އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ވީ ކިހިނެެއް؟ - މާދަމާ ހަވީރު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވާއިރު ޖަލު ހުކުމެއް އިއްވާފައިވާ ޕީޕީއެމްގެ ރައީސް ޔާމީން ހުންނެވީ ގޭބަންދެއްގަ އެވެ. އެ ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު މަޖިލީހުން ވަނީ ޔާމީނަށް ވެސް ފޮނުވާފަ އެވެ.
ތަފްސީލް - ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ލިބިފައިވީ ނަމަވެސް އެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވާނެކަން ޔާމީންގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަންގާފައިވާ ކަމަށެވެ.
ޔާމީން އެ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ "ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި އަދި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ" ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އާއެކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ޔާމީން ނިންމެވީ."
ފަސްމަންޒަރު - އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ވ. އާރަށު މުއާމަލާތާ ގުޅިގެން، ރިޝްވަތު ގަބޫލުކުރުމާ އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެގެން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ މިދިޔަ 25 ޑިސެމްބަރުގަ އެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ވެސް ބަންދުވި އެވެ.
އެ ހުކުމް މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފު މަރުހަލާގަ އެވެ.
މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވަޑައި ނުގަންނަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ