ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ | ވިލާގަނޑުގައި 45-40 މޭލަށް ވައިގަދަ ވެދާނެ

މެޓުން ބުނީ މާދައިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހުގެ ވައިބާރުވެ ކަނޑު ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ހުޅަނގު މޫސުމުގެ ބާރު މި ދުވަސްވަރުގައި ގަދަވަމުންދާއިރު މާދަމާ އިން ފެށިގެން ވިލާގަނޑުގައި 45-45 މޭލަށް ވައިގަދަވެދާނެ މެޓް އޮފީހުން ލަފާކޮށްފި އެވެ. 
މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ މާދަމައިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް އާއްމުކޮށް ވައިބާރުވެ ކަނޑު ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ. މިގޮތުން މި މުއްދަތުގައި އާއްމު ގޮތެއްގައި ކޮޅިގަނޑުގައި 23-13 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ. 
"ވީމާ ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމުގެ ގޮތުން ލިބިދާނެ ގެއްލުން ކުޑަ ކުރަން ފިޔަވަޅު އެޅުމަށް ދަންނަވަމެވެ،" މެޓް އޮފީހުން ބުނެފައިވެ އެވެ. 
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގަދަވާނެ ކަމަށް އަންދާޒާ ކުރެވޭއިރު މެޓުން ވަނީ މީގެ ހަތަރު ގަޑިއިރު ކުރިން ހުދު ސަމާލެއްވެސް ނެރެފަ އެވެ. މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މި ހިސާބުތަކަށް ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް އަންދާޒާ ކުރެވޭއިރު ގަދަވަޔާއެކު ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. 
މިއީ ކޮން ނަކަތެއް ؟ - މިއީ ހުޅަނދު މޫސުމުގެ ފަސް ވަނަ ނަކަތް ކަމަށްވާ މިޔަހެލި ނަކަތެވެ. މި ނަކަތް ދެމިގެންދާނީ މިމަހުގެ 16-3 ގެ ނިޔަލަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގަ އެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނެވެ. މިއީ މަސްވެރިކަން ދަށް ނަކަތެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ