އީރާނުގެ ނިއުކްލިއާ އެއްބަސްވުމެއް ގާއިމު ކުރުމަށް ވަރަށް އަވަހަށް އިތުރު ޕްރޮޕޯޒަލެއް އެމެރިކާއަށް ހުށަހަޅާނެ ކަމަށް ތެހެރާނުން ބުނެފި އެވެ.
އީރާނުން ދެ ވަނަ ޕްރޮޕޯޒަލެއް ހުށަހެޅީ ކުރީގެ ޕްރޮޕޯޒަލަކީ ބަލައިގަނެވޭނެ ޕްރޮޕޯޒަލެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުންނެވެ. ޓްރަމްޕް ވިދާޅުވީ އިތުރަށް މަޝްވަރާތައް ދެމިއޮންނާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން ޔޫރޭނިއަމް ފައްކާކުރަމުން ގެންދިއުމުގެ ފުރުސަތު އެ ގައުމަށް ދިނުމާ މެދު ދެ ފަރާތުގެ މެދުގައި އަދި ވެސް ހިޔާލު ތަފާތުވުން އުފެދިފައިވާ ކަންކަން ހުރި ކަމަށެވެ.
"އެ މީހުން އެދޭ ކަންކަމަކީ ހާސިލުނުކުރެވޭ ކަންތައްތައް. ދޫކޮށްލަން ޖެހޭ ކަންކަން ދޫކޮށްލަން އެ މީހުން ބޭނުމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ ކުރިން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އެސްމައިލް ބަގާއީ ވިދާޅުވީ މެއި މަހުގެ ފަހުކޮޅު ތައާރަފުކުރި އެމެރިކާގެ ހުށަހެޅުއްވުމަށް އިތުރު ހުށައެޅުމެއް ތައްޔާރު ކުރަން ތެހެރާނުން ތައްޔާރުވަމުން އަންނަ ކަމަށެވެ. ހަ ވަނަ ބުރުގެ މަޝްވަރާތައް ބާއްވާނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އޮންނަ މަޝްވަރާތައް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާނުގެ އިސް އޮފިޝަލަކާއި އެމެރިކާގެ އޮފިޝަލަކު ވަނީ ބުރާސްފަތި ދުވަހަކީ ނާދިރު ކަމެއް ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ދެން މަޝްވަރާތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އީރާނާއި އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ އެ ދުވަހު އެ މަޝްވަރާތައް ނުބޭއްވޭނެ ކަމަށެވެ.
ޓްރަމްޕްގެ އެ ވާހަކަތަކަށް ފަހު ބަގާއީ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ދެން އޮތް ބުރު އަންނަ އާދީއްތަ ދުވަހު އޯމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަކްޗީއާ އެކު އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ކުރިއަށް ގެންދަވާ އެ މަޝްވަރާތައް ހުކުރު ނުވަތަ އާދީއްތަ ދުވަހު އޮމާން ނުވަތަ އޮސްލޯގައި ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ހޯމަ ދުވަހު ކުރެއްވި ފޯނު ކޯލެއްގެ މައިގަނޑު މައުލޫއަކީ އީރާން ކަމަށެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ މި ހަފުތާ ނިމުމުގެ ކުރިން އީރާނާ އެކު މަޝްވަރާތައް އަލުން ފަށާނެ ކަމަށް ޓްރަމްޕް އަންގަވާފައިވާ ކަމަށެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު، 2015 ވަނަ އަހަރު ހަ ބާރަކުން އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުން ދޫކޮށްލައްވައިފަ އެވެ. އަދި އީރާނުގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކޮށްފަ އެވެ.
އީރާނުން ބުނީ ހުޅަނގުން އީރާނާ ދެކޮޅަށް މަސައްކަތް ކުރާ އިރު، އިޒްރޭލުގެ ނިއުކްލިއާ ޕްރޮގްރާމަށް ކަނު ލޮލެއް ދީފައިވާ ކަމަށެވެ.
އީރާނުން އެމެރިކާއަށް ދެ ވަނަ ޕްރޮޕޯޒަލެއް ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ