އެންމެ ގިނައިން ހުށަހެޅެނީ މައްސަލަތައް ނިމުން ލަސްވުމުގެ ޝަކުވާ: ޖޭއެސްސީގެ ރައީސް

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންމެ ގިނައިން ހުށަހެޅޭ ޝަކުވާއަކީ ކޯޓުތަކުގެ މައްސަލަތައް ނިމުން ލަސްވުމުގެ ޝަކުވާ ކަމަށް އެ ކޮމިޝަންގެ ރައީސް ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަނެ، ކޯޓުތަކުގައި މައްސަލަތައް ނިންމޭ މިންވަރު އިތުރުކުރުމަށް މި އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރިޟާ އާދަމް ވިދާޅުވިއެވެ.
މައްސަލަތައް ލަސްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަޑުއެހުންތައް ޝެޑިއުލްކުރުމަށްފަހު ކެންސަލްކުރަން ޖެހުން ހިމެނޭ ކަމަށް ފާހަގަކުރައްވަމުން، "ކޮންމެ 3 މަހަކުން އަޅުގަނޑުމެން ބަލާނަން މައްސަލަތައް ކެންސަލްކުރެވިފައިވާ ގޮތުގެ ތަފާސްހިސާބު. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅުއްވުމަށް ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސްއެއް އެޅުމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ، އަލަށް ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ބޭއްވެވި ރަސްމިއްޔާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ