ހިރިމަރަދޫގައި މީހުން އުޅެނިކޮށް އެ ރަށު މީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ކަނޑައެޅުން ގަނޫނުއަސާސީއާ ހިލާފު: ޣަފޫރު ހިރިމަރަދޫގައި މީހުން އުޅެނިކޮށް އެ ރަށު މީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ކަނޑައެޅުން ގަނޫނުއަސާސީއާ ހިލާފު: ޣަފޫރު

ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް އެ ރަށު ކައުންސިލް އުވާލައި އެ ރަށު ރައްޔިތުންނަކީ އެ އަތޮޅު ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި އެ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހިރިމަރަދޫ ކައުންސިލް އުވާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ޣަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް އެ ރަށު ރައްޔިތުން، ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާންޖެހޭ ގޮތަށް ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅައި، އެ ރައްޔިތުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާ ނިންމުމަކީ ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާ ކަޑައެޅިގެން ހިލާފުކަމެއް،" ޣަފޫރު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން މި ސަރުކާރުން ނިންމީ ފެބްރުއަރީ 1، 2025 ގަ އެވެ. ސަރުކާރުން އެގޮތަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ސެޕްޓެމްބަރު، 2024، ގައި އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފަ އެވެ.
ނަމަވެސް އޭރު އެ ރަށުގެ ރައްޔިތުން ބޭނުންވީ ކ. ތުލުސްދޫއަށް ބަދަލުވާންށެވެ. ހަނިމާދޫ އަކީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވެގެން ސިޓީ ފޮނުވި ދެވަނަ ރަށެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް، ހަނިމާދޫގައި ގެތައް އެޅުމުގެ މަޝްރޫއު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިދިޔަ އޮގަސްޓް 24، ގައި ވަނީ ހަވާލުކޮށްފަ އެވެ.
އެޗްޑީސީއައެކު ސޮއިކުރި ދުވަހު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މުނިސިޕަލް މަސައްކަތް ހިމެނޭހެން އެ މަސައްކަތް އެއްކޮށް ނިންމައި 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށެވެ. ހިރިމަރަދޫގައި މިވަގުތު 150 އަށްވުރެ ގިނަ ގޯތި ދޫކޮށްފައި އެބަ އޮތެވެ.
ގޯއްޗާއެކު މިހާރު އުޅެމުންދާ ގެތަކުގެ ބަދަލުގެ ގޮތުގައި ވެސް ދައުލަތުން ފައިސާ ދޭނެ ކަމަށާއި އެ އަދަދު އިތުރުވާނެހެން މިހާރު ބަދަލުދެމުންދާ އުސޫލު މުރާޖައާ ކުރައްވާނެ ކަމަށް ވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް، ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު 7، ގައި އެ ރަށުގައި ހަތަރު މިލިއަންނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުނި މެނޭޖުކުރާ ސެންޓަރެއް ގާއިމުކުރަން ބިލްޑްޓެކް ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ޖުމްލަ 4.10 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއު ބިލްޑްޓެކްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ބީލަމަށް ނުލައި ބަހާލި ސަރުކާރުގެ 206 ޕްރޮޖެކްޓުއް ހަވާލުކުރުމަށް ބާސެލޯ ނަސައްދުރާގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ