ފޭދޫ ކޯޓުން އެދުނު މައުލޫމާތު ނުފޮނުވުނީ އެ މައުލޫމާތު ލިބައިނެތުމުން، ކޯޓުގެ ހުރުމަތެއް ނުކަނޑަން: ޕީޖީ އޮފީސް

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާކޮށްފައިވާއިރު، ފޭދޫ ކޯޓުން އެދުނު ދުވަހަށް އެދުނު މައުލޫމާތު ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ ޕީޖީ އޮފީހުގައި މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީކަމަށް އެ އޮފީހުން  ވިދާޅުވެއްޖެއެވެ.
ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރުމުން މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ އެ އޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީ ކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވިގޮތުގައި ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯދޭނެއެވެ.
''އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މިއޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ކަމެއްގައި، މިއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ،  އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.'' ޕީޖީ އޮފީހުން ވިދާޅުވެފަވެއެވެ.
ޕީޖީ އޮފީހުގައި ހުރި މަޢުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ އެ އޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫން ކަމަށާއި، އެ އޮފީހުން ކޯޓަށް ހުށަހަޅާ މއްސަލައެއްގައި، އެ އޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމުން އަންނަކަމަށާއި، އެކަމުގައި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފަވެއެވެ.
''ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންނެވެ. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، މިއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެންނެވެ.'' ޕީޖީ އޮފީހުން ވިދާޅުވެފަވެއެވެ.
އެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އެ އޮފީހުގައި ނެތް މަޢުލޫމާތެއް،  ކޯޓަށް ހުށަނާޅައިގެން ހިނގި ކަމެއްގައި، އަމުދުން އެކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުން ބަޔާންކުރާ މާއްދާ ގައި، އެމާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ"ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ