ގައުމީ ޓީމުގެ ކާމިޔާބާ އެކު ގޯލްޑަން ވެސް މި ފަަހަރު އުނދަގޫވާނެ ގައުމީ ޓީމުގެ ކާމިޔާބާ އެކު ގޯލްޑަން ވެސް މި ފަަހަރު އުނދަގޫވާނެ

ގައުމީ ފުޓްސަލް ޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ކާމިޔާބީގެ ސަބަބުން މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ޓީމުތައް ވެސް ކަންކަން ދަސްކޮށްގެން ކުރިއަށްދާތީވެ، ކުރިއަށް އޮތީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ އުނދަގޫ ގަދަ 16 ބުރަށް ވާނެ ކަމަށް ހދ. ނައިވާދޫގެ ކޯޗު، އަހުމަދު ނާޝިދު (ނާއްޓެ) ބުނެފި އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕް، ނައިވާދޫން މި ފަހަރުގެ ގޯލްޑަންގައި ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެ ޓީމުން ވަނީ ހދ. އަތޮޅުގެ ތަށްޓާއި ޒޯން އެކެއްގެ ތަށި ހޯދައިފަ އެވެ.
ނައިވާދޫން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުތްއިރު އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު ގައުމީ ފުޓްސަލް ޓީމާ އެކު ހުރުމުން ޓީމަށް އުނިކަމެއް އައިއިރު، ޓީމުގެ ބައެއް އެހެން ކުޅުންތެރިން އަނިޔާގައި ތިބުމުން ޗެލެންޖު އިތުރަށް ބޮޑުވި އެވެ. އެކަމަކު، އެ ހުރިހާ ކަމަކުން އަރައިގަނެ، އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 އަށް އަނެއްކާ ވެސް ދަތުރުކޮށްފަ އެވެ.
ނާއްޓެ ބުނީ، އަހަރަކަށް ވުރެން އަހަރެއް ރާއްޖޭގެ ހުރިހާ ފުޓްސަލް ކުޅުންތެރިން ވެސް ތަފާތު ބޮޑުކޮށް ކުޅުން ރަނގަޅުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، މި ފަހަރު އެެހެން އަހަރުތަކާ ހިލާފަށް މުބާރާތް ވަރަށް ޗެލެންޖިންވެފައި އުނދަގޫވާނެ ކަމަށް ނާއްޓެ ދެކެ އެވެ.
"ދެން މިހާރު ރާއްޖޭގެ ފުޓްސަލް ޕްލޭޔަރުން މި ހޯދި ކާމިޔާބީގައި ހިއްސާ އެބައޮތް ހުރިހާ ޓީމެއްގެ ވެސް، އެހެންވީމަ، ވަރަށް ބައިވަރު އެއްޗެހި ދަސްކޮށްގެން ހުރިހާ ޓީމެއްގެ ޕްލޭޔަރުން ވެސް މި އައީ، އެހެންވީމަ މި ފަހަރު ވާނެ ކަންނޭނގެ މި މުބާރާތުގެ އެންމެ އުނދަގޫ ރައުންޑް އޮފް 16 އަށް، އަަހަރެމެންގެ އަޒުމަކީ ފައިނަލަށް ރީޗްވުން، މިދިޔަ އަހަރުގެ ވެސް ޓާގެޓް، ފުރަތަމަ ފައިނަލް،" ކުރިން ނައިވާދޫ އަށް ކުޅެފައިވާ ނާއްޓެ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދިއުމަށް ބަލާއިރުު އެންމެ ގޮންޖެހުން ބޮޑު ދެ އަތޮޅަކީ ހއ. އާއި ހދ. އެވެ. އެ ދެ އަތޮޅު ބުރުގައި ވެސް ނިިސްބަތުން ބަލާއިރު އެހެން އަތޮޅުތަކަށް ވުރެން ކުޅެން ޖެހޭ މެޗުތައް ގިނަ އެވެ. އެހެންކަމުން، ނައިވާދޫން ފުރަތަމަ އޮތް ބޮޑު ޗެެލެންޖާ ކުރިމަތިލީ، ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ) އަދި އިބްރާހިމް ނާޖިހު (ހޭޓް) ނުލަ އެވެ.
މުުހިންމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން ނައިވާދޫން ޓީމު ރޫހު ކުރިއަށްވުރެން ރަނގަޅުކޮށް، ކުރި މަސައްކަތުން ބޭނުންވި މަންޒިލަށް ވާސިލްވެވުނެވެ.
"އަހަރެމެންގެ ސްކޮޑު ޔަންގް ޕްލޭޔަރުން ލައިގެން ފުރަތަމަ ކޮޅު އަހަރެމެން ކުޅެން ޖެހުނީ، ތި ކުރިން ބުނިހެން، ދެން، ހަމަ ހުރިހާ ޕްލޭޔަރުންގެ މަސައްކަތް މީގެ ހަމަ، އެންމެ މުުހިންމީ، އެ މީހުން އަހަރެމެންގެ ސީނިއާ ޕްލޭޔަރުން ނެތްތަން ފޫބައްދަން ހަމަ، ޓީމެއްގެ ގޮތުގައި މެނޭޖްމަންޓާ އެކީގައި ހަމަ ކުރި ހުރިހާ މަސައްކަތެއްގެ ނަތީޖާ މިއީ،" ނާއްޓެ ބުންޏެވެ.
ގަދަ 16 ބުރުގައި ނައިވާދޫން މިރޭ 20:00 ނުކުންނާނީ މ. އަތޮޅުގެ ޗެމްޕިއަން، ދިއްގަރާ ދެކޮޅަށެވެ.
ގަދަ 16 ބުރުގެ މެޗުތައް:
16:00: ރ. ދުވާފަރު - ސ. ހިތަދޫ
16:00: ބ. އޭދަފުށި - މާލެ، މައްޗަންގޯޅި
20:00: ހދ. ނައިވާދޫ - މ. ދިއްގަރު
20:00: އއ. މަތިވެރި - ލ. އިސްދޫ
21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ
21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ
22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު
22:45: ކ. ގާފަރު - މާލެ، ވިލިމާލެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ