ޔަމާލްއާ ބެހޭ ގޮތުން ރޮނާލްޑޯ: އެ ކުއްޖާ ބޮޑުވިޔަދީ

މިރޭ އޮންނަ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ އިރު ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި ވަނީ އުމުރުން 40 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުމުރުން އެންމެ 17 އަހަރުގެ ލަމީން ޔަމާލްއަށެވެ.
ބައެއް މީޑިއާތަކުން އެ ދެ ކުޅުންތެރިން އަޅާބަލައި، އެކި ވާހަކަތައް އެބަ ފަތުރަ އެވެ. އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކެޕްޓަން ވަނީ އޭނާގެ ވިސްނުން ކިޔައިދީފަ އެވެ.
"މިއީ ތަފާތު ޖީލުތަކެއް. އެއް ޖީލު އެ އަންނަނީ، އަނެއް ޖީލު ސްޓޭޖް ދޫކޮށް އެ ދަނީ. އަހަންނަކީ އެހެން ޖީލެއްގެ މީހެއް ކަމަށް ކަލޭމެންނަށް އިހުސާސްވަންޏާ، އެކަމާ އަހަރެން ހަމަ އޯކޭ."
"މިއީ ރޮނާލްޑޯ އާއި އެހެން މީހަކާ ޖެހޭ ޖެހުމެއް ގޮތަށް ކަލޭމެން ވާހަކަ ދެއްކިޔަސް އަސްލު ހަގީގަތަކީ އެއެއް ނޫން. މީޑިއާ އަބަދުވެސް އުޅޭނީ ކަންކަން ބޮޑުކުރަން، އެއީ ހަމަ އާދައިގެ ކަމެއް. ނަމަވެސް ހަގީގަތުގައި މިއީ އެއް ޓީމާއި އަނެއް ޓީމެއްގެ ވާދަކުރުން."
އެއްވެސް ޝައްކެއް ނެތެވެ. ޔަމާލްއަކީ ދުނިޔޭގައި މި ވަގުތު ހުރި ފުރާއުރުމުގެ އެންމެ ހުނަރުވެ ކުޅުންތެރިޔާ އެވެ. އުމުރުން 40 އަހަރަށް ބަލާ ނަމަ ރޮލާންޑޯ ވަރުގެ ކުޅުންތެރިޔަކު ނެތެވެ.
މިއީ ރޮނާލްޑޯއާ ދެކޮޅަށް ޔަމާލް ކުޅޭ ފުރަތަމަ މެޗެވެ. މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޔަމާލް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ރޮނާލްޑޯ ވަނީ އެ އެވޯޑް ފަސް ފަހަރަށް ހޯދައިފަ އެވެ.
"އެ ކުއްޖާ އެ ދަނީ ކްލަބްގަ އާއި ގައުމީ ޓީމުގައި ރަނގަޅަށް ކުޅެމުން. އެއީ އޭނާއަށް ވަރަށް ބޮޑު އެހީއެއް،" ރޮނާލްޑޯ ބުންޏެވެ.
މިރޭގެ ފައިނަލަކީ ޔަމާލްގެ ހުނަރާއި ފެންވަރު ދައްކާލަން ރަނގަޅު މާހައުލެއް ކަމަށް ވެސް ބުންޏެވެ.
"އެ ކުއްޖާ ބޮޑުވިޔަދީ. ޕްރެޝަރުތަކެއްގެ ތެރެއަށް އޭނާ ވައްޓާނުލައި. އޭރުން އެކަހަލަ ހުނަރަކުން އަހަރެމެންނަށް އެތައް އަހަރެއް ވަންދެން އުފާ ހޯދޭނެ،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ ހުރިހާ ޕްރެޝަރަކުން ޔަމާލް ދުރުކުރަން ބޭނުން ކަމަށެވެ.
"އެ ކުއްޖާ އެކަނި ދޫކޮށްލާ. އޭނާއަށް އެތައް ހުނަރެއް ވަނީ ލިބިފައި."
އަންނަ ޖުލައި މަހު 18 އަހަރު ފުރޭ ޔަމާލްގެ ހިތުގައި ރޮނާލްޑޯއާ މެދު އޮތީ އިހުތިރާމެވެ. 
"އެއީ ފުޓްބޯޅައިގެ ލެޖެންޓެއް. އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ރޮނާލްޑޯއާ މެދު އަހަރެންގެ ވެސް އޮތީ ވަރަށް ބޮޑު އިހުތިރާމެއް،" ޔަމާލް ބުންޏެވެ.
"މިއީ އަހަރެން ބޭނުންވާ ކަހަލަ މެޗެއް، އަހަންނަކީ ކާކުކަން ސާބިތުކޮށްދޭން."
މިހާރު ވެސް އެއް ކަމެއް ޔަގީނެވެ. އެއީ 18ގައި ރޮނާލްޑޯއަށް ހޯދުނު ކާމިޔާބީއަށް ވުރެ ޔަމާލްގެ ފެންވަރު މާ މަތިކަމެވެ. މިހާތަނަށް ބާސެލޯނާއަށް 106 މެޗު ކުޅެ 25 ލަނޑު ޖަހައި، 18 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދިނެވެ. ސްޕެއިންއަށް 20 މެޗު ކުޅެ ހަ ގޯލު ޖަހައި ނުވަ ގޯލު ޖަހަން އެހީތެރިވި އެވެ.
ރޮނާލްޑޯގެ އުމުރުން 18 އަހަރުގައި ސްޕޯޓިންއަށް 19 މެޗު ކުޅެ ޖެހުނީ ފަސް ލަނޑެވެ. ތިން ލަނޑު ޖަހަން އެހީތެރިވި އެވެ. އޭރު އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފުރުސަތެއް ވެސް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ