”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ ހަބަރު ގެނެސްދިން ގޮތުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައިވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.
ނަމަވެސް ”އަދަދު“ ނޫހުން ރޭ އެ ހަބަރު ޝާއިއުކުރުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި ލީވާން މާދަމާ ހެނދުނު ކޯޓަށް ހާޒިރުވާން މިއަދު ވަނީ ޗިޓު ފޮނުވައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރު ނުވެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސުވާލުކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.
މި މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.
”އަދަދު“ ނޫހުގެ ނޫސްވެރިޔަކު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ