ޖަލުހުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވީ އިންސާފުން ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވާ އަޑު އަދި އިވޭނެ ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަށް ރައްދުދެއްވައި މައުމޫންގެ ހަގު ދަރިކަލުން ޣައްސާން ވިދާޅުވީ ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ދާދި އަވަހަށް ރައީސް މައުމުން ވިދާޅުވާ އަޑު އިވިގެންދާނެ ކަމަށެވެ.
ޣައްސާން ވިދާޅުވީ ދާދި އަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ރައީސް މައުމޫން ނުކުންނަވާ މަންޒަރު ފެންނާނެ ކަމަށާއި ކޯލިޝަން ރޫޅުމާ އެކު މަންޒަރު ބަދަލުވާނެ ކަމަށެވެ.
މިނިސްޓަރުންގެ ”ނޯ ކޮންފިޑެންސް“ ހޭޝްޓެގް ޖައްސަވާ ޣައްސާނު ކުރެއްވި ޓީވީޓުގައި ވިދާޅުވެފައިވަނީ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށެވެ. އަދި މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
ވަޒީރުން ވަކިކުރަން އުޅޭކަމުގެ އިޝާރާތެއް ޣައްސާން ދެއްވީ ގައްސާން އެ އިޝާރާތް ކުރައްވަނީ މައުމޫންގެ ކޮއްކޯފުޅު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ވިދާޅުވުމަށް ކަމަށް ބެލެވެއެވެ.
ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައިވާނަމަ ރައީސް މައުމޫނާއި ފާރިސް މައުމޫންވެސް އެގޮތަށް ވިދާޅުވާނެ ކަމަށް ދެކޭ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވުމުން ޣައްސާން ވަނީ އޭޕްރިލް 14 ވަނަ ދުވަހު ރޭ ސަންގުޓީވީން ގެނައި ޚަބަރަށްފަހު ޕްރޮގްރާމްގެ ލިންކު ހިއްސާކުރައްވާ އެ ބަލާލުމުން ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށް ވިދާޅުވެފައެވެ.
އޭޕްރިލް 14 ވަނަ ދުވަހުގެ ރޭ އޮތް ޚަބަރަށްފަހު ޕްރޮގްރާމްގައި ޣައްސާން ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ޖެހުނު ސިޔާސީ މައްސަލައަކީ އެ އާއިލާގެ ތެރޭގައި ޖެހުނު ފުރަތަމަ އެފަދަ މައްސަލަ ނޫން ކަމަށާއި މަޝްވަރާ ކޮށްގެން އެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ މިއަދު ކޯލިޝަނުގައި ތިބީ ރައީސް މައުމޫނު އަވަހާރަކޮށްލުމަށް ގޮވާ އަލިފާން ބޯޅަ އުކި މީހުން ކަމަށެވެ. އެ ސަބަބުތަކާއިއެކު ރައީސް މައުމޫނާއި ރައީސް ޔާމީން އެކުގައި މަސައްކަތް ކުރައްވާތަން ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޔާމީން ޖަލަށް ލީ އިންސާފުން ނޫންކަމަށް މައުމޫން ވިދާޅުވާ އަޑު އަދި އިވޭނެ: ޣައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ