ރޯދަ މަހަކީ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއް: ސިޔާމް
ރޯދަ މަހަކީ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއްކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ. މިފެށޭ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައި ސިޔާމް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ރަމަޟާން މަހަކީ މާތް الله ތަޢާލާއާއި އަހަރެމެންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއް ކަމަށެވެ. އެއީ ރޯދަ ހިފުމާއި ނަމާދުކުރުމާއި ޞަދަގާތްދިނުމާއި ރޭ އަޅުކަން އަދާކުރުމުގެ މަތިވެރި ދުވަސްތަކެއްކަމަށް ސިޔާމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ރޫހާނީގޮތުންނާއި ޖިސްމާނީގޮތުން އަހަރެމެން އެންމެންގެ ނަފުސުތައް ހެޔޮކަމުގެ މަގުގައި ކުރިއަށް ދިއުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. އެއާއެކު، އިސްރާއީލުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ މަތިން ހަނދާންކޮށް، ފަލަސްޠީނުގެ އަޚުންނާއި އުޚުތުން މަތިން ހަނދާންކޮށް، އެ މީހުންނަށް ހެޔޮ ދުއާކޮށްދިނުމަށް ސިޔާމް ވަނީ ގޮވާލައްވައިފައެވެ. "އަދި ޒަޔަނިސްޓް އިސްރާއީލުގެ ޔަހޫދީން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ދެމުންދާ ރަހުމްކުޑަ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ނަސްލު ނައްތާލުމުގެ މި އަނިޔާވެރި ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމުގެ މަސައްކަތްކުރުމަށް ދުނިޔޭގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ