ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހަކަށް އަނިޔާވެ އެކަކު ސާޖަރީއެއް ހަދަން މާލެއަށް

ލ. ގަމުން ފޮނަދުއަށް ގުޅާލާފައިވާ ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލުގައި އިން އެކަކުގެ ފައިގެ ސާޖަރީއަަށް މާލެ ފުރުވާލައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ރޭ 7 ޖަހާއެހަން ހާއިރެވެ. އެކްސިޑެންޓްގައި އަނިޔާވި ސައިކަލުގައި ތިބި ދެ މީހުނަށެވެ.
ތަފްސީލް - އަނިޔާވި ދެ މީހުންގެ ވެސް ބޮލަށާއި ދެ ފަޔަށް އެކި ވަރުގެ އަނިޔާތަކެއް ވަނި ލިބިފަ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު 'ދައުރު' އަށް ބުނި ގޮތުގައި އެއިން 44 އަހަރުގެ ދިވެހި ފިރިހެން ޕޭޝަންޓް މާލެއަށް ފުރުވާލަން ނިންމާފައިވާ ކަމަށެވެ.
އޭނާގެ ކަނާތު ފައިގެ ކަށިމަތީގެ މެދަށް ވުރެ މަތިން ކުޑަހުޅާ ވީ ދިމާލުގައި ވަރަށް ބޮޑު ފްރެކްޗާއެއް އިން ކަމަށް އޮފިޝަލް ބުންޏެވެ.
އެ ތަން ރަނގަޅު ކުރެވޭނީ ސާޖަރީއެއް ހަދައިގެން ކަމަށާއި އެ ސާޖަރީ ހެދުމަށް ބޭނުންވާ ވަސީލަތްތައް މި ވަގުތު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ނެތް ކަމަށް ބުންޏެވެ.
ދެން އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
”ދެ ޕޭޝަންޓްގެ ވެސް ބޮލުގެ ސީޓީ ސްކޭނެއް ހަދައި ސިކުނޑިއަށް އެއްވެސް އަނިޔާއެއް ނުވާ ކަން ވަނީ ކަށަވަރުކޮށްފައި،“ އޮފިޝަލް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ