ރައީސް މުބާރަކްގެ ވެރިކަމާ ދެކޮޅަށް މިސްރުގެ ކަންކޮޅުތަކުގައި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި

ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް މިސްރުގެ އެތަށް ސަރަޙައްދެއްގައި ރައްޔިތުން މަގުތަކަށް ނުކުމެ ރުޅިވެރިކަމާއެކު މުޒާހަރާކޮށްފިއެވެ. މުޒާހަރާކުރި މީހުން އަޑުއުފުލަމުން ދިޔައީ މުބާރަކްގެ ވެރިކަމުގައި މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކާ ދެކޮޅަށާ އަދި މިބާރަކްގެ ވެރިކަމަށް ފާޑުކިޔާ ފަރާތްތަކާމެދު ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށެވެ.
މިމުޒާހަރާތަކުގެ ތެރެއިން އެންމެ ބޮޑު މުޒާހަރާ ކުރިޔަށްދިޔައީ ޤާހިރާގެ މުހަންދިސީން އަވަށުގައެެވެ. މިއަވަށުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރި މީހުންގެ ޢަދަދު 10 ހާހަށް އަރާ ކަމަށާއި މީގެއިތުރުން ޤާހިރާގެ ޢަބްދުލްމުންޢިމް ރިޔާޒް މައިދާނުގައާއި މައިދާނުއް ތަޙްރީރްގައާއި ދާރުލްޤަޟާގެ ކުރިމަތީގައާއި ދާރުލްޙިކްމާގެ ކުރިމަތީގައާއި ޤާހިރާގެ އެނޫންވެސް ބައެއްތަންތަނުގައި އެތަށް ހާސްބަޔަކު މުޒާހަރާ ކުރި ކަމަށް އަލްޖަޒީރާ ބުނެއެވެ.
ޤާހިރާގެ އިތުރުން މިސްރުގެ ބޮޑެތި ރަށްތައް ކަމަށްވާ އިސްކަންދަރިއްޔާ، ދިމްޔާތް، މިންޔާ ސުވޭސް، އަސްޔޫތް، މަންސޫރާ، އަދި އަލްމިޙްލާ ގައިވެސް އެތަށްބަޔަކު މުޒާހަރާ ކުރި ކަމަށް ޚަބަރުތައް ބުނެއެވެ. މިސްރުގައި ސަރުކާރާ ދެކޮޅަށް މިގޮތަށް މުޒާހަރާ ކުރުމަކީ ޢާންމުކަމެއް ނޫނެެވެ. އަދި މިއީ އާދަޔާ ޚިލާފު ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
މުޒާހަރާކުރި މީހުން ވިއްސިވިހާލި ކޮށްލުމަށް ފުލުހުން ބާރުގެ ބޭނުންކުރިނަމަވެސް މުޒާހަރާތައް ރޫޅާލެވިފައެއް ނުވެއެވެ. މުޒާހަރާކުރި މީހުން ރައީސް ޙުސްނީ މުބާރަކާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ދެކޮޅަށް ނުރުހުމާއި ނަފްރަތުގެ އަޑުތައް އުފުލައި މުބާރަކްގެ ވެރިކަން ވައްޓާލުމަށާއި މިސްރުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލަމުން ދިޔައެވެ. މީގެއިތުރުން ޢަރަބި ޤައުމެއް ކަމަށްވާ ތޫނިސްގެ ރައްޔިތުން ތެދުވެ އެޤައުމުގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ވެރިކަން ދާދިފަހުން ވައްޓާލާފައިވާތީ އެކަމަށް މަރްޙަބާކިޔައި ތޫނިސްގެ ރައްޔިތުންނަށް ތަޢްރީފްކޮށް ބިންޢަލީ އަށް ނުރުހުމުގެ ބަސްތައްވެސް ރައްދުކުރިއެވެ.
ޤާހިރާގައި ބޭއްވި މުޒާހަރާތަކުގެ އިސްސަފުގައި އެކްޓިވިސްޓުންގެ ގޮތުގައި މިސްރުގެ ޢިލްމީ ބައެއް ފަރާތްތައްވެސް ޙަރަކާތްތެރިވިއެވެ. އަދި މައިގަނޑު ގޮތެއްގައި މުޒާހަރާތައް ކުރިޔަށްދިޔައީ ސުލްހަވެރިކަމާއެކުގައި ކަމަށާ ނަމަވެސް ބައެއް ސަރަޙައްދުތަކުގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފުލުހުން ކަރުނަގޭހާއި ލަޓިބުރިއާއި ޕްރެޝަރ ފެންފަދަ ވަސީލަތްތައް ބޭނުންކުރި ކަމަށް މިސްރުންލިބޭ ޚަބަރުތައް ބުނެއެވެ. މިސްރުގެ އިދިކޮޅު ފަރާތްތަކުން މި މުޒާހަރާތައް ސިފަކުރަނީ މުބާރަކްގެ ވެރިކަމާދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު ހާމަ ކުރުމުގެ ދުވަހެއްގެ ގޮތުގައެވެ. -- އަލްޖަޒީރާ އަދި ނޫސްއެޖެންސީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ