އެމެރިކާގެ 'ނޯ ކިންގްސް' މުޒާހަރާގައި 7 މިލިއަން މީހުން ބައިވެރިވެއްޖެ

'ނޯ ކިންގްސް'ގެ ނަމުގައި އެމެރިކާގެ 50 ސްޓޭޓްގެ އެކި ސިޓީތަކުގައި ބޭއްވި މުޒާހަރާގައި އެތައް މިލިއަން ބަޔަކު ބައިވެރިވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލައިފި އެވެ.
ނަމަވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުން ބުނީ އެއީ ނަފުރަތު އުފެއްދުމަށް ބޭއްވި މުޒާހަރާއެއް ކަމަށެވެ. 
ނިއު ޔޯކުން ލޮސް އެންޖެލިސްއާ ހަމައަށް އިއްޔެ ދަމާލި މުޒާހަރާތަކުގައި ހަތް މިލިއަން މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނެ އެވެ. އެ މުޒާހަރާތައް އެމެރިކާގެ ކުދި ސްޓޭޓްތަކުން ފެށިގެން ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގެކޮޅު ކައިރީގައި ވެސް އެ މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.
"މިއީ ހަގީގީ ޑިމޮކްރަސީއަކީ،" ގާނޫނީ ހުސްކަމާ ހެދި ތިން ވަނަ ހަފުތާއަކަށް ބަންދުގެ މުއްދަތު ދެމިގެންދާ އެމެރިކާގެ ކެޕިޓޮލް ކައިރީގައި ވެސް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން އެ މީހުން ބުންޏެވެ.
ތަފާތު ކުލަކުލައިގެ ނިޝާންތައް ބޭނުން ކުރި ބެނާ ފަދަ ތަކެތި ހިފައިގެން ކުރި މުޒާހަރާގައި ގޮވާލާފައިވަނީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށެވެ. އަނެއް ބަޔަކު ގޮވާލާފައިވަނީ ޓްރަމްޕް ހިޖުރަވެރިންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ މައި ތަނބު، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އޭޖެންސީ އުވާލުމަށެވެ.
ނޫސްވެރިންނާއި ވާދަވެރި ސިޔާސީ ފަރާތްތަކާއި ގާނޫނީ ހައިސިއްޔަތެއް ނެތް ހިޖުރަވެރިންނަށް ހަމަލާ ދިނުމުގައި އިސްކޮށް ހުންނަވާ، ރިޕަބްލިކަން ޕާޓީގެ ބިލިއަނަރުގެ ހަރުކަށި އަމަލުތައް ކުށްވެރިކޮށް ފާޑުކިޔައިފަ އެވެ.
ނިއު ޔޯކުގެ ރަސްމީ ފަރާތްތަކުން ބުނި ގޮތުގައި، އެ ސްޓޭޓްގައި ބޭއްވި މުޒާހަރާގައި މަދުވެގެން 100،000އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި ވޮޝިންޓަން ޑީސީގައި 8،000 އާއި 10،000އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި ކަމަށް އެ ތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ