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ސްކޫލު ދަރިވަރުންގެ ބައެއް އައިޓަމްތައްވެސް ހުށައަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ