ރަންބީރުގެ އަމިއްލަ ބްރޭންޑް 'އާކްސް'އިން ސެންޓުގެ ދުނިޔެއަށް

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ތައާރަފްކޮށްފައިވާ އަމިއްލަ ލައިފްސްޓައިލް ބްރޭންޑް "އާކްސް"އިން ސެންޓުގެ ދުނިޔެއާ ގުޅި އެ ބްރޭންޑުގެ ސެންޓެއް ތައާރަފްކޮށްފިއެވެ. ރަންބީރުގެ "އާކްސް"އިން ތައާރަފްކުރި މި ސެންޓުގެ ނަމަކީ "އާކްސް ޑޭ"އެވެ. މި ސެންޓާ ގުޅޭގޮތުން ރަންބީރު ބުނެފައި ވަނީ، މިއީ ވަރަށް ލުއި ވަހެއް ހުންނަ ވަރަށް ސާދަ ސެންޓެއް ކަމަށެވެ. މި ސެންޓަކީ އޭގެ ވަސް ޖެހުމާއެކު ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކެއް އާކުރުވާ ސެންޓަކަށް ވުމުން މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދާނެ, އަދި ވަރަށް ގިނައިރު ވަންދެން މީރު ވަހެއް ހުންނާނެ ސެންޓެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ރަންބީރުގެ އަމިއްލަ ލައިފްސްޓައިލް ބްރޭންޑް "އާކްސް" އެންމެ ފުރަތަމަ ލޯންޗުކުރިއިރު ތައާރަފްކޮށްފައި ވަނީ އެކި މުނާސަބާތަކާ ގުޅޭ ސްނިކާސް އާއި ހެދުމެވެ. ނަމަވެސް "އާކްސް"ގެ ދަށުން އާއްމު ދިރިއުޅުމުގައި ގިނަ ބަޔަކަށް ބޭނުންކުރެވޭނެ ގިނަ އުފެއްދުންތައް ކުރިއަށް އޮތްތަނުގައި ތައާރަފްކުރާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ރަންބީރު ކަޕޫރު އެކްޓަރުގެ އަމިއްލަ ބްރޭންޑް "އާކްސް"ގެ ޓީމު މެމްބަރުންނާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރުންގެތެރޭ ހިމެނޭ ރަންބީރު، އަމިއްލަ ބްރޭންޑެއް ލޯންޗުކޮށްފައިވާއިރު އަންހެނުން، ބަތަލާ އާލިއާ ބަޓް ވެސް ވަނީ ކެރިއަރުގެ ވަރަށް ކުރީކޮޅު ކުޑަކުދިންނަށް ހާއްސަކޮށް އަންނައުނު ބްރޭންޑެއް ތައާރަފްކޮށްފައެވެ. "އެޑް އަ މަމާ"ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ބްރޭންޑަކީ ތިމާވެއްޓާ ރަހްމަތްތެރި އުފެއްދުންތައް ބާޒާރަށް ނެރުމަށް އިސްކަންދޭ ބްރޭންޑެކެވެ. ރަންބީރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން އެކްޓަރުގެ ފިލްމެއް ރިލީޒްވެފައި ވަނީ 2023 ވަނަ އަހަރެވެ. މިދިޔަ އަހަރާއި މި އަހަރު ރަންބީރުގެ ފިލްމެއް ސިނަމާތަކަށް ނައި ނަމަވެސް ކުރިއަށް އޮތް ދެ އަހަރު އެކްޓަރުގެ ގިނަ ފިލްމުތަކެއް ސިނަމާތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރަންބީރު ހަތް ފިލްމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ލަވް އެންޑް ވޯ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ