ދުނިޔޭގެ އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް، އޯޝަންމޭން ގްލޯބަލްގެ އިވެންޓެއް ރާއްޖޭގައި ބާއްވަން ސްވިމް މޯލްޑިވްސް އިން އިއުލާނުކޮށްފައިވާއިރު، މިހާތަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މި އިވެންޓްގެ ރާއްޖޭގެ ހޯސްޓް، ސްވިމް މޯލްޑިވްސް އިން ބުނެފި އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ވުޖޫދުވި، އޯޝަންމޭން ގްލޯބަލް އިވެންޓަކީ، ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މި އިވެންޓްގެ މަގުބޫލުކަން އިތުރުވެ، އަހަރުން އަހަރަށް ފުޅާވެގެންދިއުމުގެ ނަތީޖާ އަކަށްވީ، މި އިވެންޓްގެ، ފްރެންޗައިސެއްގެ ދަށުން ކޮންމެ އަހަރަކު ތަފާތު 26 ގައުމެއްގައި އިވެންޓް ބޭއްވޭއިރު، ޖުމްލަ، 38 ރޭސް ކުރިއަށްދެ އެވެ. އޭގެ ތެރެއިން ކޮންމެ ރޭހެއްގައި 1500-2000 އަދަދަށް ފެތުންތެރިން ބައިވެރިވެ އެވެ.
ވިޒިޓް މޯލްޑިވްސް އިން އެންޑޯޒްމަންޓް ލިބިފައިވާ، އޯޝަންމޭން ގްލޯބަލްގެ ރާއްޖޭގެ އިވެންޓް ކުރިއަށްދާނީ، އަންނަ އަހަރުގެ އޭޕްރިލް މަހު ކ. މާފުށީ ބިކިނީ ބީޗުގަ އެވެ. މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު، އޮކްޓޫބަރު މަހު 10 ވަނަ ދުވަހު ހުޅުވާލައިފައިވާއިރު، މިހާތަނަށް 26.80 ޕަސެންޓް ޖާގައަށް ބައިވެރިވެފަ އެވެ. އެއީ، ޖުމްލަ 19 ގައުމަކުން 142 ބައިވެރިންނެވެ.
ފެތުންތެރިން ވާދަކޮށްފައިވާ ގައުމުތަކަށް ބަލާއިރު، ރާއްޖޭން 34 ފެތުންތެރިންނާއި ރަޝިއާ އިން 27 ފެތުންތެރިންނާއި މެލޭޝިއާ އިން 20 ފެތުންތެރިންނާއި ތައިލެންޑުން 17 ފެތުންތެރިންނާއި އިންޑޮނޭޝިއާ އިން 16 ފެތުންތެރިންނާއި ސިންގަޕޫރާއި ޖަޕާން އަދި ފިލިޕީންސް، ކޮންމެ ގައުމަކުން ހަތަރު ފެތުންތެރިންނާއި އިންޑިއާ އިން ތިން ފެތުންތެރިންނާއި އިޓަލީ އާއި ދެކުނު އެފްރިކާ، ކޮންމެ ގައުމަކުން ދެ ފެތުންތެރިންގެ އިތުރުން، ވިއެޓްނާމް، ކެނަޑާ، ނެދަލެންޑްސް، ފްރާންސް، އިންގްލެންޑް، މަކާއު، މެކްސިކޯ އަދި ސްލޮވީނިއާ، މީގެއިން ކޮންމެ ގައުމަކުން އެއް ފެތުންތެރިއެކެވެ.
އޯޝަންމޭން ގްލޯބަލް ރާއްޖޭގައި ކުރިއަށްދާނީ، 10 ކިލޯމީޓަރު ފެތުން، ފަސް ކިލޯމީޓަރު ފެތުން، ދެ ކިލޯމީޓަރު ސްޕްރިންޓް، އޯޝަންފިންސް 2 ކިލޯމީޓަރު، އޯޝަން ކިޑްސް، އަދި އޯޝަން ޓީމްސް އެވެ. މި އިވެންޓްތަކުން ވާދަކުރާއިރު، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ފެތުންތެރިންނަށް އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އެ މުބާރާތަކީ، ހަމައެކަނި ކޮލިފައިވެގެން ބައިވެރިވެވޭ ގޮތަށް އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން، އޯޝަންމޭން ގްލޯބަލްގެ މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިންނާއި، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިންނަށް މެޑެއްޔާއި، ޓްރޮފީ ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު، ސްވިމް މޯލްޑިވްސްއާ ކޮންޓްކެޓް ކޮށްގެން ކުރިއަށްދިއުމަށް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ސްވިމް މޯލްޑިވްސް އަކީ ރާއްޖޭގައި ފެތުން ޕްރޮމޯޓްކުރުމަށް އަމިއްލަ އަށް އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ޖަމިއްޔާ އެކެވެެ.
ދުނިޔޭގެ މަގުބޫލް އޯޝަންމޭންގެ އޯޕަން ވޯޓާ ރޭހެއް ރާއްޖެ އަށް ދުނިޔޭގެ މަގުބޫލް އޯޝަންމޭންގެ އޯޕަން ވޯޓާ ރޭހެއް ރާއްޖެ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ