ރާއްޖޭގެ ތަރައްގީއަށް ސައުދީން ދޭ އެހީއަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ތަރައްގީއަށް ސައުދީ އަރަބިއްޔާ އިން ދޭ އެހީތެރިކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ޝުކުރު އަދާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ހައްޖުގެ އަޅުކަމަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިއްޔެ ވަނީ އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފަ އެވެ.
ތަފްސީލް - އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބައްދަލުވުމުގައި ރައީސް އާއި ވަލީއަހުދު މުހައްމަދު މަޝްވަރާ ކުރެއްވި ބައެއް ކަންތައްތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން:
ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންނަށް ސައުދީން ދިން ފުރިހަމަ މެހެމާންދާރީ ފާހަގަ ކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި
މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި؛ މި ހިދުމަތާ އެކު ދިވެހި ހައްޖުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބުނު ކަމަށް ވިދާޅުވި
ރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް އުމްރާނީ ތަރައްގީއަށް ސައުދީން ދެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި
ހަލީލް ވިދާޅުވީ ރާއްޖެ އާއި ސައުދީއާ އެކު އޮންނަނީ ގާތް ރަހުމަތްތެރި ގުޅުމެއް ކަމަށާއި މިއީ އިހުތިރާމާއި ދެމެހެއްޓެނިވި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުމެއް ކަމަށެވެ. ދެ ގައުމުން ވެސް މަސައްކަތް ކުރަނީ ސުލްހަ މަސަލަސްކަމުގެ އަމާޒަށްކަން މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކޮށް އެ ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުންހުރި - ރައީސް މުއިއްޒު ވަނީ މުހައްމަދު ބިން ސަލްމާން ބޭއްވެވި އީދު ޖާފަތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެ ޖާފަތުގައި މުހައްމަދުގެ އެންމެ އަރިސްކޮށް އިންނެވީ ރައީސް މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ