މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން ހޮވުމަށް، އެ މަގާމަށް ކުރިމަތިލި މީހުންގެ އިންޓަވިއުގައި، މީޑިއާތަކާ ދޭތެރޭ ފިޔަވަޅު އަޅަން ކެރޭނެތޯ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސުވާލުކުރައްވައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ތިން މަގާމަށް ކުރިމަތިލި 10 މީހުންނާއެކު މިއަދު ބޭއްވި އިންޓަވިއުގައި، މީޑިއާއަށް ފިޔަވަޅު އަޅަން ކެރޭނެތޯ ސުޖާއު އެއްސެވީ، ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތުއާ އެވެ.
ސުވާލު ކުރައްވަމުން ސުޖާއު އެއްސެވީ، މީޑިއާއަކުން ގެނެސްދޭ ހަބަރަކާއި ނުވަތަ ކޮންޓެންޓަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި އެކަން ތަންފީޒުކުރަން ކެރޭނީ ކިހާވަރަކަށްތޯ އެވެ.
"އެކަހަލަ މައްސަލައެއް ކޮމިޝަނަށް ހުށަހެޅޭ ހާލަތެއްގަ، ފަހަތު ފަޔަށް ބުރަނުވެ، އެކަމާ ދޭތެރޭ ކެރިގެން، އިންސާފުވެރިކަމާ އެކީގަ ފިޔަވަޅު އަޅަން ފަރުސަތަށް މަގާމު ލިބިއްޖިއްޔާ ކެރިވަޑައިގަންނަވޭނެތޯ،" ޝުޖާއު ވިދާޅުވި އެވެ.
ނޫސްތަކާއި ނޫސްވެރިން ކުރާ ޕްރެޝަރަށް އަދި ނުފޫޒަށް ނުބަލައި ފިޔަވަޅު އަޅަން ކެރޭނެތޯ ވެސް އޭނާ އެއްސެވި އެވެ. ކޮމިޝަނުގެ މެންބަރުންގެ ފޮޓޯ "އެކޮޅު ކޮޅުން" ޖަހައި ސޯޝަލް މީޑިއާ ޕޯސްޓުކޮށްފާނެ ކަމަށާއި އެފަދަ ކަމަށް ފަރުސަތު ސިހޭނެތޯ ޝުޖާއު އެއްސެވި އެވެ.
ޖަވާބުގައި ފަރުސަތު ވިދާޅުވީ، ދަންނަ މީހެއް ނަމަވެސް، އަމިއްލަ އާއިލާގެ މެންބަރެއް ނަމަވެސް އާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހުމުން އެކަން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ އަދި އދ. ހިމެނެ އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން ގިނަ މީޑިއާތަކުން ބަލައެއް ނުގަނެ އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވެސް މީޑިއާތަކުގެ ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
އިންޓަވިއުގައި ޝުޖާއު އެދުނީ މީޑިއާތަކަށް "ފިޔަވަޅު" އަޅަން ކެރޭނެކަން ސާބިތުކޮށްދޭން އިންޓަވިއުގައި ޝުޖާއު އެދުނީ މީޑިއާތަކަށް "ފިޔަވަޅު" އަޅަން ކެރޭނެކަން ސާބިތުކޮށްދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ