ޤުރްއާން އަދި އަރަބި ޓީޗަރުން ތަމްރީނު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ ކަމަށާއި އަންނަ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ސަރުކާރުން ހުށައެޅި ބަޖެޓަކީ ކޮރަޕްޝަނަށް މަގުފަހިވާ ބަޖެޓެއް ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
ބަޖެޓް ދިރާސާ ކުރުމަށްފަހު އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ބަޖެޓުން ފެންނަ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ރިކަރެންޓް ހަރަދު 2014 ވަނަ އަހަރަށް ވުރެ އަންނަ އަހަރު ބޮޑު ކަމަށާއި އެގޮތުން މިނިސްޓްރީގެ ރިކަރަންޓް ހަރަދު 481 މިލިއަން ރުފިޔާއަށް ބޮޑުވެފައިވާ ކަމަށެވެ.
ސަރުކާރުން ތައުލީމީ ދާއިރާގެ ރިކަރަންޓް ހަރަދުގެ ގޮތުގައި މިއަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވަނީ 2،251،700،850 މިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހުށަހަޅާފައިވަނީ 198،497،447 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 1،770،616،989 މިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 129،507،402 މިލިއަން ރުފިޔާ އެވެ.
މުސްތަފާ ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އަލަށް ތައާރަފް ކުރާ ގައުމީ މަންހަޖަށް ކަމަށާއި އެހެންނަމަވެސް އެމަޝްރޫއުގެ އެއްވެސް އަސަރެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވުމަކީވެސް ކޮރަޕްޝަންގެ ވަރަށް ބޮޑު އަމަލެއް ކަމަށެވެ.
"ރަށްރަށުގައި ކްލާސްތައް އިމާރާތް ކުރުމަށް ބަޖެޓް ކަނޑައަޅާފައި ހުރީ އެކި ރަށްރަށުގައި އެކިވަރަށް، އިންސާފު ކުޑަކޮށް. ތައުލީމީ ދާއިރާ އަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާ މެދު ކަންބޮޑުވޭ. އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާސިލް ކުރަން ބޭނުންވާ މަގްސަދުތަކާއި ސްޓްރެޓެޖީތައް އަދި ހާސިލް ކުރަން ބޭނުންވާ މިންވަރު ބަޖެޓުން އެނގެން ނެތް." މުސްތަފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމަށް ކަނޑައެޅި ބަޖެޓް މިދިޔަ އަހަރަށް ވުރެ މި އަހަރު 140 ޕަސެންޓް ބޮޑުވެފައިވާއިރު މިއީ ސިޔާސީ ވެރިން ބޭނުންވާ ކަންތައްތަކަށް ހަރަދު ކުރުމަށް ކަނޑައެޅި ފައިސާކަމަށް ދޭހަވާ ކަމަށެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ 2011 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން 2012 ވަނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި، 100 ޤުރްއާން މުދައްރިސުން ތަމްރީނު ކުރުމަށް ހިމަނާފައިވާނެ ކަމަށާއި، އެ ފައިސާ ރައީސް މުހައްމަދު ނަޝީދު ފަށްޓަވައިދެއްވި ޕްރޮގްރާމްގެ ދަށުން ހިމެނިފައި ވާނެ ކަމަށެވެ. އެހެންނަމެވްސް މިފަހަރުގެ ބަޖެޓުގައި ޤުރްއާން އަދި އަރަބި ޓީޗަރުން ތަމްރީނު ކުރުމަށް އެއްގޮތަކަށް ވެސް ހިމަނާފައި ނުވާ ކަމަށްވެސް ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ ވިދާޅުވި އެވެ.
"ސަރުކާރުގެ އާމްދަނީ އާއި ގައުމުގެ އިގްތިސޯދު ރަނގަޅުވިހާ އަވަހަކަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ރައީސާއި ނައިބު ރައީސް ވިދާޅުވެފައިވީ ނަމަވެސް އަންނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓް ކަނޑައަޅާފައި ނެތް. 100 ޓީޗަރުން އޭރު ތަމްރީން ކުރެއްވި ނަމަ ތިން އަހަރު ފަހުން ގައިމުވެސް ހުރިހާ ސްކޫލަކަށް ތަމްރީނުވެފައި ތިބި ޓީޗަރުން ތިއްބަވާނެ،" ޝިފާ ވިދާޅުވި އެވެ.
އެމްޑީޕީން ލަފާ ކުރާގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް 532 މިލިޔަން ރުފިޔާ ބޭނުންވާނެ އެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީއަށް އަށް ސިޔާސީ މީހުންނާއި 2159 މުވައްޒަފުން އިތުރު ކުރުމަށް އެ މިނިސްޓްރީގެ ރިކަރަންޓު ހަރަދުގެ ގޮތުގައި 481 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ތައުލީމީ ދާއިރާގެ ބަޖެޓް ކޮރަޕްޝަނަށް މަގުފަހިވޭ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ