ލޯނު ދައްކާ ހަލާސްކޮށްފި ކަމަށް ސިވިލް ކޯޓުން ނެރުނީ ގޯސް ހުކުމެއް: ނިހާން
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް އެކީ އެއްފަހަރާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ނެރުނީ ގޯސް ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިންމަނިކު މިއަދު ވިދާޅުވެއްޖެއެވެ. ނިހާން އާއި އޭނާގެ ބޭބޭ އިނާން ހުސައިންމަނިކުގެ ނަން މަތީގައި ނަގާފައިވާ ދަރަންޏަކާ ގުޅޭ އެ މައްސަލައިގައި ސިވިލް ކޯޓުން އާންމުކުރި ހުކުމެއްގައި، އެމްއައިބީއިން ހޯދަން އެދިފައިވާ 4.02 މިލިއަން ރުފިޔާ އެކުގައި ދައްކާ ހަލާސްކޮށްފައިވާތީ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ނުފެންނަ ކަމަށް ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް، އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާނެ ކަމަށާއި އެއީ ސިވިލް ކޯޓުގެ ގާޒީ "ބަލަން ޖެހޭ ވަރަށް ނުބަލާ ސޮއިކުރެއްވި ހުކުމެއް" ކަމަށް، ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިހާން ވަނީ ހާމަކުރައްވާފައެވެ. "ސިވިލް ކޯޓުގެ ވެބްސައިޓުގައި އަޕްލޯޑް ކުރި ގަޒިއްޔާގައި ހުރީ ރޯނުބައި ވާހަކަތަކެއް. ގަޒިއްޔާ ބަލަންވީ މިންވަރަށް ކޯޓުގެ ފަނޑިޔާރު ބައްލަވާ ނުލައްވާ ސޮއިކޮށްފަ ނެރުމުގެ ނަތީޖާ ތިބޭފުޅުންނަށް ލިޔުއްވުނު އެއްޗެއް ލިޔުއްވުނީ" ނޫސްވެރިންނަށް އަމާޒުކުރައްވާ ނިހާން ވިދާޅުވިއެވެ. https://sun.mv/173277 ސިވިލް ކޯޓުގެ ވެބްސައިޓުގައި މިހާރު އެ މައްސަލައިގައި ފެންނަން ހުރި ގަޒިއްޔާގައި ވަނީ އެ މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަޒަނަށް ބަދަލުކުރަން އެމްއައިބީ އިން އެދިފައިވާތީ މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ. ނިހާން އެ ވިދާޅުވާ ގޮތަށް ހުކުމް ވަނީ އިސްލާހުކޮށްފައެވެ. ދަރަންޏާ ގުޅޭ ފައިސާ ދެއްކި ކަމަށް ހުކުމުގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައި ނުވެއެވެ. މި މައްސަލައިގައި ހުކުމް ކުރެއްވި ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއިލްއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލައެއް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ