އީރާނުގެ މަނަވަރުގެ 238 ފަޅުވެރިން ލަންކާއިން ގައުމަށް ފޮނުވާލައިފި

އެމެރިކާއިން އީރާނުގެ މަނަވަރުތަކަށް ދިން ހަމަލާއަކާ ގުޅިގެން، މަހަކަށްވުރެ ގިނަ ދުވަހު ސްރީ ލަންކާގައި ތާށިވެފައި ތިބި އީރާނުގެ 200އަށް ވުރެ ގިނަ ފަޅުވެރިން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.
ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަރުނާ ޖަޔަސޭކަރަ ވިދާޅުވި ގޮތުގައި، 'އައިރިސް ދޭނާ' މަނަވަރުގެ 32 ފަޅުވެރިންނާއި 'އައިރިސް ބުޝެހެރް' މަނަވަރުގެ 206 ފަޅުވެރިން، މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުރާފައިވަނީ 30 ދުވަހުގެ ވިސާ ހަމަވުމާ ގުޅިގެންނެވެ. މި މުއްދަތުގައި އެ މީހުން ބައިތިއްބާފައިވަނީ އަސްކަރީ މަރުކަޒުތަކުގަ އެވެ.
އިންޑިއާއިން ބޭއްވި އަސްކަރީ ތަމްރީނުތަކެއް ނިންމާލުމަށް ފަހު އެނބުރި ދަނިކޮށް، 4 މާޗުގައި އެމެރިކާގެ ޓޯޕިޑޯ ހަމަލާއެއް އަމާޒުވެ 'އައިރިސް ދޭނާ' މަނަވަރު ވަނީ ލަންކާގެ ދެކުނު އައްސޭރިން ގާތްގަނޑަކަށް 40 ކިލޯމީޓަރު ބޭރަށް އަޑިއަށް ގޮސްފަ އެވެ. މި ހާދިސާގައި 104 ފަޅުވެރިން މަރުވި އެވެ.
އީރާނުގެ ދެވަނަ މަނަވަރު ކަމަށްވާ 'އައިރިސް ބުޝެހެރް'އަށް ދިމާވި އިންޖީނުގެ މައްސަލައަކާ ގުޅިގެން، 5 މާޗުގައި ބަނދަރު ކުރުމުގެ ހުއްދައަށް އެދުމުން، އެ މަނަވަރު ވަނީ ލަންކާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ވެސް ޓްރިންކޯމަލީ ބޭރުގައި ބާއްވާފައިވާ މި މަނަވަރު ބެލެހެއްޓުމަށްޓަކައި އީރާނުގެ 15 ފަޅުވެރިން ލަންކާގައި މަޑުކޮށްގެން އެބަތިއްބެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ ވިދާޅުވީ، އެ ގައުމުން މި ފިޔަވަޅުތައް އެޅީ އިންސާނީ އެހީތެރިކަމުގެ ނަޒަރަކުން ކަމަށެވެ. އަދި އިންސާނިއްޔަތު ރައްކާތެރިކުރުމަށް އެ ގައުމުން ދުވަހަކު ވެސް ފަސްނުޖެހޭނެ ކަމަށާއި މި ކަމުގައި އަމަލުކުރީ ވަކި ފަރާތަކަށް ނުޖެހި، އިންސާނީ ފުރާނަ ސަލާމަތްކުރުމުގެ މަގްސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއަކީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަމަނުޖެހުންތަކުގެ ކުރީކޮޅު ފެނިގެންދިޔަ ނުރައްކާތެރި ކުރިމަތިލުމެކެވެ. މި ހަމަނުޖެހުންތައް މިހާރު ވަނީ މުޅި ސަރަހައްދަށް ފެތުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ