އެމްއެންޔޫއިން ޕްރޮޕަޓީ މެނޭޖްމެންޓް ދާއިރާގެ ކޯހެއް ހިންގަން އެއްބަސްވުމެއް
ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަށް ކޯހެއް ހިންގަން މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެކަމަށްޓަކައި ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހައުސިން އެންޑް އާބަން ޑެވޮލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރާއި ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހަމޫދު ޝައުގީ އާއި، ގައުމީ ޔުނިވާސިޓީގެ ވައިސް ޗާނަސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު މަހަމޫދު ޝައުގީ ވިދާޅުވީ، ސްޓްރާޓާ މެނޭޖްމެންޓްގެ ދާއިރާއިން ކޯސްތަކެއް ފަރުމާކޮށް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި، މި ކޯސްތައް އެމްއެންޔޫއާ ހަވާލުކޮށްގެން ހިންގަން ނިންމެވީތީ، މިނިސްޓަރު ހައިދަރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. ''މި ކަމުން އަޅުގަނޑުމެންނަށް ދޭހަ ވަނީ މި ޔުނިވާސިޓީއާ މެދު ސަރުކާރަށް އޮތް ޔަގީންކަން,'' އޭނާ ވިދާޅުވިއެވެ. ހައުސިން އެންޑް އާބަން ޑެވޮލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އެ ރަސްމިއްޔާރުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްއެންޔޫ މި ރަސްމިއްޔާތުގައި ހައިދަރު ވިދާޅުވީ، އެ ކޯހުން ޕްރޮޕަޓީ މެނޭޖްމެންޓު ދާއިރާގެ ފަންނީ ކަންތައްތަކާއި ގާނޫނީ ކަންތައްތައްކާއި އިދާރީ ކަންތައްތައް އުނގަންނައިދޭނެކަމަށެވެ. ''އަޅުގަނޑުމެންގެ މަގުސަދަކީ ރައްޖޭގައި ހުރި މިކަހަލަ ހުރިހާ ކަމެއް ވެސް ވީހާވެސް ރަނގަޅަށް ހަމައަކަށް އަޅުވައިގެން ގަވާއިދުތަކާއި ގާނޫނުތައް ހެދިގެން އެއަށް ތަބާވާނެ ރައްޔިތުން އުފައްދައިގެން އަޅުގަނޑުމެންނަށް ހަމަޖެހޭ ދިރިއުޅުމެއް ގެނެސްދިނުން،'' އޭނާ ވިދާޅުވިއެވެ. ހައިދަރު ވިދާޅުވީ އެ ކޯހުގެ ބައިވެރިން ބޮޑެތި އިމާރާތްތައް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މީގެ އިތުރު ކޯސްތައް ވެސް ކުރިއަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމުގެ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމް ސާދަ ހަފުތާގެ ތެރޭގައި އެކުލަވާލާނެ ކަމަށް އެމްއެންޔޫގެ ބިޒްނަސް ސްކޫލްގެ ޑީން އަބްދުލް ރަހްމާން މުބާރިކް ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް މި ޕްރޮގްރާމްގެ ކުރިއަށް ގެންދިޔުމަށް ހަމަޖެހަފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ، އިމާާރާތްތައް މެނޭޖުކުރާ ފަރާތްތަކަށް ސެޓްފިކޭޝަނެއްގެ ގޮތުގައި ހިންގާ ކޯހެއް ކަމަށް އެމްއެންޔޫއިން މައުލޫމާތު ދިނެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ޔުނިވާސިޓިގެ ކޯސްތަކުގެ ތެރޭގައި ސްޕެޝަލައިޒޭނެއްގެ ގޮތުގައި މި ދާއިރާ ހިމަނާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ