އައްޑޫގައި ހުންނަ ހަވީރު ނޫހުގެ ރިޕޯޓަރަކު ހައްޔަރުކޮށްފި

އައްޑޫގައި ހަރަކާތްތެރިވާ "ހަވީރު" ނޫހުގެ ރިޕޯޓަރު އަހުމަދު އަދުޝަން މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އަދުޝަން ގެނެސްފައި ވަނީ ލައިސަންސް ނެތި ސައިކަލު ދުއްވައިގެން ކަމަށެވެ. ނަމަވެސް ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަގައި އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
ހަވީރު ނޫހުގައި ބުނެފައި ވަނީ އެނގިފައިވާ ގޮތުގައި އަދުޝަން ހައްޔަރު ކޮށްފައި ވަނީ ސ. ފޭދޫ ބަނދަރުމަތީގައި ފުލުހުންތަކެއް ބަޔަކު ޗެކް ކުރަމުން ދިޔަ މަންޒަރު ފޮޓޯ ނަގައިގެން ކަމަށެވެ.
ހަވީރުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު މިއަދު ސަން އަށް ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް މުޅިން ސާފުނުވާ ކަމަށާއި އެ މައްސަލައިގައި ފުލުހުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބަލަން ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ. ފުލުހުންނާ ވާހަކަ ދައްކަމުން މި ދަނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އާންމު ތަނެއްގައި ހިނގާ ކަމެއް ފޮޓޯ ނަގައިގެން ނޫސްވެރިއަކު ނޫނަސް އަދި އާންމު މީހަކު ވިޔަސް ހައްޔަރު ކުރެވިދާނެ ކަމަކަށް،" އިސްމާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ