ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގެ ހަމަތަކަށް ތަބާވަނީ ހަމައެކަނި ޕީއެސްއެމް: ސަފާ

ރާއްޖޭގައި މީޑިއާއަކަށް ބަލަންޏާ ހަމަތަކާއި އުސޫލުތަކަށް ތަބާވަނީ ހަމައެކަނި، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު މިއަދު ސިފަކުރައްވައިފިއެވެ. މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން ބްރޯޑްކާސްޓް މީޑިއާއާއި ނޫސްތައް އެއްކޮށްލައިގެން އުފައްދާ އާ ކޮމިޝަނަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ސުވާލުކޮށްފައެވެ. އޭގެ ތެރެއިން ތިންވަނަ އަށް ސުވާލުކުރީ ސަފާ އާ އެވެ. އަމިއްލައަށް ތައާރަފްވުމަށް ކޮމިޓީން ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން، 2006އިން ފެށިގެން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާ ސަފާ ވިދާޅުވީ، ދިވެހިރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކުގެ ތެރެއިން އެންމެ ބޮޑަށް ހަމަތަކުގައި ހިފަހައްޓަނީ ޕީއެސްއެމް ކަމަށެވެ. "ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޕީއެސްއެމްއޭ ޓީވީއެމްއޭ ބުނީމަ ހަމަ ތިބޭފުޅުންނަށްވެސް ގަބޫލުފުޅުކުރެއްވޭނެ ކަންނޭނގެ ވަރަށް ބޮޑަށް ޑިސިޕްލިން ހިފަހައްޓައި އެތިކްސް ފޮލޯކުރާ ތަނެއް، ރާއްޖޭގައި ދެން ހަމަ މީޑިއާއަކަށް ބަލަންޏާ އެންމެ ބޮޑަށް އެތިކްސް ފޮލޯކުރާނީ ޕީއެސްއެމާއި ޓީވީއެމް،" އޭނާ ވިދާޅުވިއެވެ. ޞަފާ ޝަފީގު: އޭނާ ވަނީ ބްރޯޑްކޮމްގެ ރައީސްކަން ކުރައްވައިފަ -- ފޮޓޯ/ ރައީސް އޮފީސް ވުމާއެކު ޓީވީއެމުން ބައިވަރު ކަންކަން އޭރު ދަސްވި ކަމަށް، ޓީވީއެމްގައި ޕްރެޒެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސަފާ ވިދާޅުވިއެވެ. ސަފާ ވިދާޅުވީ، އޭނާ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމާ ހަވާލުވިފަހުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ބެލުން 10 ގުނަ އިތުރުވި ކަމަށާއި، ބްރޯޑްކާސްޓިން މީޑިއާތައް މޮނިޓާކުރާ ސިސްޓަމް ހަލާކުވެފައިހުރި ނަމަވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަތައް ބަލާފައިވާނެ ކަމަށެވެ. "ރޫލްސް އެންޑް ރެގިއުލޭޝަންސްއަކީ އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ އެއްޗެއް، އަޅުގަނޑު ގަބޫލެއްނުކުރަން ހަމައެކަނި އިންނާނީ ފްރީޑަމް އޮފް ސްޕީޗެކޭ، އެއާއެކު އޮންނާނެ ފްރީޑަމް އޮފް ރެސްޕޮންސިބިލިޓީ އިނގޭތޯ،" ސަފާ ވިދާޅުވިއެވެ. މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިތުރަށް ކޮމިޓީގައި ވާހަކަދައްކަވަމުން ސަފާ ވިދާޅުވިގޮތުގައި ދަރިފުޅަށް ނޫސް ކިޔައިދޭން ބަރާބަރަށް ނޫސް ކަރުދާސް ގަންނައިރު، ގިނަ ސަފުހާތަކެއް ޖެހެނީ ފޮރުވާށެވެ. އެއީ ރަނގަޅު ނޫހެއް ކަމަށް ވިދާޅުވި ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކުދިންނަށް ނޫހުގައިވާ ސަފުހާތައް ނުދެއްކެނީ އެ ނޫހުގައި ކުދިންނަށް ނުދެއްކޭނެ މައުލޫމާތުތަކެއް ހުންނާތީއެވެ. ހަމަ އެއާއެކު ބައެއް ޗެނަލްތަކުން ގެނެސްދޭ މައުލޫމާތުތަކުގެ ސަބަބުން ދަރިންނަށް އެ ޗެނަލްތައް ދައްކަން ކެރިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ގިނަ ފަހަރަށް ޓީވީ ނުދައްކަން، އަޅުގަނޑު ޓީވީއެމް ފަހަރެއްގައި ވެސް މި ދެންނެވީ، އެކަހަލަ މަދު ޗެނަލެއް ހުންނަނީ ނުވަތަ މަދު ޕްރޮގްރާމެއް ހުންނަނީ އަޅުގަނޑުމެންނަށް ދެއްކޭ،" މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު، އޭރު ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްނުކުރަނީސް ސަފާ ވަނީ މި ގާނޫނު ބިލެއްގެ ގޮތުގައި އޮތްއިރު، ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށާއި، ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުދެކޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކޮމިޝަންގެ މެންބަރުން، ވަނީ މި ބިލުގެ މަގްސަދަކީ މީޑިއާ ޒިންމާދާރު ކުރުމަށް މަސައްކަތް ކުރުންކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ބޮޑު ބިލެއް އެކުލަވައިލާއިރު، މަޝްވަރާއާއި ދިރާސާ މުހިންމު ކަމަށް ވިދާޅުވިއެެވެ. އަދި ޚިޔާލު ހޯދަންވާނީ ބިލު ޑްރާފްޓުކޮށް ނިންމައިފައި ނޫންކަމަށް ވެސް ކޮމިޝަނުން އެ ދުވަހުގެ ބައްދަލުވުމުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ